ފެބްރުއަރީ 7 ވަނަ ދުވަހު ނުކުމެ ބަޑިޖެހިނަމަ މިއަދުވެސް ވެރިކަމުގައި ހުންނަވާނީ އެމަނިކުފާނުކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑިމޮކްރެޓްސްގެ ބާނީ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްއިން ހއ މުރައިދޫގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދުވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސް ސާލިހު ރަށްތަކަށް އަރާވަޑައިގަންނަވާއިރު، ފުރަމަތަ ޕޮލިސް ކޯޑަން އަޅުއްވާކަމަށެވެ. އަދި ލައިނު ދަމާލުމަށްފަހު އޭގެ ވަށައިގެން ކަރަންޓު މުގުރާއި ދަގަނޑު ޝީލްޑު އަދި ޕެޕަރސްޕްރޭ ޖަހާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ހުންނަވަނީ ރީންދޫ ކުލައިން އަޅާފައިވާ އައިސިންގް ކޭކެއްގެ ތެރޭގައިކަމަށެވެ، ރައީސް ނަޝީދު ވިދާޅުވީ، އެ ކޭކުގެ ތެރޭގައި ހުންނަވައިގެން ކުޅުއްވަނީ ފިލްމެއްކަމަށާއި އެ ފިލްމުންވެސް ލިބިވަޑައިގަންނަވަނީ 15 އިންސައްތަކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އަދިވެސް ފެނަންމުންދަނީ ރަނިނގްމޭޓުގެ ޓޭޕު ކަނޑުއްވަމުންދާ މަންޒަރުކަމަށެވެ. އަދި މިހާރު ކެމްޕެއިން ހިންގަމުންދަނީ ގައިރު ހާޒިރުގައިކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ދޮރުން ދޮރަށް ހިންގަމުންދާކަމަށާއި އެގޮތުން ދިއްދޫއަށް ކުރެއްވި ޒިޔާރަތުގައި 60 ގެއަށް ވަދެވަޑައިގެންނެވިކަމަށާއި މުޅި ދިއްދޫ ހުސްކޮށް ނެގިފައިވާކަމަށް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މި އިންތިހާބުގައި ރައީސުލްޖުމުހޫރިއްޔާ ބަދަލުކުރުމަކީ ރައްޔިތުންނާއި އެމްޑީޕީ އަދި ޑިމޮކްރެޓުންނަށްވެސް އެންމެ ރަނގަޅު ގޮތްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އަނެއްކާވެސް ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް މޫލުމަށް ބޭނުންވެވަޑައިނުގަންނަވާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، މޫ ނުލާކަން ޔަގީންކުރުމުގެ ގޮތުން ރާއްޖެއިން އެ ސަގާފަތް ގެއްލިގެންދާންދެން ރައީސުން ބަދަލުކުރަމުންދާންޖެހޭކަމަށެވެ. އެގޮތުން މި ފުރުސަތުގައި އެކަނި ނޫންކަމަށާއި 2023 ވަނަ އަހަރުގެ އިންތިހާބަށްފަހުވެސް ރައީސް ބަދަލުކުރަން އެކަށީގެންވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތްތާނގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ވޯޓު ނުދިނުމަށް ރައްޔިތުންގެ ގާތުގައި ވިދާޅުވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ބޭނުންވެވަޑައިގެންނެވި ނަމަ ވެރިކަމުގައި ހުރެވުނީސްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފެބްރުއަރީ 7 ވަނަ ދުވަހުގެ ހަމަނުޖެހުންތަކުގެ ތެރޭގައި ބަޑިޖެހުމަށް އަމުރުކުރިނަމަ މިއަދުވެސް ވެރިކަމުގައި ހުންނާނީ އެމަނިކުފާނުކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މުހިންމޫ ވެރިކަމުގައި ހުރުން ނޫންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ އަރާމައި ލައްޒަތާއި ޖާހަތު އެނގިވަޑައިގަންނަވާކަމަށާއި އެއަށް އާދަައިގެ މީހަކު ފަސޭހަކަމާއިއެކު ގެއްލިގެންދާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ޑިމޮކްރެސީގެ ބޭނުމަކީ އެފަދަ ކަންކަން ބެލެހެއްޓުންކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނުވަނީ އެމްޑީޕީއާއި ވަކިވެގެންދިއުމުގެ މައުޟޫއަށްވެސް އަލިއަޅުއްވާފައެވެ. އެގޮތުން އެމްޑީޕީއިން އެމަނިކުފާނު ވަކިވިކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ވާހަކަތަކަކީ ކަން ހިގައިދިޔަ ގޮތް ނޫންކަމަށާއި، ދުރުވީ އެމަނިކުފާނު ނޫންކަމަށާއި ޕާޓީ އެމަނިކުފާނާއި ދުރައްޖެހި، އެމަނިކުފާނު ވަކި ކުރީކަމަށް ފާހަގަކުރެެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ދުވަހަކުން ދުވަހަކަށް ބާކީ ކުރަމުންގޮސް ”މަރުގެ ތުންފަތްމައްޗަށް“ އެމަނިކުފާނު ލީ އެމްޑީޕީއިންކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ރައީސްކަމުގެ މަގާމުންވެސް ވަކިކުރުމަށް މަސައްކަތްކުރިކަމަށާއި ލަދެއް ނެތްތޯ ހިތަށް އަރާކަމަށްވެސް ވިދާޅުވިއެވެ.

