ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި މެމްބަރުން، މަޖިލީހުގައި އެޕާޓީ ތަމްސީލުކުރައްވާ ގޮތަށް އިދާރީ ކަންތައްތައް ހަމަ ޖެހެންދެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރުން ލަސްކުރެއްވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ ނިންމާލަން ޖެހިއްޖެއެވެ.
މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފެއްޓެވުމަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާނު ކުރެއްވި ގޮތުގައި ޑިމޮކްރެޓްސްއާއި ގުޅިވަޑައިިގެންނެވި ކަމުގެ ސިޓީ ފޮނުއްވީ އެންމެ ތިން މެމްބަރުންނެވެ. އެއާ އެކު އެމަނިކުފާނު ވިދާޅުވީ ކޮމިޓީތަކަށް މެމްބަރުން ކަނޑައެޅުމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ އެޕާޓީއަށް ސޮއިކުރެއްވި އެހެން މެމްބަރުންގެ ސިޓީ ލިބުމުން ކަމަށެވެ.
މަޖިލީހުގެ އެމްޑީޕީ މެމްބަރުން އެކަމާ ދެކޮޅަށް އަޑު އުފުއްލަވަން ފެށްޓެވުމުން ރައީސް ނަޝީދު ވަނީ ތިން މެމްބަރެއްގެ ނަން އިއްވަވައި މަޖިލީހުގެ ތަޅުން ދޫކުރައްވައި ނުކުމެވަޑައިގަންނަވަން އެ މެމްބަރުންނަށް އަންގަވައިފައެވެ. އެހެން ނަމަވެސް މަޖިލިސް ބްރޭކްއަށް ދިޔަ އިރުވެސް އެ ތިން މެމްބަރުން ތަޅުމުގަ ތިއްބެވިއެވެ.
ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގަަންނަވަން ރައީސް ނަޝީދު އެންގެވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އަށާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އާއި ކެލާ ދާއިރާގެ މެމްބްރު އިބްރާހީމް ޝަރީފަށެވެ.
އެ މެމްބަރުން ނުކުމެވަޑައި ނުގެންނެވުމުން މެމްބަރުން ނެރެން މަޖިލީހުގެ ސެކިއުރިޓީ އޮފިޝަލުންނަށް ވެސް ރައީށް ނަޝީދު އެންގެވި އެވެ.
ތަޅުން ދޫކުރައްވައި ވަޑައިނުގެންނެވި މެމްބަރުންނާއި މުހާތަބު ކުރައްވައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މަޖިލީހުގެ ރައީސްގެ އެންގުން ތަކަށް ޖަދަލު ނުކުރެއްވޭނެ ކަމަށެވެ.
”މި މަޖިލިިސް ހިނގާނީ މި މަޖިލީހުގެ ގަވައިދާ އެއްގޮތަށް. މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ މި މަޖިލީހުގެ ރައީސް. އެކަން މި މަޖިލީހުގެ ރައީސް، ގާނޫނުގައިވާ ގޮތުގެ މަތިން އަބަދުވެސް ކުރަމުން ގެންދާނެ. މެމްބަރުން ރަށްރަށަށް ވަޑައިގެން އުޅުއްވާ ގޮތައް މަޖިލީހުގެ ތަޅުމުގައި ނޫޅުއްވާ. މަޖިލީހުގެ ތަޅުމުގައި ޕެޕާރ ސްޕްރޭއެއް ނުޖެހޭނެ. މުގުރެއް ނުވެއްދޭނެ“ ނަޝީދު ވިދާޅުވި އެވެ.
ޑިމޮކްރެޓްސް އާ ގުޅުނު މެމްބަރުން އެކަން މަޖިލީހަށް އަންގަވަންދެން ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ނަޝީދު ވިދާޅުވި އިރު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ވެސް ހަމަ އެކަނި އެ މައްސަލަ އެވެ.
މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިމުނު އިރު މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތީ ވެސް ކޮމިޓީތައް އެކުލަވައިނުލެވުމުގެ މައްސަލައާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބުރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ ވެސް ކުރިއަށް ނުގޮސް އޮތް އޮތުން ވެސް ގުޅެނީ ކޮމިޓީތަކުގެ މައްސަލައާއި އެވެ.

