ރައީސް ސާލިހުގެ ސަރުކާރުން ކޮންޓްރެކްޓު މަސައްކަތްތައް ހަވާލުކުރުމުގެ ތެރެއިން ހިޔާނާތްތެރިވަމުންދާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފިއެވެ.
ޑިމޮކްރެޓްސްއިން ފުވައްމުލަކުގައިި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮންޓްރެކްޓުތައް ހަވާލުކުރާ މީހުން ފަނަރަ މިލިއަންގެ އެޑްވާންސް ނަގާކަމަށެވެ. އަދި އެއަށްފަހު މަޖިލީހުގެ މެމްބަރެއްގެ ގާތް މީހެއް ނުވަތަ ކުންފުންޏަކަށް އެ ފައިސާ ހަވާލުކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެ އުސޫލުގެ ދަށުން ވަޒީރުންނާއި ގުޅިފައިވާ ކުންފުނިތަކަށްވެސް ފައިސާ ގެންދާކަމަށާއި ރައީސް ސާލިހުގެ އަރިސް މީހުނާއި ގުޅިފައިވާ ކުންފުނިތަކާއިވެސް ހަވާލުކުރާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކޮންޓްރެކްޓެއް ސޮއިކުރުމެގެ ހަމައެކަނި ބޭނުމަކަށް ވެގެންދަނީ އެޑްވާންސް ފައިސާ ނެގުންކަމަށެވެ. އަދި އެޑްވާންސް ލިބުމާއިއެކު ކޮންޓްރެކްޓު އޮތްގޮތަށް ބާއްވާކަމަށާއި ދުވަސްތަކެއް ވުމަށްފަހު އެހެން މީހަކަށް ހަމަ އެ ކޮންޓްރެކްޓު ހަވާލުކުރާކަމަށްވެސް ރައީސް ނަޝީދު ތުހުމަތުކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ދެވަނަ ފަހަރަކަށް ކޮންޓްރެކްޓު ހަވާލުކުރުމަށްފަހުވެސް ފައިސާ ނަގާކަމަށާއި އެ މަގުން ގޮސް 4 ކްލާސްރޫމު ބިނާކުރުމުގެ މަސައްކަތްތައް ނުނިންމި ހުރިކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކަން ހިނގަމުންދާ ގޮތާއިމެދު ހިތާމަކުރައްވާކަމަށެވެ. އަދި އެއީ އެމަނިކުފާނުވެސް ހިމެނޭހެން ދިވެހި އެންމެހާ ރައްޔިތުންގެ ފައިސާކަމަށާއި މަގެއް އެޅުމުގެ ސަބަބުން ދިވެހިރާއްޖޭގެ ކޮންމެ ގޭބިސީއެއްގެ ހަރަދުތައް އިތުރުވެގެންދާ މިންވަރުތައްވެސް އިހުސާސްކުރެވޭނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ގީއެސްޓީ ބޮޑުކުރީ ދަރަނީގެ އަދަދުތައް ބޮޑުވުމުންކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދަރަނި ދައްކަން ޖެހޭނެކަމަށެވެ. އަދި ސަރުކާރުން ހިންގަމުންދާ މަޝްރޫޢުތަކަކީ ހިލޭ ކުރެވޭ މަސައްކަތްތައް ނޫންކަމަށާއި އެކަންކަމަކީ ރައްޔިތުން ޖޭބުން ކުރާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

