ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދައުރުގައި ގެނެސްދެއްވި ތަރައްގީތައް ހަގީގަތަކަށް ހެއްދެވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ރިޔާސީ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ޑރ ޝަހީމްވަނީ ރައީސް ޔާމީންގެ ދައުރުގައި އެންމެ މުހިންމު އެއް ރޯލު އަދާކުރެއްވީ ޑރ މުއިއްޒުކަމަށް ފާހަގަކުރައްވާފައެވެ. ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ މަދަރުސާއިން އެންމެ ބޮޑު ކާމިޔާބެއް ހޯއްދެވި ދަރިވަރަކީވެސް ޑރ މުއިއްޒުކަމަށެވެ.
އޭނާ ވިދާޅުވީ، އެހެންކަމުން ޑރ މުއިއްޒު ގެނެސްދެއްވާނެ ތަރައްގީތަކާއި ގެންގުޅުއްވާ ތަސައްވަރުގައި ރައީސް ޔާމީންގެ ކުލަ ނުޖެހި ނުދާނެކަމަށެވެ. އަދި ޑރ މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީންގެ ލެގަސީ ދެމި އޮންނާނެކަމަށް ވިދާޅުވިއެވެ. ޑރ ޝަހީމް ވިދާޅުވީ، ޑރ މުއިއްޒުގެ ކެމްޕެއިންތަކުގެ ތެރެއިން ފެނިގެންދާ ލޮތްބާއި ތާއީދަކީ ރައީސް ޔާމީންއަށް ރައްޔިތުން ދެއްވާ ލޮތްބާއި ތާއިދުކަމަށާއި ރައީސް ޔާމީން މިނިވަންކުރުމަށް ހުޅުވިގެންދާނެ އެންމެ ބޮޑު ދޮރަކީވެސް މުއިއްޒުއަށް ވެރިކަން ކާމިޔާބު ކުރެވުންކަމަށް އޭނާ ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، ޕީޕީއެމް ޕީއެންސީގެ ރައީސް މިނިވަން ވެގެންދާނީ މުއިއްޒު ވެރިކަމަށް ވަޑައިގަތުމުންކަމަށެވެ. އޭނާ ވިދާޅުވީ، އެކަން ކުރައްވާނީ ގާނޫނީ ހަމަތަކުގެ މަތިންކަމަށެވެ.

