ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދެ ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތް ހެއްދެވުމަށް މަޝްވަރާކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.
މި ހަފްތާގެ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތާއީދު ހޯދުމަށް ކުރައްވަމުން ގެންދަވާ ކެމްޕެއިންގެ ތެރެއިން، ރޭ ޗާންދަނީ މަގު ކަންމަތީގައި އޮތް ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ ގައުމުގެ ތަރައްގީގައިއާއި، އެހެނިހެން ގޮތް ގޮތުންވެސް ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށެވެ.
އެތަކެއް އާއިލާތަކެއް ބަލަހައްޓާ ބަޔަކަށް އެމީހުންވެފައިވާއިރު، އެ މުވައްޒަފުންގެ ޝަކުވާތަކަށް ހައްލު ލިބެންޖެހޭކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ރަނގަޅުކުރަންޖެހޭ ކަންތައްތައް ފާހަގަކުރެވިފައިވާކަމަށާއި، އެކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވެމުންދާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
އެންމެ ކުޑަ އުޖޫރަ ކަނއެޅުމާއި، އަދި އިތުރު ގަނޑީގެ އިނާޔަތްތަކާއި ގުޅޭ ނިންމުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބުނު ހިތްހަމަޖެހުމެއްކަމަށް ފާހަގަކޮށް، ރައީސް ވިދާޅުވީ ދާއިރާގައި މަސައްކަތް ކުރައްވާ އިސް ބޭފުޅުންނާއި އެ ސިނާއަތް ކުރިއެރުވުމަށް މަޝްވަރާ ކޮށްފައިވާނެކަމަށެވެ. އެގޮތުން ރިސޯޓްތަކުގެ ވެރިންނާއި ޓުއާ އޮޕަރޭޓަރުން ހިމެނޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީގައި އެޑްވައިޒަރީ ކޮމިޓީއެއް އުފެއްދުމަށް ލަފާދީފައިވާކަމަށާއި، އެކަން ކުރައްވާނެކަމަށް ރައީސް ސާލިހު ވައުދުވެވަޑައިގެންނެވިއެވެ.
ހަފްތާއެއްގެ މައްޗަށް މަސައްކަތްކުރަންޖެހޭ ވަގުތު ކުޑަކުރާނެކަމަށާއި، އެގޮތުން މިހާރު 48 ގަނޑިއިރު ހަފްތާއަކު މަސައްކަތްކުރި ނަަވެސް، އެ މުވައްޒަފުންނަށް ދެ ދުވަހުގެ ޗުއްޓީއެއް ލިބޭނެ ގޮތް ހަމަޖެއްސުމަށް އެ ވަގުތު 40 ގަނޑިއިރަށް ބަދަލުކުރުމަށް ރައީސް ސާލިހު ވައުދުވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ރިސޯޓުތަކުގެ އިސް މަގާމުތަކަށް ދިވެހިން ތަމްރީނުކުރުމަށް، ފަތުރުވެެރިކަމުގެ ސިނާއަތަށް ހާއްސަކޮށްގެން ސްކޯޅާޝިޕް ސްކީމެއް އުފައްދައި، އޭގެ ދަށުން ޖެނެރަލް މެނޭޖަރުންނާ ހިސާބަށް މީހުން ތަމްރީނުކުރާނެކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

