ރާއްޖެ ތަރައްގީވީ ރައީސުލުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވަށާޖެހޭ ސިޔާސަތުތަކުގެ ސަބަބުންކަމަށާއި، އެކަން ބަލައިގަތުމަކީ ރައްޔިތުންގެ މަސްއޫލިއްޔަތެއްއަކަށް އެމަނިކުފާނުގެ ރަނިންމޭޓު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ދުވަތަކެއްގެ މެދުކެނޑުމަކަށްފަހު އެމްޑީޕީއިން ކެމްޕެއިން ދަތުރުތައް އަތޮޅު ތެރޭގެ ރަށްތަކަށް ފަށާފައިވާއިރު، ރައީސް ސާލިހު މިއަދު ވަނީ އައްޑޫގެ ކެމްޕެއިން ޓީމުތަކާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަސްލަމް ވަނީ މިހާރު ރައީސް ސާލިހުގެ ހަމައެކަނި ކޯލިޝަން ޕާޓީ، އަދާލަތު ޕާޓިއާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން އެ ޕާޓީގެ އަޒުމަކީ ރާއްޖެ ކުރިއަށް ގެންދިއުންކަމަށާއި، އަދި ރާއްޖޭގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ކުރަމުން އައި އުއްމީދުތައް ފުރިހަމަކޮށްދިނުންކަމަށެވެ.
އައްޑޫއަކީ އަސާސީ ހިދުމަތްތައް ފުރިހަމަ ރަށެއްކަމަށާއި، ނަރުދަމާއާއި ސާފު ބޯފެނުގެ ނިޒާމު ގާއިމްވެފައި އޮތުމުން އޭގެ ފަސޭހަކަން އައްޑޫގެ ރައްޔިތުންނަށް އިހުސާސް ވާނެކަމަށް ފާހަގަކޮށް، އަސްލަމް ވިދާޅުވީ އެކަންކަން އަތޮޅު ތެރޭގެ އެހެން ހުރިހާ ރަށަކަށް ފުރިހަމަކޮށްދިނީ މި ސަރުކާރުންކަމަށެވެ.
ކޮން ސަރުކާރަކަށްތޯ އެކަންކަން ފުރިހަމަކޮށްދެވުނީ؟ ކޮން ސަރުކާރަކަށްތޯ އެކަން ކުރެވުނީ؟ އެމްޑީޕީގެ ފުރަތަމަ ސަރުކާރާ އެމްޑީޕީގެ ދެވަނަ ސަރުކާރަށް.
އަސްލަމް ވިދާޅުވިއެވެ.
ރައީސް ސާލިހުގެ ވަށާޖެހޭ ސިޔާސަތުތަކުގެ ސަބަބުން މުޅި ރާއްޖެ ތަރައްގީވެއްޖެކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެކަން ބަލައިގަތުމަކީ ރައްޔިތުންގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއްކަމަށް ފާހަގަކޮށް އަސްލަމް ވިދާޅުވީ އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ސަރުކާރެއް އައިސްފިނަމަ، އެންމެ ބޮޑު ހިތްދަތިކަމެއް ތަހައްމަލުކުރަންޖެހޭނީ އައްޑޫއިންކަމަށެވެ. އަދި އެދިވަޑައިގަތީ އައްޑޫއަށް އަނިޔާވެރިވުމަށް ފުރުސަތު ނުދެއްވުމަށެވެ
މީގެ އިތުރުން ފިތުނައިގެ ތެރެއަށް ދެވިދާނެކަމަށް ފާހަގަކޮށް ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، އެހެން ނަމަވެސް ދޮގާއި ފަސާދައިގެ ތެރެއަށް ދާން ބޭނުން ނުވާކަމަށެވެ. އެކަން ވާން ބޭނުން ނުވާނަމަ ދެވަނަ ބުރުގައި ރައީސް ސާލިހަށް ވޯޓު ދެއްވުމަށް އަސްލަމް ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

