އިންތިޚާބީ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ޕީއެންސީއަށް ސޮއިކުރައްވާފައިވާކަން ރަސްމީކޮށް ރައޔްިތުންގެ މަޖިލީހަށް އަންގަވައިފިއެވެ.
ހުސެއިން މުހައްމަދު ލަތީފް ނައިބް ރައީސް ކަމުގެ މަޤާމަށް ވާދަ ކުރެއްވުމާއި ހަމައަށް މަޖިލީހުގައި ތަމްސީލް ކުރައްވަމުން ގެންދެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައެވެ. ނަމަވެސް ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެޕާޓީގެ ނަމުގައި ރިޔާސީ އިންތިޚާބަށް ވާދަކުރެވޭނީ ޕީއެންސީގެ މެމްބަރަކަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިންތިޚާބުވެފައިވާ ނައިބު ރައީސް ޕާޓީ ބަދަލުކުރައްވާފައިވާކަން މަޖިލީހަށް އަންގަވާފައިވާކަމަށެވެ. ޕާޓީ ބަދަލުކުރައްވަމުން މަޖިލީހަށް ކަރުދާސް ޑޮކިއުމެންޓް ހުށަހަޅުއްވާފައިވާ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ވެސް ލިޔެކިޔުންތައް މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
މިބަދަލާއެކު މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންގެ އަދަދު ވަނީ 4 އަށް އަރާފައެވެ. މަޖިލީހުގެ ރައީސް ވަނީ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ނައިބް ރައީސް ކަމުގެ މަޤާމަށް އިންތިޚާބު ވެފައިވާތީ މަރުހަބާ ވިދާޅުވެފައެވެ. އަދި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒަށްވެސް ރައީސް ނަޝީދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވާ ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ވަނީ %54.04 ވޯޓުން އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. މިއިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާއަށް އިބްރާހީމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގަތީ %45.96 ވޯޓެވެ.

