ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު އަށް 6 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ 2023 އޮކްޓޫބަރ 25 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި، އެމީހެއްގެ ހުށަހެޅުން ޤަބޫލުކުރިކަން ނުވަތަ ޤަބޫލުނުކުރާކަން، އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް ލިޔުމުން އަންގަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅާ ހުށަހެޅުމާމެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމުމުގައާއި، އެ ނިންމުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް އެންގުމުގައި ހިތްހަމަނުޖެހޭ ފަރާތަކުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލުވެސް ވަނީ މި ބިލުގައި ކަނޑައަޅާފައެވެ.
މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމަށް ބޭނުންވާ ނަމަ ކަނޑައަޅާފައިވާ މުއްދަތު ގުނަން ފަށާނީ 5 ދުވަސް ހަމަވާ ވަގުތުން ފެށިގެންކަމުގައި ވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު އަށް 6 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ގާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރައްވާ ދުވަހުން ފެށިގެންނެވެ.

