ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދަުތަކުގައި ގާއިމުކުރުމަށް ނިންމާފައިވާ އާބަން ސެންޓަރުތަކުން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހާއްސަ ހައުސިންގް ސްކީމުގެ ތެރެއިން ފުރުސަތު ދިނުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ސަރުކާރުންވަނީ ތަރައްގީކުރުމަށް ނިންމާފައިވާ އާބަން ސެންޓަރުތަކަށް ރިއާޔަތްކޮށް ރީޖަން ވައިސްކޮށްވެސް ރިސޯޓު މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ނިންމާފައިކަމަށެވެ.
ނާޒިމް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންނަށް ހައުސިން ހަމަޖައްސައިދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ ސޯޝަލް ހައުސިންގް މަޝްރޫޢުތަކުގައި ވަކި އިންސައްތައެއް ހާއްސަކުރުމަށް ނިންމާފައިވާކަމަށާްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރުންވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކައުންސިލު ހައުސިންގް ގާއިމުކޮށް ސްކީމެއް ބައްޓަންކުރުމަށްވެސް ނިންމާފައިކަމަށާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ރެޖިއުލޭޓުކުރުމަށް ބިލެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރުމަށްވެސް ނިންމާފައިވާކަން ހާމަކުރެއްވިއެވެ.

