ފްލައިން ސްކޫލަކާއި، އިތުރު އެހެން ވަސީލަތްތައް ހިމެނޭހެން ފުވައްމުލައް އެއާޕޯޓުގެ ރަންވޭގެ އޮރިއަންޓޭޝަން ބަދަލުކޮށް ރަންވޭ ދިގު ކުރުމާއި ގުޅޭގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއި ރީޖަނަލް އެއާޕޯޓްސް ދެމެދު މަޝްވަރާތައް ކުރިޔަށް ގެންގޮސްފި އެވެ.
ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި، ރަންވޭ ބޮޑު ކުރުމާއި ގުޅޭގޮތުން ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ވަނީ މައުލޫމާތުތައް ހިއްސާކުރައްވާފަ އެވެ.
މި މަޝްވަރާތަކާއި ގުޅޭގޮތުން އާރުސީއެލް ބުނީ، ފުވައްމުލައް އެއާޕޯޓު ބޮޑު ކުރުމުގެ ޕްރޮޖެކްޓުގައި ރަންވޭގެ އޮރިއަންޓޭޝަން ބަދަލުކުރުމާއި، ޖެޓުތައް ޖެއްސޭވަރަށް ރަންވޭ ބޮޑު ކުރުން ހިމެނޭ ކަމަށެވެ. އަދި ޖެޓްގެ ޕާކިންއަށް އޭޕްރަން ބޮޑުކުރުމުގެ އިތުރުން ޖެޓް ފިއުލް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން އޭގެ ތެރޭގައި ހިމެނޭކަމަށް މައުލޫމާތު ދިނެވެ.
މިއާއި އެކު ތަނުގައި ފްލައިން ސްކޫލެއް ގާއިމު ކުރުމަށް ވެސް މަޝްވަރާ ކުރެވުނެވެ.
މީގެއިތުރުން ކައުންސިލަށް ހިއްސާ ކުރި މައުލޫމާތުތަކުގެ ތެރޭގައި އެއާޕޯޓު ތަރައްގީގެ މާސްޓަރ ޕްލޭންގެ ވާހަކަތައް ހިމެނެ އެވެ. އަދި އެއާޕޯޓާއި ޖެހިގެން އޮތް ހުސް ބިމުގައި ޓޫރިޒަމް ޒީނެއް ތަރައްގީކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

