ދިވެހިރާއްޖޭގެ ޕަބްލިކް ހެލްތް ސިސްޓަމް ފެއިލްވެފައިވާއިރު، ބިދޭސީން އަނެއްކާވެސް އިތުރުކުރަމުން ދިއުމަކީ ގައުމަށް އޮތް ނުރައްކަލަކަށް ވާނެކަމަށް ގއ. ވިލިނގިލި ދައިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި ވަނީ ވަޒީފާއާއި ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރުމާއި، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ހުއްދަ ދިނުމާއި ވަޒީފާ އަދާކުރާ މުއްދަތަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ނުވަތަ ވާކް ޕާމިޓް ދިނުމުގެ އިހުތިޔާރު ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީއަށް އޮތް ނަމަވެސް އެކަމާއި ގުޅިގެން ގަވައިދު ހަދައި ހިންގުން ހަޔާރ އެޑިއުކޭޝަނަށް ދޭ ގޮތަށް ނިންމާފައިވާކަމަށް ބުނެ އެވެ.
ހިސާންގެ އެ މައްސަލަ ބަލައިގަތުމަށް 23 މެމްބަރަކު ވޯޓު ދެއްވިއިރު، 6 މެމްބަރަކު ދެކޮޅަށް ވޯޓު ދެއްވި އެވެ.
މި މައްސަލައިގެ ބަހުސް މަރުހަލާގައި ސައުދު ވިދާޅުވީ، ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅިކަމަށެވެ. އަދި އެކަމުގެ ނަތީޖާތައް ވެސް ފެންނަން ފަށާފައިވަނިކޮށް، މި ސަރުކާރުން ކުރިން އޮތް ހާލަތަށް ބިދޭސީންގެ މައްސަލަ ގެންގޮސްފައިވާކަމަށް ސައުދު ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ބޭރުގެ ގައުމުތަކުން މިއީ އިންސާނީ ހައްގުތަކަށް އަރައިގަނެފައިވާ ގައުމެއްގެ ގޮތުގައި ދެކެން ފަށާފައިވާކަމަށެވެ. ބަންގްލަދޭޝްގެ މަސައްކަތްތެރިން ކުރިޔެކޭ އެއްގޮތަށް އެތެރެވަމުންދާއިރު އެކަން ނުރައްކާވާ ހިސާބަށް ގޮސްފައި ވަނީ ބަލިތަކުގެ ސަބަބުންކަމަށް ސައުދު ވިދާޅުވި އެވެ.
ރާއްޖޭގައި އިންތިހާއަށް ބިދޭސީން ދަނީ އިތުރުވަމުން.. މައުލޫމާތު މިލިބެނީ ބަންގްލަދޭޝްގެ މަސައްކަތްތެރިން އަނެއްކާވެސް ކުރިންހެން ވަންނަމުން ދާކަމަށް.. މިއީ ނުރައްކާތެރިކަމެއް.. ދިވެހިރާއްޖޭގެ ޕަބްލިކް ހެލްތް ސިސްޓަމް މިދަނީ ފެއިލްވަމުން.. ދިވެހިރާއްޖޭގެ އިމިގްރޭޝަނުގެ ތެރެއިން އަނެއްކާވެސް މި ޖާގަ ދެވިގެންދާއިރު މި ޖާގައިގެ އެޑްވާންޓޭޖު ދިވެހިރާއްޖޭގައި އިންތިހާއަށް ބިދޭސިން. ހާއްސަކޮށް ވަކި ގައުމަކުން ނަގަމުން ގެންދާނެކަން ފާހަގަކުރެވޭ
ރާއްޖޭގައި އޮތީ ފެއިލްވެފައިވާ ޕަބްލިލް ހެލްތް ސިސްޓަމެއްކަމަށާއި، މަސައްކަތްތެރިން އެތެރެވާއިރު އެ މީހުންގެ ކަންކަން ސަރުކާރަށް ނުބެލެހެއްޓޭކަމަށް ސައުދު ވިދާޅުވި އެވެ. އަދި ގެންގުޅޭ ދޯހަޅި ސިޔާސަތުގެ ދަށުން އެކަން ކުރެވޭނެ ނިޒާމެއް ވެސް ނުވަތަ އެ ގާބިލުކަމާއި އެ ތަޖުރިބާ މި ސަރުކާރުގެ ނެތްކަމަށް ސައުދު ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ ބިދޭސީންގެ އަދަދު މިގޮތަށް އިތުރުވުމުގެ ނަތީޖާއަކީ، އެ މީހުންގެ ކަންކަން ނުބެލޭ މިންވަރަށް އިތުރުވެ ރާއްޖޭގައި ދިވެހިންނަށް ވެސް މަސައްކަތް ކުރަން އޮތް ފުރުސަތުތައް ގެއްލިގެން ދިއުންކަމަށެވެ.
އެހެންކަމުން މިކަމާއި މެދު ރައްޔިތުންގެ މަޖިލީހުން ސީރިއަސްކަމެއްގެ ގޮތުގައި ދެކި، އިންކުއަރީއެއް ހެދުމަށް ސައުދު ވިދާޅުވި އެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ބިދޭސީންގެ ކަންކަން ފެންނަން ނެތް ސަބަބު ވެސް ހޯދަން ސައުދު ވިދާޅުވި އެވެ.
ސައުދު ގޮވާލީ މައްސަލަ ކޮމިޓީއަށް ފޮނުވާލައި، ކަމާއި ބެހޭ އިދާރާތްތަކާއި ސުވާލުކޮށް ޖަވާބުދާރީ ކުރުވުމަށެވެ.

