ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި މެނޭޖުކުރުން: ހައްލަކީ ޒަމާނީ ވަސީލަތްތަކާއި ވިސްނުންތެރިކަން!

ހިޔާ ސަރަހައްދަށް އަޅާފައި ހުރި ކުނިތަކެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުނި މެނޭޖުމަންޓަކީ މި ފަހަކަށް އައިސް ސަރުކާރުތަކުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކެކެވެ. އެހެންނަމަވެސް ކޮންމެ އަހަރެއްގެވެސް ރޯދަ މަހާއި ދިމާކޮަށް، މައްސަލަ ހައްލުކުރުމުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިގެން ނުދާކަން ފެނިގެންދެއެވެ.

އެހެން އަހަރުތަކާއި އެއްގޮތަށް މި އަހަރުވެސް ރޯދަ މަސް ގާތްވުމާއިއެކު ކުނީގެ މައްސަލަަ ބޮޑުވެ ކަންކަންމަތީ ކުނި ޖަމާކޮށް ފުނިޖެހި ސޯޝަލްމީޑިއާގައި މަންޒަރުތައް ހިއްސާކުރަން ފެށުމުން ސަރުކާރުންވަނީ ސާފުކުރުމުގެ މަސައްކަތްތައް ކުރަން ފަށައިފިއެވެ. އެހެންނަމަވެސް މިއީ ރައްޔިތުން ކުރާ ހޭދައާއި ބަލާއިރު މި ޒަމާނުގައި ބަލައިގަނެވޭނެ އުސޫލެއް ނޫނެވެ.

މިފަދަ މައްސަލަތައް ހައްލުކުރުމުގައި ފަރުދީ ޒިންމާ މުހިންމު ރޯލެއް އަދާކުރާކަމާއިމެދު ދެކޮޅެއް ނަހަދަމެވެ. އެއްވެސް ބަޔަކު އެންމެނަށް ހައްގު މަގުތައް ހަޑިވެގެންދާ ފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެއެވެ. އެހެންމަވެސް ކުނި އުކާލުމުގައި ބޮޑެތި ދަތިތައް ހުރުމުން މިކަން ހައްލުކުރުމަށް ރައްޔިތުން ހަވާލުކުރި ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތްތަކުގެ ދޯދިޔާކަމާއި ވިސްނުންތެރިކަން ކުޑަ މިންވަރު ފެނިގެންދެއެވެ.

ކޮންމެ ރައްޔިތަކީވެސް ޓެކްސް ފައިސާ ދައްކާނެ ރައްޔިތެކެވެ. އެންމެ ފުއްދުންތެރިކަން ކުޑަ މީހާވެސް ދިރިއުޅެމުންދަނީ ކޮންމެވެސް ވަރަކަށް ޓެކްސް ދައްކައިގެންކަން ޔަގީނެވެ. އެހެންކަމުން ރާއްޖޭގައި މި ފައިސާގެ ބާރުގައި ގިނަ ހިދުމަތްތަކެއް ދެމުންދާއިރު، އެއް ބަޔަކަށްވެސް އެ ހިދުމަތްތައް ހައްގު ނުވެ ނުދާނެއެވެ. ކުނި މެނޭޖުކުރުމަށް ކުންފުންޏެއް އުފެއްދީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިންކަމަށްވާއިރު، މިއަދު އެ ހިދުމަތް ދިނުމަށްޓަކައި މުއައްޒަފުން ލާ މުސާރަވެސް ދެމުންދަނީ ހަމަ ރައްޔިތުންގެ ފައިސާއިންނެވެ.

ކުނި މޭނޭޖުކޮށްދޭން ސަރުކާރުތަކުން އެކުލަވާލާފައިވާ ސިޔާސަތަކީ ކަރަންޓު ބިލަށް ފައިސާ ނަގާއިރު އެކަމަށްވެސް ފައިސާ ނެގުންކަމަށްވުމުން، ހާއްސަ ގޮތެއްގައި މާލޭ ސަރަހައްދުގައި އުކާލަދޭން ނުޖެހޭ ކުންޏެއް މިއަދު ރައްޔިތުންނެއް ނުއުފައްދާނެއެވެ. އަދި ކަރަންޓު ބިލު ނުދައްކާ ފުދިގެން އުޅޭ އެއްބަޔަކުވެސް ނުތިބޭނެއިރު، އެފަދަ ތަނަވަސްކަމެއް ނެތް ބަޔަކަށް ދައުލަތުން ދޭންޖެހޭ އަޅާލުން ދިނުމަކީ ލާޒިމުކަމެކެވެ.

ކުނި މެނޭޖުކުރުމުގައި ގެންގުޅޭ އުސޫލުތަކަށް ބަލާއިރު އިންތިހާ ވިސްނުންތެރިކަން ކުޑަކަން ފެނިގެންދެއެވެ. ކުރިއަރާފައިވާ ދުނިޔޭގައި އެތައް ވަސީލަތެއް މިކަމަށް ބޭނުންކުރަމުންދާއިރު، ރާއްޖޭގައި ކޮންމެހެންވެސް ބޭނުންޖެހިފައިވާ ވަސީލަތްތައް މަދުކަން ފާހަގަކުރެވެއެވެ. ތިބި ވަސީލަތްތައްވެސް ބޭނުންކުރަނީ އެންމެ އެކަށީގެންވާ އުސޫލުންކަމަށް ދެންނެވެން ނެތެވެ.

މިކަމުގެ މިސާލަކަށް ބަލާއިރު، ދާދި ފަހުން ބިނާކޮށް މީހުން ދިރިއުޅެމުންދާ ހިޔާ ފްލެޓުގައި ކުނި މެނޭޖުކުރުމުގައި ގެންގުޅޭ އުސޫލުތައް ފާހަގަކޮށްލެވެއެވެ. އިހުޒަމާނުއްސުރެވެސް ފެންނަ ފަދަ ބޮޑެތި ޑަސްބިން ބަހައްޓައިގެން ކުނި މޭނޭޖުކޮށްދޭ ކުންފުނިން ކޮންމެ ޓަވަރެއްގައިވެސް ސްޓޭޝަނެއް މެނޭޖުކުރެއެވެ. އެހެންނަމަވެސް ގިނަ ފަހަރުގެ މަތިން އެ ޑަސްބިންތައް ފުރި އެތަނުގެވެސް ބިންމަތީގައި ބަހައްޓާފައި ހުންނަ މަންޒަރު ފެނެއެވެ.

ސަބަބަކީ އެތަނުގައި މީހުން ދިރިއުޅޭ މިންވަރާއި ބަލައި ކުނި މެނޭޖުކުރުމުގެ ކެޕޭސިޓީ ނެތުމެވެ. ފުރުމުން ޖެހެނީ ކޮމްޕެކްޓާރ ވެހިކަލް އެއް ގެނެސް އެތަނުގައި އެތައް ބުރަ މަސައްކަތެއް ކުރަންށެވެ. މި އުސޫލުން ކުރުމުން ކުނި ބަލާ އަންނަ އުޅަނދުތަކަށް އެތައް ދަތުރެއް ކުރަންޖެހި، ތެޔޮ ހަރަދު އިތުރުވެގެންދާނެއެވެ. އަދި މުއައްޒަފުން ކޮންމެ ފަހަރެއްގައިވެސް މެނުއަލީ ކުނިކޮތަޅުތަކާއި ކުޅެން ޖެހުމުން ސިއްހީ ނުރައްކާތައް ކުރިމަތިވުމުގެ ފުސަތުވެސް އޮތުމުން މިއީ އެކަށީގެންވާ ގޮތެއްގެ މަތިން ވަސީލަތްތަކުގު ބޭނުން ހިފުންކަމާއިމެދުވެސް ސުވާލު އުފެއްދުމަށް ޖާގައޮވެއެވެ.

އުފެދިފައިވާ މި މައްސަލައަކީ އާދައިގެ ފިޔަވަޅުތަކާއިއެކު ހައްލުކުރެވޭނެ މައްސަލައެކެވެ. ތަނުން ތަނަށް ކޮމްޕެކްޓުކުރުމަކީ މިއަދު އެއްވެސް ދަތިކަމެއް ނެތި ކުރެވޭ ކަމެކެވެ. ތަނުން ތަނަށް ކޮމްޕެކްޓުކުރާ ޑަސްބިންތަކަށް އެޅޭ ކުނީގެ އަދަދު ގިނަވާނެއެވެ. އެހެންކަމުން މިފަދަ ޑަސްބިންތައް ބަހައްޓަންޖެހޭ އަދަދުވެސް މަދުވާނެއެވެ. މިފަދަ ކޮމްޕެކްޓަރު ޑަސްބިންތައް ބެހެއްޓުމުން އެއްތަނުން އަނެއްތަނަށް ގެންދާ އުޅަނދުތަކަށް އެއް ފަހަރާ ކޮމްޕެކްޓު ނުކުރާ އިރަށްވުރެ ގިނަ އަދަދެއް ގެންދެވެއެވެ. އަދި ޑަސްބިން ފުރުމުގެ ދަތިކަމުންވެސް ކުނި ނައްތާލަން ދާ ރައްޔިތުންނަށް ލުއިތައް ލިބިގެންދާނެއިރު ހާމައަށް ފުނި ފުންޏަށް ކުނި ހުރުމުން އުފެދޭ މައްސަލަތަކާއި ފެންނަން ހުރުންވެސް ނިމުމަކަށް އަންނާނެއެވެ. ފެހިކުލައިގެ އާދައިގެ ޑަސްބިނަކަށްވުރެ އަގު ބޮޑަސް ސޯލާ ޕަވާޑް ސްޓްރީޓް ލެވެލް ޓްރޭޝް ކޮމްޕެކްޓަރުތަކުން މި ދެންނެވި ކަންކަން ހާސިލުވާނެއެވެ.

ސިޔާސަތުތަކުގެ ތެރެއިން ފާހަގަކުރެވޭ އިތުރު މައްސަލައަކަށް ބަލާއިރު، ރައްޔިތުންގެ ފައިސާއިން އުފައްދައި ހިންގަމުންދާ ކުންފުންޏަކަށް އަގުދީގެން ހިދުމަތް ލިބިގަންނަތާނގައި ޕްލާސްޓިކްގެ ބާވަތްތައް ވަކި ކުރުވައިގެން ގެންގޮސް އޭގެން ކޮތަޅު އުފައްދައިގެން އަނބުރާ ރައްޔިތުންނަށް ވިއްކައިގެން އިތުރު މަންފާތަކެއް ހާސިލުކުރަމުންދިއުން ފާހަގަކުރެވެއެވެ. މިއީ ކުރުން ރަނގަޅު މަސައްކަތެއްކަމަށްވާއިރު، މިކަންކަން ކުރަމުންދާއިރު ހިދުމަތުގެ އަގު ދަށްވެ ފެންވަރު މަތިނުވާކަަމަކީ ބޮޑު ކަންބޮޑުވުމެކެވެ.

ކުނި މެނޭޖުކުރުން މުހިންމު ވެގެން އަންނަ އެތައް ސަބަބެއް ހުންނައިރު، ސަރަހައްދެއް ބެލެހެއްޓިފައިވާ މިންވަރާއި އެތަނުގައި ކުށްކުށަށް އަރައިގަންނަ މިންވަރާއި ގުޅިފައިވާކަމަށްވުމުން މިއީ ރާއްޖެ ފަދަ ކައިރި ކައިރިން މީހުން ދިރިއުޅެމުންދާ މުޖުތަމައުތަކުގައި ގޯސްވެގެންދާން ފުރުސަތު ދީގެން ނުވާނެ ކަމެއްކަން ކަށަވަރެވެ.

ބަޔަކު މީހުން ބަލަހައްޓާ ސާފު ތަންތަނުގައި ކުށްކުރާ ފަރާތްތަކުން ހަރަކާތްތެރިވާ މިންގަނޑުތައް ކުޑަކަން ދިރާސާތަކުން ދައްކައެވެ. ސަބަބަކީ ތަނެއް ސާފުކޮށް ފެންނަ ފެނުމާއި ސަރުކާރުން އެތަންތަނަށް ދޭ އަހައްމިއްޔަތާއި ގުޅިފައިވުމެވެ. ތަންތަނުގެ ބެލެހެއްޓުންތެރިކަން ކުޑަ ނަމަ އެތަނުގައި ބަޔަކު މީހުންނަށް ގަވައިދެއް ގާނޫނެއް ނެތް ފަދަ ގޮތަކަށް ހަރަކާތްތެރިވެވިދާނެކަމުގެ ނޭދެވޭ މެސެޖު ދެވެއެވެ. މިއީވެސް މާލެ ސަރަހައްދުގެ ކުނި ބުނީގެ މައްސަލަ ހައްލުކުރަން މުހިންމުކަމަށް ފެނިގެންދާ އެއް ސަބަބެވެ.

ރާއްޖޭގައި ވޭތުވެދިޔަ ސަރުކާރުތަކުން މި މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ވިސްނުންތަކެއް ވިސްނައި ފިޔަވަޅުތަކެއް އަޅާފައިނުވާކަމަށް ބުނަން ޖާގަ އެބައޮތެވެ. ވިސްނާފައިވާނަމަ އަދި ފިޔަވަޅުތަކެއް އެޅި ނަމަ ހިޔާ ފްލެޓު ބިނާކުރި އިރު އެތަނުގައި ޓްރޭޝް ޝޫޓެއް ނުލައި ނުހަދާނެއެވެ. އަދި ބިނާކުރި އިރު ލާފައި ނެތްނަމަވެސް ރައްޔިތުންނާއި ހަވާލުކުރިއިރުވެސް އެކަން ކޮށްފައި ދިނުމުގެ ފުރުސަތު އޮތެވެ. އެހެންނަމަވެސް އެފަދަ ލުޔެއް ލިއްބައިދިނުމަށް މަސައްކަތތަކެއް ކޮށްފައިނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: