އަމިއްލަ މަންފާތައް ހާސިލު ކުރުމަށް ފަހު، ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލައި ހުއްޓާލީ އެމްޑީޕީންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިފަހުން ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވެސް ރައީސް މުއިއްޒު ވަނީ، މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައިވާކަމަށް އިދިކޮޅުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވާފަ އެވެ. އަދި ނަމްބަރުތަކުން ތަފާސްހިސާބުތައް ދެއްވައި ވިދާޅުވީ، މިދިޔަ ސަރުކާރުން ހުރީ އެއްބަސްވުންތައް ހެދުމަށް ފަހު ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ނުދީ ކަމަށެވެ. ރިޔާސީ އިންތިހާބުގައި ރަށްތަކަށް ކުރި ކެމްޕެއިން ދަތުރުތަކުގައި ވެސް ލިބުނު އެންމެ ބޮޑު ޝަކުވާއަކީ، ޕްރޮޖެކްޓުތައް ވަކި ހިސާބަކުން ހުއްޓިފައި ހުރުންކަމަށާއި، ވެރިކަމާ ހަވާލުވެ ތަފްސީލު ބެލިބެލުމުން އެނގުނުކަމަކީ އެއީކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިލްސިލާކޮށް ގެނެސް ދޭ ”ރައީސްގެ ޖަވާބު“ ސެގްމެންޓުގައި މިއަދު އާންމުންގެ މީހަކު ސުވާލު ކުރީ އެއްވެސް ސަބަބަކާ ހުރެ ޕްރޮޖެކްޓުތައް ހުއްޓިފައި ވޭތޯ އެވެ. ޖަވާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނަށް އަމާޒުކޮށް އިދިކޮޅުން ދައްކަމުން ގެންދާ ދޮގު ވާހަކަތަކުގެ ތެރެއިން، އެންމެ ބޮޑު ދޮގަކީ މަޝްރޫއުތައް ހުއްޓިފައިވާކަމަށް ދައްކާ ވާހަކަތައް ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވި އިރު ވެސް އެކި މަޝްރޫއުތައް އެމްޑީޕީގެ ސަރުކާރުގައި ހުއްޓިފައި ހުރިކަން އެ ރަށެއްގެ ރައްޔިތުން ވެސް ހެކިވާނެ ކަމަށެވެ.
ރައީސްގެ ޖަވާބު
6 އޭޕްރީލް 2024މާލެ ސިޓީ، މމޚދަފްތަރު 12151، އާމިނަތު ނަޒީރާ، ކުރީން ހިންގަމުން އައި މަޝްރޫޢުތައް މި ސަރުކާރުން ހުއްޓާލާފައިވާކަމަށް ވާދަވެރި ފަރާތްތަކުން ދައްކާ ވާހަކަތަކާ މެދު ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/gbbMc4rM1v
— Government of Maldives (@governmentmv) April 6, 2024
ރައީސް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ޕްރޮޖެކްޓުތައް ހަވާލުކޮށްފައި ހުރީ ޕާޓީގެ ގާތް މީހުންނަށް ކަމަށެވެ. އަދި މަޝްރޫއުތަކުގެ އެޑްވާންސް ޕޭމަންޓުތައް ދިނުމަށް ފަހު، ބައެއް މަޝްރޫއުތައް ނުގޮސް ހުރިއިރު ބައެއް މަޝްރޫއުތައް ދެވަނަ ފަރާތަކަށް ވެސް ދޫކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ އެންމެ މަޝްރޫއުއެއް ހަތަރު ބަޔަކަށް ވެސް ދީފައި ހުރިކަން ފާހަގަކުރެވުނުކަމަށާއި، މިއީ ލިބޭ އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އިންތިހާބުތަކާ ދިމާކޮށް ރަށްތަކުގައި އެމްޑީޕީން މަޝްރޫއުތައް އިއުލާނުކޮށް ވަކި ހިސާބަކުން ވަނީ މަސައްކަތް ހުއްޓާލާފަ އެވެ.


2 Responses
ހުއްޓިފަ ހުރިކަންކަން ފަށާ ނިންމާދޭނަމޭ ގޮވަމުން އައި މީހަކު ކޮން ވާހަކައެއް ތިދައްކަނީ.
ޤައުމު ލޫޓުވާލައިގެން ދިޔަ ބައިގަޑެއްގެ ވާހަކަ ދައްކާ ކޮޅަކުން ނުލާނެ