ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އޭރު ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ މީހުން ދަސްނުވުންކަމަށް އެމަނިކުފާނު ވިދާޅުވިކަމަށާއި އެހެންނަމަވެސް ގާތުގައި ތިއްބެވި މީހުންނަށް ބަލާލުމުން އަދިވެސް އެމަނިކުފާނަށް ދަސްނުވާކަން ފެނިގެންދާކަމަށް ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕްގެ މެދުގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންއެއްގައި އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ އިންތިހާބު ގާތްވެފައިވުމުން، 2023 ވަނަ އަހަރު ރައްޔިތުން ނިންމެވި ނިންމެވުން ދެމެހެއްޓެވުމާއިމެދު ފުންކޮށް ވިސްނަން އެދޭކަމަށެވެ. އޭނާ ވިދާޅުވީ، އިތުބާރު ނުހިފޭ މީހުން ދައްކާ ވާހަކަތަކުގެ މައްޗަށް ބުރަވެ ކަންކުރުމުން އެކަމުގެ ހުރިހާ ގެއްލުމެއް ލިބިގެންދާނީ ގައުމަށާއި ރައްޔިތުންނަށް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، ހަބަރަކައިގެން އައިސްފިކަމަަށްވަންޏާ އެމީހަކީ ކާކުތޯ ބަލާލުމަށް އޮންނަކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ގާތުގައި ތިބި މީހުންނަށް ބަލާއިރު، ރައްޔިތުންނަށް މާ ހެޔޮއެދިގެންކަމަށް ހެދިގެންހުރެ ވާހަކަދައްކަވަމުންދާއިރު، ކުރީގެ ސީޕީ ހުސައިން ވަހީދުގެ ކަންކަން ބަލ؛ާލުން ރަނގަޅުކަމަށެވެ. ސަބަބަކީ ސަރުކާރުގެ ބައެއް މީހުން ތަންތަނުން ފެނުމުން ވަގުބަދުނާމު އެޅުވުން ފަދަ އަމަލުތައް އޭނާ ހިންގަވަމުން ގެންދެވުންކަމަށްވެސް ހާމަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ޔާމީން ދެވަނަ ދައުރެއް ހޯއްދެވުމަށް ކުރެއްވި މަސައްކަތްތައް ނާކާމިޔާބުވުމުން ދެއްވި ތަގުރީރުގައި ދެއްކެވި ވާހަކަތައް އަދިވެސް އޮތީ އޮތްގޮތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ، އެންމެ ބޮޑު ކަމެއްގެ ގޮތުގައި ކުރިމަތިވީ މީހުން ދަސްނުވުމުގެ މައްސަލަ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަމަށާއި އެހެންނަމަވެސް މިއަދުވެސް އެކަން ތަކުރާރުވަމުން ދާކަމަށް ފާޙަގަކުރެއްވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ހުސައިން ވަހީދަކީ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ފިނިފެންމާ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލިއިރު ފުލުހުންގެ ކޮމިޝަނަރު ކަމުގައި ހުންނެވި މީހާކަމަށާއި އޭރު ރައީސް ޔާމީން އެމަނިކުފާނަށް އިންޓެލިޖެންސް ރިޕޯޓެއް ނުލިބޭތާ 9 މަސް ވެފައިވާކަމަށް އޭނާ ގާތުގައި ހިއްސާކުރެއްވިކަމަށްަވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ދުވަސްވަރުގެ ހުރިހާ މައުލޫމާތެއް ހުސައިން ހުންނެވީ ހިފަހައްޓަވައިގެންކަމަށާއި ރައީސް ޔާމީންގެ ބަދަލުގައި ހިއްސާކުރައްވަމުން ގެންދެވީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބުއާއިކަން ހާމަކުރެއްވިއެވެ.
”ދެރަވަނީ ރައީސް ޔާމީން ވެރިކަން ގެއްލިވަޑައިގަތީމަ ނުނީ އިންތިހާބުން ބަލިވެވަޑައިގަތީމަ ދެއްވި ތަގުރީރުގައި އެ ވިދާޅުވި ވާހަކަފުޅު އަދިވެސް ހަމަ އެގޮތަށް އޮތީމަ، އެދުވަހު ވިދާޅުވި ތިމަންމަނިކުފާނަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މީހުން ދަސްނުވުމުގެ މައްސަލަކަމަށް، މިއަދުވެސް އެކަން ތަކުރާރުވަމުންދާތީ“ އަބްދުއްރަހީމް
އޭނާ ވިދާޅުވީ، ހުސައިން ވަޒީފާއިން ވަކި ކުރީ އެ މައްސަލައިގައިކަމަށެވެ. އޭނާ ވަނީ މި ފުރުސަތުގައި ޑރ ޖަމީލާއި ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްއަށްވެސް ފާޑުވިދާޅުވެފައެވެ. އަބްދުއްރަހީމް ވިދާޅުވީ، މިހާރުގެ ޕީއެންސީގެ ލީޑަރޝިޕުން ގަދަ އަވީގައި މަގުމަތީގައި މުޒާހަރާތައް ކުރަމުންދިޔައިރު، މަލީހު އިންނެވީ އޭރުގެ ސަރުކާރުގެ މިނިސްޓަރުކަމުގެ ގޮތުގައި ފިނިކޮޓަރީގައިކަމަށާއި އޭނާ އޭރު ގެންދެވީ އެމަނިކުފާނަށް ވަގަށް ގޮވަމުންކަމަށްވެސް ފާޙަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ވެރިކަން ބަދަލުނުވި ނަމަ ރައީސް ޔާމީންއަށް ވެރިކަން ލިބުނު ނަމަ ރާއްޖޭގައި އަނިޔާވެރި އަމަލުތައް ހިންގާ މިންގަނޑުތައް އިންތިހާ ދަރަޖައަށް އިތުރުވެގެންދާނެކަމަށްވެސް މަލީހު ވިދާޅުވެފައިވާނެކަމަށެވެ. އެހެންނަމަވެސް މިއަދު ގޮސް އިންނަވަނީ ރައީސް ޔާމީންގެ އަރިހުގައިކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެތަނުގައި ގައުމަށް އިހުލާސްތެރި އެކަކުވެސް ނެތްކަމަށާއި މިހާތަނަށް އެފަދަ އެއްވެސް މަސައްކަތެއްވެސް ކޮށްފައިނުވާނެކަމަށެވެ. އަދި އެމީހުން ކުރި މަސައްކަތަކީ ކޮބާތޯ ސުވާލުކުރެއްވިއެވެ.

