ސްމާޓް މީޓާ ޕޮރޮޖެކްޓް ވަރަށް އަވަހަށް ފަށާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޢާޒު މުހައްމަދު ރަޝީދު ވިދާޅު ވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޢާޒު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައެވެ.
ރަމަޟާން މަހާއި ދިމާކޮށް ބިލްތަށް ބޮޑު ވުމަކީ އާންމުން އަބަދުވެސް ކުރާ ޝަކުވާއަކަށް ވެފައި ވާއިރު މި ފަހަރު ކޮންޒިއުމް ކުރި އަދަދު އިތުރުވީ ރޯދަމަހާއި ދިމާކޮށް ހޫނު މޫސުން އައުމުން ކަމަށް މުޢާޒު ވަނީ ވިދާޅުވިއެވެ.
ސްމާޓް މީޓާ ޕޮރޮޖެކްޓް އަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ލުއި ފަސޭހަ ތަކެއް ލިބިގެން ދާނެ ކަމެއް ކަމަށާއި އަދި ސްމާޓް މީޓާއަކީ ކޮންމެ ދުވަހަކު ކަރަންޓު ކޮންޒިއުމް ކުރެވޭ ޔުނިޓްތަކުގެ އަދަދު ވަގުތުން ފެންނަންހުންނާނެ ވަސީލަތެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
“ މާނައަކީ މާދަމާ ނިމޭއިރުގައި މިހާރު ބިލަށްއަރާފަ ވާވާރު އިނގޭނެ…އެހެން ވީމަ އެނގޭނެ އިތުރަށް ކޮންޒިއުމް ކުރަން… ނޫނީ އިތުރަށް އެކޮނޮމައިޒް ކުރަން ކަސްޓަމަރުންނަށް ކޮންޒިއުމް ކުރާ ފަރާތްތަކަށް… މަގުފަހިވެގެން ދާނެ…..“ މުއާޒު ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތްތަށް މިހާރު ވަނީ ދ. އަތޮޅުގައި ފަށައިފައި ކަމާއި އަދި ދ. ކުޑަހުވަދޫގައި މަސައްކަތް ނިމިފައިވާ ކަމަށާއި ކުޑަހުވަދޫގެ ކަސްޓަމަރުންނަށް އެ ޙިދުމަތުން ކަރަންޓު ބިލަށް އަރާވަރު ސްމާޓް މީޓާއިން ވަގުތުން އެނގިގެން ދާނެ ކަމަށެވެ.
މި ޕޮރޮޖެޓްއާއި ބެހޭގޮތުން މައުލޫމާތުދީ ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ކަންތަށްތަކެއް ކުރެވިގެންދާނެ ކަމަށް މުޢާޒުވަނީ ފާހަގަކުރައްވާފައެވެ.

