ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަސްގެ މަރުގެ މައްސަލަ: އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ކުރިން މައްސަަލަ އިސްތިއުނާފު ކުރަނީ!

ރ. މީދޫ، މުހައްމަދު އަނަސް: އަނަސްއަށް ހަމަލާދީފައިވަނީ، ލިޓަސް ސާވިސް ސެންޓަރ ތެރޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައިގެ އެތަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލި މައްސަލައިގައި ދައުލަތުން ދައުލަތުން ދައުވާ އުފުލާފައި ތިބި އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ މިނިވަންވި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

”ސަންގު ޓީވީ“ އިން ސުވާލު ކުރުމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަންނަ މެއި މަހުގެ 6 ގެ ކުރިން އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

އަނަސް މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތަށް ހައްޔަރުކޮށް ޝަރީއަތް ކުރަމުން ދިޔަ މީހުން ހަތް އަހަރު ފަހުން ކޯޓުން މިނިވަންވި އިރު އޭގެ ތެރެއިން އެކަކު ދާދިފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި ވަނީ ހައްޔަރުކޮށްފައެވެ. ސަރުކާރުން ވެސް ކަންބޮޑުވުންފާޅުކޮށް، ބަޔާން އާންމު ކުރި މި މައްސަލަ އިސްތިއުނާފަށް އެދި އޭރު ހުށަހެޅިފައި ނުވަނީ ރިޕޯޓު ލިބިފައި ނުވާތީއެވެ. މައްސަލަ އެކި ގޮތްގޮތުން ލަސްވިއިރު، ހުކުމް ވެސް ކުރީ ޝަރީއަތް ނިމުނުތާ އަހަރެއް ފަހުންނެވެ.

އަނަސްގެ މަރުގެ ތުހުމަތަށް ހައްޔަރު ކުރި 07 މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާކަމަށް ކަނޑައަޅައި ކޯޓުން ހުކުމް ކުރީ މިއަހަރުގެ ފެބްރުއަރީ 25 ގަ އެވެ.

2017  ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ، އަނަސް މަރާލި މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް ދައުވާކޮށްފައިވާ މީހުން ކުށުގައި ބައިވެރިވާކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. އަދި ހުކުމުގައި ވާގޮތުން، މައްސަލައިގައި ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖްތަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުތަކުން ވެސް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނެތެވެ. އަދި ފުޓޭޖުތަކުގެ ޗެއިން އޮފް ކަސްޓަޑީ ލިބިފައި ނުވާކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

މީގެއިތުރުން ހުކުމުގައި ބުނެފައި ވަނީ ވީޑިއޯ ފުޓޭޖުތަކުން ފެންނަނީ ކުށުގެ ތުހުމަތުގައި ތިބި މީހުންކަން ކަށަވަރު ކުރުމުގެ އިތުރު އެއްވެސް ހެއްކެއް ނުވަތަ އެއްއަށް ބާރު ދޭނެ އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައި ވެސް ނުވާ ކަމަށެވެ. އެއާއި އެކު ސިއްރު ހެކިންގެ، ހެކި ބަހަށް ބަލާއިރު އެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ މިންވަރަށް ނުވަތަ އެ އަމަލު ހިންގީ އެ މީހުންކަމަށް ޝަރީއަތަށް ސާބިތު ކުރެވެން ނެތްކަމަށް ހުކުމުގައި ވެއެވެ.

ހުކުމުގައި އިތުރަށް ބުނެފައި ވަނީ ތުހުމަތު ކުރެވޭ ބައެއް މީހުންގެ ކޯލް ޑީޓެއިލްތަކުގެ ޗާޓު ހުށަހަޅާފައިވީ ނަމަވެސް، އެއީ ފުލުހުން ތައްޔާރުކޮށްފައިވާ ކަރުދާހެއް ނަމަވެސް އެއީ އެއްވެސް ބުރަދަނެއް ނެތް ހެއްކެއް ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލި އެންމެން ދަށު ކޯޓުން މިނިވަންވެފައި ވާތީ އާއިލާއާއި، އާންމު ރައްޔިތުން ކަންބޮޑުވުންފާޅު ކުރުމުން ސަރުކާރުން ބުނީ ބޮޑެތި ކުށްތަށް ކުރުމަށް ފަހު ކުށްވެރިންނަށް އެއްވެސް އަދަބެއް ނުލިބި ސަލާމަތްވުމަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކުގެ ނަތީޖާ ކަމަށެވެ. އާންމުންގެ ތެރޭގައި ނުހަނު ހާމަކަން ބޮޑު ގޮތަކަށް އަނަސްއަށް ދިން ހަމަލާގައި، އޭނާގެ ފުރާނަ ގެއްލިގެން ދިޔައިރު މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަށް އަދަބު ނުލިބުމަކީބަޔާނުގައި ބުނެފައިވާ ގޮތުން ތަންފީޒީ އިދާރާތްތަކާއި އަދުލު އިންސާފު ގާއިމު ކުރާ މުވައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ކުޑަވެގެން ދާނެ ސަބަބެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: