ޕޮރޮޖެކްޓްތައް ލަސްވެގެން ދަނީ ބަޖެޓްގެ ދަތިކަމުން ކަމަށް ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިޢު ވިދާޅުވެއްޖެެ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ އަބްދުﷲ ރާފިޢު ވިދާޅުވީ ފުރަތަމަ މަސައްކަތް ފަށާފައި އެޑްވާންސްއަށް ދޭން ޖެހޭ ފައިސާގެ %15 ދެއްކުމަށްފަހު ދެވަނަ ޕޭމެންޓްގެ މުއްދަތާއި ހަމައަށް އެ އަހަރު ތެރޭގައި ބަޖެޓަކުން ތަން ނުދޭ ކަމަށެވެ. މިކަމުގެ ސަބަބުން އެހެން ކޯޑަކުން އެ ފައިސާ ބަޖެޓަށް ޓްރާންސްފާ ކުރަން ޖެހޭ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ބަޖެޓަށް ހިމަނާފައިވާ އެހެން ކޯޑަކުން ފައިސާ ނަގަން ބަލާއިރު، އެ ފައިސާ އެހެން ރަށެއްގެ ބަޖެޓުގައި ހިމަނާފައި ވުމުގެ ސަބަބުން މަޝްރޫއުތައް ލަސްވެގެން ދާ ކަމަށް ވަޒީރުގެ ވާހަކައިގައި ވަނީ ފާހަގަކޮށްފައެވެ.
ބަޖެޓްގެ ދަތިކަން ހުރުމުގެ ސަބަބުން ޖެހިގެން އަންނަ އަހަރަށް މަސައްކަތް ލަސްކުރަން ޖެހޭ ކަމަށާއި ދެ މިލިއަން ނުވަތަ ތިން މިލިއަން ޕްރޮޖެކްޓުތައް ދެ ލައްކަ އަދި ތިން ލައްކަ ރުފިޔާގެ ގޮތުގައި ބަޖެޓުގައި ހިމެނިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ދެވަނަ ފަހަރަށް ޕޭމެންޓަށް ދާއިރު ދަތިތަކެއް ދިމާވާ ކަމަށް ވަޒީރު ވަނީ ފާހަގަ ކޮށްފައެވެ.
“ އެބަހުރި އިނގޭތޯ ދެ މިލިއަން ތިން މިލިއަން ޕްރޮޖެކްޓަށް ދެލައްކަ ތިންލައްކަ ވަރަކަށް ރުފިޔާ ބަޖެޓުގައި ހިމެނިފައި.. އެހެންވީމައި އެ ދެވަނަ ފަހަރަށް ޕޭމެޓް އަކަށް ދާއިރުގައި..އަޅުގަނޑުމެންނަށް ކުރިއަށް ގެންދިއުމަށް ދަތިވޭ..“
މަޝްރޫޢުތައް ލަސްވުމަށް ދިމާވާ އަނެއް ސަބަބެއްގެ ގޮތުގައި ރާފިއު ވިދާޅުވީ، ކުންފުނިތަކުން މަސައްކަތަަށް ބެނުންވާ ސާމާނު ގެނައުމަށް ލަސްތަކެއް ދިމާވުމުގެ ސަބަބުން މަސައްކަތް ދިގު ދެމިގެން ދިއުން ކަމަށެވެ. މިކަމުގެ ސަބަބުން ސަބް ކޮންޓުރެކްޓުގެ ދަށުން ބައެއް މަސައްކަތްތައް ކުރިއަށް ގެންދަން ޖެހިފައިވާ ކަމަށް ވަޒީރު ވަނީ ފާހަގަކޮށްފައެވެ.

