ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށަން ބޭނުންވާ އަދަދަށް މެމްބަރުން ހާޒިރު ނުވުމުގެ ސަބަބުން ކޯރަމް ހަމަނުވެ އެންމެ ފަހުން މިއަދުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.
މަޖިލިސް އިންތިހާބުގެ ދުވަސްވަރުން ފެށިގެން އައިސް، ޖަލްސާއަށް މެމްބަރުން ހާޒިރު ނުވާތީ މިދިޔަ ދެތިން މަހުގެ ތެރޭގައި ގިނަ ޖަލްސާތައް ކެންސަލްވި އެވެ. ކޯރަމް ހަމަވި ނަމަވެސް ގިނަ ޖަލްސާތައް ނިންމާލާފައި ވަނީ ވޯޓަށް ބޭނުންވާ އަދަދަށް މެމްބަރުން ހަމަނުވުމުންނެވެ.
އިއްޔެގެ ޖަލްސާ ވެސް ކޯރަމް ހަމަނުވެ، ޖަލްސާ ފެށީ 09:30 ގަ އެވެ. އަދި 10:00 ގައި އަނެއްކާވެސް ޖަލްސާ ނިންމާލީ މެމްބަރުންގެ އަދަދު މަދުވުމުންނެވެ.
މިއަދުގެ ޖަލްސާ ފެށުމަށް ރިޔާސަތުގައި ހުންނެވި މުހައްމަދު އަސްލަމް ވަނީ ތަކުރާރުކޮށް ފުރުސަތު ދެއްވާފަ އެވެ. ޖަލްސާ ފައްޓަވައި، އަސްލަމް ވިދާޅުވީ ބައެއް ބޭފުޅުން މަޖިލީހަށް ހާޒިރުވެ ކުޑަދަށުގައި މަޑުކޮށްގެން އެބަތިއްބެވި ކަމަވެ.
11 ޖެހި އިރު ވެސް ތަޅުމުގައި ހާޒިރުވެ ތިއްބެވީ އެންމެ 10 މެމްބަރުންކަމަށްވުމުން، ޖަލްސާ ނިންމާލީ އެވެ.
ދެން އޮންނާނީ މަޖިލީހުގެ 19 ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ އެވެ.

