ރާއްޖޭގައި ތަރައްޤީކުރާ އެންމެ ބޮޑު ވަޤުފް ޢިމާރާތް، ދާރުއްސަލާމް ގާއިމު ކުރެވިގެން ދާނީ ސަރުކާރުން ހުޅުމާލޭގައި ގާއިމްކުރާ އޮފީސް ކޮންޕްލެކްސްގައިކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަގުފަކީ ހިލާފަތުގެ ދުވަސްވަރުން ފެށިގެން މިއަދާއި ހަމައަށް ވެސް އިސްލާމީ ދައުލަތްތަކުން ކުރައްވަމުން ގެންދަވާ މުހިންމު އެއް މަސައްކަތެވެ. އޭގެ ސަބަބުން ދީނުގެ ކަންކަމަށް ހަރަދުކޮށް، ރައްޔިތުންގެ ކުރިއެރުމަށް ހޭދަ ކުރުމަށް ދައުލަތްތަކަށް ފައިސާ ލިބި އޭގެ ސަބަބުން ރަނގަޅު ނަތީޖާ ނިކުންނާނެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި މިނިސްޓަރ ޝަހީމް ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތަކާއި އެއްގޮތުގެ މަތިން ވަގުފް ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. އެ އިމާރާތުގެ ބިންގާ މިއަހަރު ތެރޭގައި ނިމިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓަކީ 205 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އަދި އެތަން ގާއިމް ކުރެވިއްޖެނަމަ ރާއްޖޭގެ އިސްލާމީ ކަންކަން ކުރުމަށް ދިމާވާ މާލީ ދަތިކަން ހައްލުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ގާއިމްކުރެވޭ އެންމެ ބޮޑު ވަގުފް ޕްރޮޖެކްޓް އިދާރަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހުޅުމާލޭގައި ފެށިގެންދާނެ.. 20،000 އަކަފޫޓުގެ ބިމެއްގައި ގާއިމްކުރެވޭ މި ވަގުފް ޕްރޮޖެކްޓް އެއީ ރާއްޖޭގައި ގާއިމްކުރެވޭ އެންމެ ބޮޑު ވަގުފް ޕްރޮޖެކްޓަށް ވެގެންދާނެ… މި ވަގުފް ޕްރޮޖެކްޓަކީ ވަރަށް ބޮޑު އޮފީސް ކޮންޕްލެކްސްއެއް… އެތަނުގެ ތެރޭގައި އޮފީސްގެ ޖާގައާ ހޯލާ މިހެން ގޮސް އެކި ވަސީލަތްތައް ގާއިމް ކުރެވޭނެ.
މިނިސްޓަރ ވިދާޅުވީ، އެ ޕްރޮޖެކްޓަށް ކިޔުމަށް ނިންމާފައިވަނީ ”ދާރުއްސަލާމް އިސްލާމިކް ކޮންޕްލެކްސް“ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި އަަހަރު ފަހުކޮޅުގައި މި މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.
މިސްކިތް ފަންޑުގައި ވެސް އެންމެ ފުރަތަމަ ފޮށްޓެއް ބަހައްޓައިގެން މަސައްކަތް ކުރީ އެހީ ހޯދުމަށް… ފަހުން އެ ފޮށި ބަދަލުވީ ދާރުލް އީމާން ބިލްޑިންއަށް… އަޅުގަނޑުމެންނަށް 6 ލައްކަ ރުފިޔާ ލިބޭ ކޮންމެ އަހަރަކު މިސްކިތް ފަންޑަށް.
މިނިސްޓަރ ވިދާޅުވީ ސަރުކާރުން އެންމެ މުހިންމު ކަމެއް ގޮތުގައި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި މިހާރު ފުޅާ ދާއިރާއެއްގައި ޒަކާތުގެ މަސައްކަތް ފެށިގެން ދާކަމަށާއި ސަރުކާރުގެ ފަރާތުންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ޒަކާތުހައުސްއިންގެ މަސައްކަތް ކުރަމުން ދަނީ ވަރަށް އަމާނަތްތެރިކަމާއި ތެދުވެރިކަމާއި އެކު ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިހާތަނަށް ޒަކާތުހައުސް އުފެދުނު ފަހުން ރާއްޖޭގެ 3 ސަރަހައްދަކަށް ޒިޔާރަތް ކުުރެވިފައިވާ ކަން މިނިސްޓަރ ވިދާޅުވިއެވެ. އެއީ ހއ،ހދ އަދި އައްޑޫ އަތޮޅުއެވެ.
މީގެ އިތުރުން މި ސަރުކާރު ޤާއިމްވި ފަހުން މިހާތަނަށް މާލެ ސަރަހައްދާއި އަތޮޅުތަކުގެ މިސްކިތްތައް މަރާމާތުކުރުމަށް 19 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު މިސްކިތްތަކުގެ މަރާމާތާއި މިސްކިތްތައް ބިނާ ކުރާ ކުންފުނިތަކަށް 27 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށާއި ނަމަވެސް މިހާރު މިހާރު މި ސަރުކާރުން ވަނީ އެ ހުރިހާ ފައިސާއެއް ދައްކައި ހަލާސްކޮށްފައި ކަމަށް ނިމިސްޓަރ ގެ ވާހަކައިގައި ވަނީ ފާހަގަކޮށްފައެވެ.

