މުސާރަ، އެލަވަންސް، ބޯނަސް، ހިއްސާގެ ފައިދާ، ޕެންޝަން ފައިސާ ފަދަ އެއްފަހަރާ ގިނަ ފަރާތްތަކަކަށް ޖަމާކުރަންޖެހޭ ފައިސާ ފަސޭހަކަމާއެކު ޓްރާންސްފަރ ކުރެވޭ ގޮތަށް ބިޒްނަސް އިންޓަރނެޓް ބޭންކިންގ އަށް ބަދަލު ގެނެސް ބަލްކް ޕޭމަންޓްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފިއެވެ.
މި ހިދުމަތަށް ރަޖިސްޓްރީވުމުން، ވިޔަފާރިތަކަށް ދިވެހި ރުފިޔާއިން އަދި ޔޫއެސް ޑޮލަރުން ބީއެމްއެލްގެ އެކި އެކައުންޓްތަކަށް އޮޓޮމެޓިކްކޮށް ބަލްކް ޕޭމަންޓް ހެދޭނެއެވެ. އަލަށް ތައާރަފްކުރި މި ހިދުމަތާ ގުޅޭ ގޮތުން، ބޭންކުގެ ކޯޕަރޭޓް ބޭންކިންގ ޑައިރެކްޓަރ އަހުމަދު އަސީފް ވިދާޅުވީ މެނުއަލް ޕްރޮސެސްތައް ދޫކޮށްލައި، އެއްފަހަރާ ގިނަ ޓްރާންސްފަރ ކުރުމަކީ ވިޔަފާރިތަކަށް އޮޓޮމެޓިކްކޮށް ހޯދޭ ހިދުމަތަކަށް ބަދަލުކޮށްލެވޭ ކަމީ ލިބިގެންދާ އުފަލެއް ކަމަށެވެ. މިބަދަލާއި އެކު، އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކި ބާވަތުގެ ބަލްކް ޕޭމަންޓް ހެދުމާއި، ޑުޕްލިކޭޓް ރިކޯޑްތައް ފާހަގަ ކުރުމާއި ވަކިވަކި ޕޭމަންޓްތަކުގެ ޕޭމަންޓް ސްޓޭޓަސް ބަލާލެވޭނެކަމަށް އަސީފް ވިދާޅުވި އެވެ/
ޑިޖިޓަލައިޒް ކުރުމަކީ އަޅުގަނޑުމެންގެ ސްޓްރެޓަޖީގެ ވަރަށް މުހިންމު ބަޔެއް އަދި ބޭންކިންގ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތްކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަވަސް، އަދި ހިދުމަތް ހޯދުމުގައި އެފަރާތްތަކުން ބޭނުންވާ ފަދަ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމި ތިބޭނަން. މި ބޭންކަކީ ރާއްޖެއަށް ވަރަށް ގިނަ އައު ހިދުމަތްތަކެއް ތައާރަފްކުރި ބޭންކެއް. އަދި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ސޮލިއުޝަންސް ހޯދައިދިނުމަށް އީޖާދީ ޕާރޓްނަރުންނާއެކު އަޅުގަނޑުމެން މަސައްކަތްކުރަމުންދާނަން.
އިންޓަނެޓް ބޭންކިން ބޭނުންކުރަމުންދާ ވިޔަފާރިތަކުން މި ހިދުމަތަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ހިލޭ ލިބޭ މި ހިދުމަތަށް ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނެއެވެ.

