ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރުސަތު ނުދޭނަމަ، އަންނަ ދައުރުގައި މަޖިލީހަށް އަންހެނެއް ނުހޮވުމުގެ ފުރުސަތު އެބައޮތް: ރޮޒެއިނާ

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުން މަޖިލީހަށް ހޮވޭ ނިސްބަތް ދަށްވެ، ދެން އަންނަ ދައުރަކަށް އެއްވެސް ގޮނޑިއެއް އަންހެން ކެނޑިޑޭޓަކަށް ކާމިޔާބު ނުކުރެވުމުގެ ފުރުސަތު އެބައޮތްކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރުމަށް ގާނޫނުއަސާސީއަށް ރޮޒެއިނާ ހުށަހެޅި އިސްލާހާއި އެކު އޭނާއަށް އެކި ފާޑުކިއުންތައް ވެސް އަމާޒުވި އެވެ. މި ބިލުގައިވާ ގޮތުން މިއީ މަޖިލީހަށް އިންތިހާބުވާ މެމްބަރުންގެ ތެރޭގައި އަންހެނުން ހިއްސާ ކަށަވަރު ކުރުމަށާއި، ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް ގައުމުގެ މުހިންމު ނިންމުންތަކުގައި އަންހެނުންގެ ބަސް ހިމެނުމަށް ހުށަހެޅި ބިލެކެވެ.

ބިލުގައި ވަނީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުމުގެ މާއްދާގެ (ށ) ގެ ފަހަތަށް އަކުރުތަކެއް އިތުރު ކުރުމަށެވެ.

މި ބިލު ރޮޒެއިނާ ހުށަހެޅީ، ދައުރު ނިމެން ކައިރިވެފައި ވަނިކޮށް މަޖިލިސް އިންތިހާބުގެ ކުރިން 01، މާޗު 2024 ގަ އެވެ. އެކަމަކު ބިލުގެ ބަހުސަކާއި ހަމައަށް ނުދެވި މިއަދު ވަނީ 19 ވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ބާއްވާފަ އެވެ.

މިއަދަކީ ދައުރުގެ އެންމެ ފަހު ދުވަސްކަމަށްވުމާއި، އެކު ރޮޒެއިނާ ހުށަހަޅުއްވާފައިވާ އެ ބިލުގެ މަސައްކަތް އަންނަ ދައުރަކަށް ދެމިގެން ނުދާނެ އެވެ. ބިލުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ކޯރަމް ހަމަކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރިނަމަވެސް ޖަލްސާއަށް މެމްބަރުން ހާޒިރުނުވުމުގެ ސަބަބުން ބަހުސްގެ މަރުހަލާއާއި ހަމައަށް މި ބިލު ގެންދެވޭ ގޮތް ނުވުމަކީ ކަންބޮޑުވުމެއްކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ އަންހެނުންގެ ހައްގުގައި އޭނާ މި ބިލު ހުށަހެޅީ މުހިންމު މަގްސަދެއްގައިކަމަށާއި، ވަކި ހާއްސަ އުސޫލެއްގެ ތެރެއިން ފުރުސަތުތަކެއް އަންހެނުންނަށް ސީދާ ލިބެންޖެހޭކަމަށް ބުނެފައި ނުވާނެކަމަށެވެ. އެކަމަކު ފެހި ގާނޫނުއަސާސީއަށް އަމަލު ކުރަން ފަށައި، އިންތިހާބުތައް ބާއްވަން ފެށިފަހުން ފެންނަ މަންޒަރަކީ އަންހެނުންގެ ދައުރު މަޖިލިސްގެ ތެރެއިން ފަނޑުވަމުން އަންނަ މަންޒަރުކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

އެއް އިންތިހާބުން، އަނެއް އިންތިހާބަށް.. ފައިސާގެ ރޯލު ކުޅޭ މިންވަރު ވެސް މި އަންނަނީ ބޮޑުވަމުން.. އެހެންކަމަށް ވަންޏާ ބަލައިގަންނަން ޖެހޭ ހަގީގަތަކީ، ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ، އަމިއްލައަށް އެ ހަރަދުކޮށްގެން… މިތަނަށް އަންނަން އެ ފައިސާ އެ ތިބި އަންހެނުންގެ އަދަދު މި ރާއްޖޭގައި މަދުވާނެ.. ކޮންމެވެސް މީހެއްގެ އެހީތެރިކަމެއްގައި ނޫނިއްޔާ އައިއްސަ ތިބި ބަޔަކު ނޫނީ އައިސަކާ ނެތް..

ރޮޒެއިނާ ވިދާޅުވީ އޭނާ ހުށަހެޅި ގޮތަށް ގާނޫނަށް އިސްލާހު ގެނެވުމުން، އަންހެނުންނަށް އިންތިހާބުތަކުން ލިބޭ ފުރުސަތު ބޮޑުވާނެކަމަށާއި އެ ގޮނޑިތަކަށް ވާދަކުރާނީ ވެސް ހުސް އަންހެނުން ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ މަޖިލީހުގައި އޭނާ ހޭދަކުރި 15 އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވުނުކަމަކީ އެކި މަސައްކަތްތަކުގައި ހުރި ހިޔާލުތަފާތުވުންތައް ކަމަށެވެ. އެހެންކަމުން އަންހެނުންގެ ވިސްނުން ކޮންމެހެން ބޭނުންވާކަމެއްގެ މަޝްވަރާ އަދި ބަހުސެއް ކުރިޔަށް ގެންދެވޭނީ އެ ހިޔާލު ވެސް ހުރި ބަޔަކު ތިބެގެންކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން އަންހެނުން މަޖިލީހަށް ގެންނަން މިއިއުޅެނީ، ފިރިހެނުންނަށް ދެރައެއް ދޭކަށް.. ނުވަތަ ފިރިހެނުންގެ ހައްގުތައް ނަގާލާކަށް ނޫން.. އެއީ މުޅި ގައުމަށް ވިސްނާއިރުގައި މި މަޖިލީހުގައި ކުރާ މަސައްކަތަށް ބަލާއިރު، މިތަނުގައި އެ މަސައްކަތް ކުރާއިރު ކޮންމެހެން އަންހެނުންގެ ހިޔާލު ބޭނުންވާތީ..

ރޮޒެއިނާ ވިދާޅުވީ މަޖިލިސް ތެރެއިން ރަނގަޅު ބަދަލުތައް ފެންނާނެކަމަށާއި، ދުނިޔޭގެ ގައުމުތަކުގެ ދިރާސާތަކަށް ބަލާއިރު އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށް ބަސް ހިމެނުމަށްޓަކައި ކުރެވޭ މަސައްކަތް ގިނަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: