ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެއްޗާ ދެކޮޅަށް 309 އޮޕަރޭޝަން ހިންގައި 35 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވޭ: ފުލުހުންގެ އިދާރާ

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗާ ދެކޮޅަށް 309 އޮޕަރޭޝަން ހިންގައި 35 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި ފުލުހުން ކޮށްފައިވާ މަސައްކަތްތައް އާއްމުކޮށް ބުނެފައިވަނީ ވައްކަމުގެ އެކި މައްސަލަތަކުން ހަތަރު މިލިއަނެއްހައި ރުފިޔާ އަނބުރާ ހޯދާފައިވާއިރު ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން ޖިނާއީ ކުށްތަކުގައި ޝާމިލުވި 50 މީހަކު ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނާ ގާތުން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުމަށް 905 ހަރަކާތް މުޅި ރާއްޖޭގައި ހިންގާފައިވާއިރު ރައްޔިތުންނަށް ހާއްސަކޮށްގެން 525 ޕްރޮގްރާމް ހިންގާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެތެރޭގައި ކުށުން ރައްކާތެރިކުރުވުމަށް ރައްޔިތުންނަށް މައުލޫމާތު ދިނުމާއި ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިމެނޭކަމަށްވެސް ވަނީ ބުނެފައެވެ.

6 މަސްދުވަހުގެ މުއްދަތުގައި ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސެކިއުރިޓީ ބަލަހައްޓައި ވޯޓުލުމަށް އަމާން މާހައުލެއް ގާއިމުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކާ އެކު ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މައިގަނޑު އެއް އަސާސްކަމުގައިވާ ޖިނާއީ ތަހުގީގު ކުރުމަށް ބަލާއިރު ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން މި މުއްދަތުގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 554 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށާއި އަދި ކުރިން ތަހުގީގު ކޮށްފައިވާ 42 މައްސަލައެއްގައި ކޯޓު މަރުހަލާގައި ހުކުމްތައް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މުއްދަތުގައި އެކި މައްސަލަތަކުގައި 3691 މީހުން ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ބަވަނަވަމުންދާ ދުނިޔެއާ އެއްހަމައެއްގައި ފައިތިލަ ސާބިތުކޮށް ޒިންމާދާރު ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުން ވެސް މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

ފާއިތުވި 6 މަސް ދުވަހު އެކި ދާއިރާތަކުން ތަމްރީނުދީ މުވައްޒަފުން ބިނާކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު ރާއްޖެއާއި ރާއްޖޭން ބޭރުން ޖުމްލަ 142 ޕްރޮގްރާމެއްގައި 899 މުވައްޒަފުންނަށް ތަމްރީނު ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ޔުނިފޯމް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް މުވައްޒަފުންގެ މުސާރައާއި އެލަވަންސްތައް ބޮޑުކޮށްފައިވާކަމަށްވެސް ވަނީ ބުނެފައެވެ. މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ދެވަނަ ދައުރު ވެސް މި މުއްދަތުގެ ތެރޭގައި އިފްތިތާހު ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އާއްމުކޮށްފައިވާ މައުލޫމާތުގެ ތެރޭގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ރަށްރަށުގައި 19 ޕޮލިސް ޕޯސްޓު އަލަށް ހުޅުވާ އަދި އިތުރު 12 ޕޮލިސް ޕޯސްޓު މި އަހަރުގެ ތެރޭގައި ހުޅުވުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އިދާރީ ހިންގުން ހަރުދަނާ ކުރުމާއި މައުލޫމާތު ހާމަކުރުމުގެ މަަސއްކަތުގައި ދިވެހި ފުލުހުންގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އައު ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމަށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލާއި މަޝްވަރާހޯދުމަށް މާލެއާއި އަތޮޅުތެރެ ހިމެނޭހެން 15 ފޯރަމް ބާއްވައި ދިރާސާތަކެއް ހަދާފައިވާކަމަށް ފުލުހުންވަނީ މައުލޫމާތު ދީފައެވެ. ސަރުކާރުގެ ވިސްނުމާ އެއްގޮތަށް އައު ޕްލޭން އެކުލަވާލައި އިފްތިތާހުކުރުމަށް މިހާރު ތައްޔާރު ވަމުންދާ ކަމަށް ވެސް އެ މުވައްސަސާއިން ވަނީ ބުނެފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ ގާބިލުކަން ވަޒަންކުރުމަށްޓަކައި އެކުލަވައިލާފައިވާ ޕޮލިސިންގ ޕްރޮފެޝަނަލް ފްރޭމް ވޯކަށް މުވައްޒަފުން އަހުލުވެރިކުރުވުމުގެ މަސައްކަތް މި މުއްދަތުގައި ފަށާފައިވާކަމަށާއި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެގޮތުގެ ޕްލޭނާއި ތަހުގީގު ދާއިރާ ހަރުދަނާކުރުމަށް ފްރޭމް ވޯކް އެކުލަވައިލުމުގެ މަސައްކަތް ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުރަންފަށާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ މަސައްކަތްތަކަކީ ހާމަކަމާއެކު ކުރެވެމުންދާ މަސައްކަތެއްގެ ގޮތުގައި ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރައްޔިތުންނަށް އަދާހަމަ މައުލޫމާތު ފޯރުކޮށްދިނުމަށް މި މުއްދަތުގެ ތެރޭގައި ތިންފަހަރެއްގެ މަތިން ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ދީފައިވާކަމަށާއި އަދި ފުލުހުންގެ ތަސައްވުރު ހާމަކުރެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޓީވީ ޕްރޮގްރާމް މެދުވެރިކޮށް މައުލޫމާތު ދެއްވާފައިވާކަމަށް ވަނީ ބުނެފައެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ރައްކާތެރި އަމާން މާހައުލެއް ގާއިމުކުރުމާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މެދުނުކެނޑި މަސައްކަތްކުރަމުންދާކަމަށްވެސް އެ މުވައްސަސާއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: