ސަރުކާރަށް އަދި މާބޮޑު ކާމިޔާބީއެއް ހާސިލުކުރެވިފައިވާކަމަށް ގަބޫލުނުކުރައްވާކަމަށާއި ކާމިޔާބީއެއްގެ ގޮތުގައި ކިޔޭނީ އެކަމެއްގެ ސަބަބުން ރައްޔިތުންގެ އަތްމަތި ތަނަވަސްވުމުންނާއި ދިރިއުޅުމުގައި ލުއިފަސޭހަތައް ލިބި ކުރިއެރުންތަކެއް އައިސްގެންކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު އިބްރާހިމް ރަޝިދުވަނީ ޕީއެންސީއަށް މަޖިލީހުގެ އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު، އިދިކޮޅު ފަރާތްތަކަށް ލިބިގެންދިޔަ ނާކާމިޔާބީއާއިއެކު ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްތައް ކުރެވިގެންދާނެކަމާއިމެދު ކުރެވެމުންދާ ސުވާލުތަކަށް އަލިއަޅުއްވާފައެވެ.
އިބްރާހިމް ވިދާޅުވީ، ސަރުކާރު ވުޖޫދުގައި އޮތީ އަދި ކުރު މުއްދަތަކަށް ކަމަށްވާއިރު ޕީއެންސީއަކީވެސް ކުޑަ ޕާޓީއެއްކަމަށެވެ. އެހެންނަމަވެސް އެ ޕާޓީއިންވަނީ ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފައިކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައިވެސް ތިބީ ސަރުކާރުގެ ކެންޑިޑޭޓުންކަމަށްވުމުން މަޖިލީހުގެ ބާރުވެރިކަންވެސް އޮތީ އެ ޕާޓީގެ އަތުގައިކަމަށެވެ.
އެހެންކަމުން މިހާރު ކަންކަން އޮތް ގޮތަށް އޮތް އިރު ޖަވާބުދާރީ ނުކުރެވޭނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެހާ ގިނަ އަދަދެއްގެ މެމްބަރުން ސަރުކާރުގެ ފަޅީގައި ތިބި އިރު އިދިކޮޅުގައި 12 ވަރަކަށް މެމްބަރުން ތިބެގެން ޖަވާބުދާރީކުރުވުމަކީ ވާނެ ވަރުގެ ކަމެއް ނޫންކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރެވޭނީ ރަނގަޅު ސިޔާސީ ޕާޓީއެއްވެސް އިދިކޮޅުގައި އޮވެގެންކަމަށްވާއިރު އެފަދަ ޕާޓީއެއް އިދިކޮޅުގައި ނެތްކަމަށް ހިއްސާކުރެއްވިއެވެ.
އޭނާ ވިދާޅުވީ، މީޑިއާތަކުން ޝާއިއުކުރަމުންދާ މައުލޫމާތުތަކަށް ބެލުމުން ފެނިގެންދަނީ ދަ ޑިމޮކްރެޓްސްގެ މެމްބަރުން ޓީވީތަކަށް އިންޓަރވިއުތައް ދެއްވަމުންދާ މަންޒަރުކަަމަށާއި އެމްޑީޕީގެ މެމްބަރުން ހަރަކާތްތެރިވާ މަންޒަރު ފެނިގެންދާ މިންވަރު މަދުކަމަށް ވިދާޅުވިއެވެ.
އިބްރާހިމް ވިދާޅުވީ، އެ މީހުންގެ ތޮބިއްޔަތުގައިވެސް އެކަން ނެތީކަމަށާއި ފެންނަމުންދަނީ އެމްޑީޕީއިން ވަކިވެ ޑިމޮކްރެޓްސްގެ ގޮތުގައި ހަރަކާތްތެރިވާ މެމްބަރުންކަމަށްވާ ހެންވޭރު ހުޅނގު ދާއިރާގެ ކުރީގެ މެމްބަރު ހަސަން ލަތީފް އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފަދަ ބޭފުޅުން ރައްޔިތުންގެ މަސައްކަތްތަކުގައި އުޅުއްވާ މަންޒަރުކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެކަމަށާއި ރައްޔިތުންގެ ފަރާތުން ވަކާލާތުކުރާ އަޑުވެސް ކުރިއަށް އޮތް މަޖިލީހުގެ ދައުރުގައި އިވިގެން ނުދާނެކަމަށް ސިފަކުރެއްވިއެވެ. އަދި ތިބިނަމަވެސް ބަލަހައްޓައިގެން ދުރުގައި ބަޔަކު ތިބެދާނެކަމަށާއި މައްސަލަތަކާއި ގުޅޭގޮތުން މީޑިއާތަކުން ކުރާ ސުވާލުތަކަށް ޖަވާބުވެސް ނުލިބޭނެކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ ކާމިޔާބީތަކުގެ ވާހަކަތައް ދައްކާއިރު، ދެކެވެމުންދާ ވާހަކަތަކާއި އެއްފަދަ ކާމިޔާބީއެއް ލިބިފައިވާކަމަށް ގަބޫލުނުކުރެއްވޭކަމަށެވެ. އިބްރާހިމް ވިދާޅުވީ، ކާމިޔާބީއެއްކަމަށް ކިޔާނީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު އަތްމަތި ތިޔާގިވުން ފަދަ ކަމެއް ކުރުމަށް މަގުފަހިކުރެވިފައިވާނަމަ ކަމަށެވެ. އަދި ވެފައިވާ ވައުދުތައް ފުއްދުން ފަދަ ކަންކަން ކުރެވޭނަމަ ކާމިޔާބީއެއްގެ ގޮތުގައި ކިޔިދާނެކަމަށް ވިދާޅުވިއިރު، ސަރުކާރަށް އެފަދަ ކާމިޔާބީއެއް ލިބިގެންދާ ފަދަ މަސައްކަތެއް ސަރުކާރަށް އަދި ކުރެވިފައިނުވާކަމަށް ފާހަގަކުރެއްވިއެވެ.
އިބްރާހިމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގެ ކަންކަމަށް ބަލާއިރު މަސްވެރިންނަށް 48 ގަޑީރުގެ ތެރޭގައި ފައިސާ ދޫކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާކަން ފާހަގަކުރެއްވޭކަމަށެވެ. އަދި އެކްސްޕޯޓު ޓެކްސް ކަނޑާލާނެކަމަށްވެސް ބުނެފައިވާއިރު އެއީ ނިމިދިޔަ ސަރުކާރަށްވެސް ކާމިޔާބު ނުކުރެވުނު މަސައްކަތެއްކަމަށް އިޝާރާތްކުރެއްވިއެވެ. އެހެންނަމަވެސް އެކަންކަން އެގޮތުގެ މަތިން ނުކުރެވޭކަމަށާއި މަސްވެރިންގެ އަތުން ނަގަމުންދާ ޓެކްސް އަދިވެސް ދަނީ ނަގަމުންކަމަށް ވިދާޅުވިއެވެ.
އިބްރާހިމް ވިދާޅުވީ، ސަރުކާރަކަށްވުރެ ބޮޑަށް ފެނިގެންދަނީ މިދިޔަ ސަރުކާރުގައިވެސް ފެނިގެންދިޔަ ފަދަ މަންޒަރުތަކެއްކަމަށެވެ. އެގޮތުން ފެންނަމުންދަނީ ކުންފުންޏެއް ހިންގަމުންދިއުމާއި އެއްފަދަ މަންޒަރުތަކެއްކަމަށާއި މަހަށް ހަމަ އަގު ދިނުން ފަދަ މައްސަލަތަކާއި ގުޅޭގޮތުން އޭނާ ވަނީ ނިމިދިޔަ ސަރުކާރާއި އެތައް ފުރުސަތެއްގައި ސުވާލުކޮށްފައިކަމަށް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ފެންނަމުންދަނީ ކުންފުންޏެއް ހިންގާ ގޮތަށް ސަރުކާރު ހިންގަމުންދާ މަންޒަރުކަަމަށާއި ފެންނަމުންދިޔައީ ރައްޔިތުންނަށް އާމްދަނީގެ ގޮތުގައި ލިބިގެންދާ ފައިސާ އެކި ގޮތް ގޮތުގެ މަތިން އިސްރާފުކުރަމުންދިޔަ މަންޒަރުކަމަށެެވެ.

