ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތި ބިލު ކޮމިޓީއަށް ނުފޮނުވައި، އިތުރު ވޯޓަކުން ބޭރު ކުރަން ގާނޫނީ ހުރަހެއް ނެތް: ޕީއެންސީ

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ގެޒެޓުގައި ލިސްޓު ޝާއިއު ކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލު ކުރުން ލާޒިމްވާ ގޮތަށް މިދިޔަ ދައުރުގައި ގެނައި އިސްލާހު ކޮމިޓީއަށް ނުފޮނުވައި ބޭރުކޮށްފައި ވަނީ ގާނޫނީ ގޮތުން ހުރަހެއް ނެތިކަމަށް ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތައް ގެޒެޓުގެ ލިސްޓަށް ގޯތި ހަވާލު ކުރުމަށް ލާޒިމްކުރާ އިސްލާހެއް ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. ދާއިރާގެ ދެވަނަ ދައުރެއް ތަމްސީލު ކުރައްވަމުން ގެންދަވާ މީކާއިލް މިއަދު ވެސް ވަނީ އެ ބިލު އަނބުރާ ފޮނުވާލުމުން މި ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ އިހުލާސްތެރިކަމާއި މެދު ސުވާލު އުފެއްދެވި އެވެ.

މިދިޔަ އޭޕްރިލް މަހު ފާސް ކުރި އެ އިސްލާހު، ތަސްދީގު ނުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބިލު އަނބުރާ ފޮނުވާލުމުން އެ މައްސަލައިގައި މިއަދު އޮތީ ގޮތެއް ނިންމުމެވެ. ސަރުކާރުގެ މެމްބަރުންގެ ފާޑުކިއުންތަކަށް ފަހު، ވޯޓަށް ހުޅުވާލުމުން ވޯޓުގައި ބައިވެރިވި 88 މެމްބަރުންގެ ތެރެއިން 75 މެމްބަރުން ވޯޓު ދެއްވީ ކޮމިޓީ މަރުހަލާއަށް އަލުން ފޮނުވަން ނުފެންނަ ކަމަށެވެ. އަދި ބިލުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ވޯޓު ދެއްވީ 12 މެމްބަރުންނެވެ. އެގޮތަށް ނަތީޖާ ނިކުތުމުން ދެން ވޯޓަށް އެހީ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސް ކުރުމަށެވެ. އެކަމަކު ބިލު ފާސްކުރަން ފެންނަކަމަށް ވޯޓު ދިނީ ކުރިން ވެސް ވޯޓު ދިން 12 މެމްބަރުންނެވެ. އަދި ބިލު ބޭރު ކުރުމަށް 76 މެމްބަރަކު ވޯޓު ދެއްވި އެވެ.

ބިލު ބޭރު ކުރުމަށް ފަހު، ޕީއެންސީގެ ޕާލިމަންޓު ގުރޫޕުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ވިދާޅުވީ ރައްޔިތުންނަށް މި ސަރުކާރުން ބޯހިޔާވަހިކަން ކަށަވަރުކޮށްދޭކަމަށާއި އެ އިސްލާހު ބަލައިނުގަތުމުގެ ސަބަބުން ގެއްލުމެއް ނުވާނެ ކަމަށެވެ.

ކޮމިޓީ މަރުހަލާއަށް ނުފޮނުވައި، އެއް ދުވަހުން ބިލު ބޭރު ކުރެވިދާނެކަމަށް ގަބޫލު ކުރެވޭތޯ ސުވާލު ކުރުމުން ފަލާހު ވިދާޅުވީ ޕާޓީގެ ޕާލިމަންޓު ގުރޫޕުން ގޮތެއް ނިންމުމުގައި ގާނޫނީ ލަފާ ހޯދާފައިވާނެ ކަމަށެވެ. އެހެންކަމުން ކޮމިޓީގައި ގޮތެއް ނުނިންމައި ވެސް، ސީދާ ތަޅުމުން ބިލު ބޭރު ކުރެވޭނެކަމަށް ފަލާހު ވިދާޅުވި އެވެ.

ގެޒެޓުގައި ލިސްޓު ޝާއިއު ކުރުމަށް ފަހު، ގާނޫނުގައި ވަކި މުއްދަތެއް ކަނޑައަޅައި ގޯތި ނުވަތަ ފަލެޓު ހަވާލު ކުރުމަށް ތާއީދުތޯ އާއި، އައު ގާނޫނުގައި އެފަދަ ވާހަކައެއް ހިމަނާނަން ތޯ ސުވާލު ކުރުމުން ފަލާހު ވިދާޅުވީ މިދިޔަ ދައުރުގެ މަޖިލީހުން ފާސްކުރި އިސްލާހުގައި ގާނޫނީ ވަރަށް ގިނަ ފުށުއެރުންތައް ހުރިކަމަށެވެ.

ދިރިއުޅުމަށް ދޫކުރާ ގޯއްޗަކާއި ގުޅޭ ވަކި މުއްދަތެއް ގާނޫނުގައި ބަޔާންކޮށްފައި އޮތް އިރު ފަލާހު ވިދާޅުވީ، ބައެއް ގޯތިތައް ދޫކޮށްފައި ހުރި ފަޅުތައް ނުހިއްކާ އޮތުމުން ތިން މަސް ދުވަހުގެ ތެރޭގައި ގޯތިތައް ދެވޭނެ ހަމައެއް މިވަގުތު ނެތްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައި އެބަހުރި، މި ހުށަހެޅި އިސްލާހާ ގާނޫނީ ވަރަށް ގިނަ ފުށުއެރުންތައް އެބަހުރި… މިސާލަކަށް ދިރިއުޅުމަށް ދޫކުރާ ގޯއްޗެއްގައި ދިރިއުޅެން ޖެހޭ ވަކި މުއްދަތެއް ވެސް އެބައޮތް.. އޭގެ މާނައަކީ ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ދޭން ލާޒިމު ކުރީ.. މި އިސްލާހު މި ހުށަހެޅުއްވީ… އިސްލާހު ހުށަހެޅުއްވީ، ތިން މަސް ދުވަހުގެ ތެރޭގައި މިސާލަކަށް އަޅުގަނޑުމެން މި ގޯތި ދޫކުރީ.. ބައެއް ގޯތި މި ހުރީ ކަނޑުން ދޫކޮށްފައި.. ނުހިއްކާ ހުރި ތަންތަނުން.. އެހެންވެއްޖެއްޔާ ދައުލަތުގެ އެހާ ހަކަތަ، އިގްތިސާދީ ގޮތުންނާ މާލީ ގޮތުންނާ، ހަކަތަ ނެތް ދައުލަތަކަށް އެ މުއްދަތުގެ ތެރޭގައި އެކަންކަން ކުރެވޭނެތޯ ނުވަތަ ނޫންތޯ.. ވެސް ބަލަން ޖެހޭކަން.

ފަލާހު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްކަމަށާއި، އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައީ ރާއްޖެ ދަރަނިވެރި ކުރުވުމަށް ފަހުކަމަށެވެ. ސަރުކާރުން އައު ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައި އޮތުމުން، ބޯހިޔާވަހިކަމުގެ ދަތިތައް ހައްލުވެގެން ދާނެކަމަށް ފަލާހު ވިދާޅުވި އެވެ. މި ބިލުގައި ރައްޔިތުންގެ ހުރިހާ ހައްގުތަކެއް ކަށަވަރު ކުރެވޭ ގޮތަށް، މާއްދާތައް ހިމަނާފައިވާނެކަމަށާއި ބިލު ދިރާސާ ކުރުމަށް ފަހު އެ މައުލޫމާތުތައް މީޑިއާތަކަށް ހިއްސާ ކުރާނެކަމަށް ފަލާހު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސަށް އެޑްރެސް ކުރައްވައި ރައީސް މުއިއްޒު ފޮނުއްވި ސިޓީގައި ވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ނުހިއްކާ ހުރި ސަރަހައްދުތަކުން ވެސް ގޯތި ދޫކޮށްފައިވާއިރު އެ ސަރަހައްދެއް ހިއްކުމަކީ އެއީ އަމަލީ ގޮތުން ތިން މަސް ދުވަހުގެ ތެރޭގައި ކުރެވޭނެކަމެއް ނޫންކަމަށެވެ. އަދި އެކަން މަޖިލީހުގެ ކޮމިޓީގައި ކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރުމުން ވެސް އެ މަޝްވަރާއަށް ބިލު ފާސް ކުރުމުގައި އެއްވެސް މިންވަރަކަށް ރިއާޔަތްކޮށްފައި ނުވާކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ޒަމާނަށް ފެތޭ، ބިމާއި ބެހޭ ތަފްސީލީ ގާނޫނީ އައު އޮނިގަނޑެއް ގާއިމު ކުރުމުގެ ގޮތުން މިހާރުގެ ބިމާއި ބެހޭ ގާނޫނު އުވާލެވޭ ގޮތަށް ދިވާހިރާއްޖޭގެ ބިމުގެ ބިލުގެ ނަމުގައި އައު ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ބިލުގައި ބަންޑާރަ ގޯތިތައް ދިނުމުގެ ތަފްސީލުތައް ހިމަނާފައިވާއިރު، އައު ގާނޫނާއި އެކު ކުރީގެ ގާނޫނު އުވިގެން ދާނެކަމަށް އެމަނިކުފާނުގެ ސިޓީގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: