ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށްތައް އިތުރުވީ ކުރީ ސަރުކާރުން ދޫކުރި ބައެއްގެ ސަބަބުން ނަމަ، އެ މީހުން ޖަލަށް ގެންދިޔައީސް: އެމްޑީޕީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހަކު ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ޙުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ލުމުގެ ޤާނޫނީ ފުރުސަތު އޮތް އިރު އެގޮތަށް މިދިޔަ 10 މަސް ތެރޭގައި އަމަލު ކުރެވިފައި ނެތުމަކީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަދި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ހެއްދެވީ އިތުރުފުޅެއްކަން އެނގޭ ސަބަބެއްކަމަށް އެމްޑީޕީން ބުނެފި އެވެ.

ވައްކަންކޮށް، އެތަކެތި ހާމަކަން ބޮޑުކޮށް މާލޭގެ މާރުކޭޓު ސަރަހައްދުގައި ވިއްކާކަމަށް ނޫހަކުން ކުރި ރިޕޯޓަކަށް، ޝިފާން ވިދާޅުވީ މިއީ އެއްވެސް ހަމައެއް އުސޫލެއް ނެތި ކުށްވެރިންތަކެއް ދޫކުރުމުގެ ނަތީޖާކަމަށެވެ. ކުރީ ސަރުކާރުގެ ނަން ނުގެނެސް، ޝިފާން ވިދާޅުވީ މީގެ 10 މަސް ކުރިން 434 ކުށްވެރިން ދޫކޮށްފައިވާކަމަށެވެ.

ޝިފާން އެ ވިދާޅުވި މުއްދަތު ދިމާވަނީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން އެންމެ ފޯރިގަދަވި ވަގުތާއި އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށެވެ.

ކުށްކުރުމުގެ ނިސްބަތް އިތުރުވުމުގެ ޒިންމާ ނަގަން ޖެހޭނީ ކުރީ ސަރުކާރުންކަމަށް ނުސީދާ ގޮތެއްގައި، ޝިފާން ވިދާޅުވުމުން އެކަމަށް ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

މި ތުހުމަތުތަކަށް ރައްދު ދީ އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ކުށްކުރުން އިތުރުވުމާ ގުޅިފައި ވަނީ ކުރީ ސަރުކާރާކަމަށް ފުލުހުންގެ ތަރުޖަމާނު ދެއްކެވި ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް ގިނަ އަދަދެއްގެ ކުށްވެރިން އެއްވެސް އުސޫލެއް ނެތި ދޫކުރިކަމަށް ބުނާއިރު އެ ވާހަކައަށް ރައްދު ދޭނެ އެއްވެސް ހެއްކެއް ފުލުހުންނަށް ދެއްކިފައި ނުވާކަމަށް އެމްޑީޕީން ބުންޏެވެ. ސިޔާސީ މަންފާއެއް ހާސިލު ކުރުމުގެ ނިޔަތުގައި އެ ވާހަކަ ދެއްކެވިކަން އެނގޭ އެއް ސަބަބަކީ، މީގެ ކުރިން އެފަދަ ނަމްބަރުތަކެއް ވިދާޅުވެފައި ނެތުމާއި ލިޔެކިއުމެއްގެ ސިފައިގައި ވެސް މައުލޫމާތު އާންމު ނުކުރުމެވެ.

މިއީ ފުލުހުންގެ ފަރާތުން ފެނުނު ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ސިފަކޮށް އެމްޑީޕީން ބުނެފައި ވަނީ އެ ޕާޓީގެ ސަރުކާރުގައި، ހުކުމް ތަންފީޒު ކުރަމުންދިޔަ މީހަކު މިނިވަން ކުރުމުގައި އަމަލުކޮށްފައި ވާނީ އެކަމަށް ހާއްސަ ގާނޫނު މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި އިޖުރާއަތުތަކަށް ކަމަށެވެ. އަދި އެކިއެކި ކުށްތަކުގައި ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން، ޖަލުގެ އަހުލާގު ރަނގަޅު މީހުނާއި، ރީހެބިލިޓޭޓް ކުރުމާއި މަސައްކަތް ދަސްކޮށްދިނުމަށް ޖަލުގައި ހިންގޭ ޕްރޮގްރާމްތައް ފުރިހަމަ ކުރާ މީހުންގެ ތެރެއިން، މުޖުތަމައުއަށް އަނބުރާ ގެނެސް، އަލުން ދިރިއުޅުން ބިނާކުރުމަށް އިތުރު ފުރުސަތެއް ދެވިދާނެފަދަ މީހުން ފާހަގަކޮށް ބަޔާންކުރާ ހަމަތަކުގެ މަތީން އެ މީހުން މިނިވަންކޮށްފައިވާނެކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

ބަޔާނުގައި ވަނީ އެ މީހުން މިނިވަންކޮށްފައި ވާނީ، މިނިވަންކުރާ ދުވަހުން ފެށިގެން 1 އަހަރުގެ ތެރޭގައި އިތުރު ޖިނާއީ ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެ މުއްދަތުގައި ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ހުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ގެންގޮސް، މައާފު ކުރެވުނު ހުކުމުގެ ބާކީ ބައި ތަންފީޒުކުރަން ފަށަންޖެހޭ ގޮތަށް ކަމަށެވެ.

ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހަކު ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ޙުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ލުމުގެ ޤާނޫނީ ފުރުސަތު އޮތް އިރު، މި ދުވަސްވަރު ކުށްކުރަމުންދާ މީހުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅި އަދި ބަންދު ނުކުރެވުމުން އެނގެނީ، އެ މީހުންނަކީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހުން ނޫންކަމެވެ.

އެމްޑީޕީ ސަރުކާރުގައި ދޫކުރި ބަޔަކު ކުށެއްކޮށްފި ނަމަ އެ މީހަކަށް އިތުރު ހުކުމަކާއި ނުލައި ބަންދަށް ގެންދެވެން އޮތް އިރު ކުށްވެރީން މުޖްތަމައުގެ ތެރެއަށް ދޫވެފައި ތިބުމަކީ އެއީ އެ ޕާޓީން ދޫކުރި ބައެއްނޫންކަން އެނގޭކަމަށް ވެސް ވަނީ ބުނެފަ އެވެ. އެމްޑީޕީން ތުހުމަތު ކުރަނީ، މަޖިލިސް އިންތިހާބަށް ކުށްވެރިން ދޫކުރީ މި ސަރުކާރުން ކަމަށެވެ. އަދި ކުށްވެރިން ދޫކޮށްފައި ވަނީ، ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެހެންކަމުން އެ ޕާޓީގެ ސަރުކާރަށް ތުހުމަތުތައް ކުރާއިރު، ރައީސް ސޯލިހުގެ މައާފު ލިބި، ދޫކޮށްލި މީހުންގެ ލިސްޓު އާންމު ކުރުމަށް އެމްޑީޕީން ގޮވާލި އެވެ.

އެމްޑީޕީން ބުނެފައި ވަނީ  ކުށް ކުރުން ހުއްޓުވޭނީ ފުރިހަމައަށް ޤާނޫނު ތަންފީޒްކުރުމާއެކު، ސަރުކާރުން ގާނޫނީ ޒިންމާ އަދާކޮށްގެން ކަމަށެވެ. އަދި ކުށް ކުރުން ހުއްޓުވުމުގެ ގާނޫނީ ޒިންމާއިން ބަރީއަވުމުގެ ބަދަލުގައި އެ ޒިންމާ އަދާކޮށް، މުޖުތަމައުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވަނީ ގޮވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: