ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރައީސް ޔާމީން އިންތިހާބު ބޮއިކޮޓު ކުރާނެކަން އެނގޭތީ ރޭވުންތައް ރޭވިން“

ޕީޕީއެމް އިން ނޮވެމްބަރު، 2019 ގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރުމުން ރައީސް ޔާމީން ބޭނުންފުޅުވީ އިންތިހާބު ކޮންގްރެސް ކޯލިޝަނުން ބޮއިކޮޓު ކުރުމަށެވެ. ރައީސް ޔާމީނަށް ވާދަ ނުކުރެވޭ އިންތިހާބެއްގައި، ޕާޓީން ބައިވެރިވެގެން ނުވާނެކަމަށް އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން ދެކުނު ނަމަވެސް އެމަނިކުފާނުގެ ހުށަހެޅުމަށް ދެކޮޅު ހެއްދެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕީއެންސީގެ ޗެއާޕާސަން އަދި އޭރު ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން އަބްދުއްރަހީމް އަބްދުﷲ އެވެ.

ދެ ޕާޓީގެ ސެނެޓު ބައްދަލުވުން ބާއްވައި، އިންތިހާބު ބޮއިކޮޓު ކުރަން ނުފެންނަކަމަށް ފާސް ކުރުމަށް ފަހު ވެސް އެތެރޭގައި މައްސަލަތަކެއް އުޅޭކަމުގެ އަޑުތަކެއް ފެތުރުނެވެ. އަދި ރައީސް މުއިއްޒު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރެން ރައީސް ޔާމީން ބޭނުންފުޅު ނުވާކަމަށް ވެސް އަޑުފެތުރުނެވެ.

ދޮޅު މަސް ދުވަހުގެ ކެމްޕެއިނަކަށް ފަހު، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ދުވަހުގެ ޖެހިގެން އައި ދުވަހު ރައީސް ޔާމީން މިނިވަންވި އެވެ. އެކަމަކު ދެ ރައީސުންގެ ދެމެދު ސިޔާސީ ހިޔާލުތަފާތުވުން އުފެދި، ރައީސް ޔާމީން ކޮންގްރެސް ކޯލިޝަނުން އިސްތިއުފާ ދެއްވުމަށް ފަހު އައު ޕާޓީއެއް އުފެއްދެވި އެވެ.

ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރުމަށް ގޮވާލި، ސަބަބަކީ ކޮބައިކަމާއި އަދި އެގޮތަށް ޕާޓީން އަމަލު ކުރަން ޖެހޭނެކަމަށް ރައީސް ޔާމީން ގަބޫލު ކުރައްވަ އެވެ. އަދި ޕާޓީގެ ލީޑާޝިޕް އެމަނިކުފާނަށް، އެއްވެސް ބެއްލެވުމެއް ނެތި ދެކޮޅަށް މަސައްކަތް ކުރިކަމަށް ތުހުމަތު ކުރައްވަ އެވެ.

ރައީސް ޔާމީން ވިދާޅުވާ ގޮތުގައި، އެމަނިކުފާނަށް ކިރިޔާ ވެސް އިންތިހާބުގައި ވާދަކުރެވެން އޮތް ފުރުސަތު ގެއްލުވާލީ އަބްދުއްރަހީމެވެ. އަދި އޭނާއަށް އެކަމުގައި ވާގިވެރިވެ އެހީވެފައި ވަނީ ޕާޓީގެ ލީޑާޝިޕެވެ. މިދިޔަ ދުވަސްތަކުގައި އެކަމަށް، ޕާޓީގެ ބޭފުޅުން ވެސް އިސްތިއުފާ ދެއްވި އެވެ.

މީގެކުރިން ވެސް އަބްދުއްރަހީމް، ރައީސް ޔާމީނަށް ރައްދު ދެއްވައި ވާހަކަ ދެއްކެވި ނަމަވެސް އެމަނިކުފާނުގެ ނަން ގެންނަވައި މާބޮޑަށް ފާޑުކިއުން އަމާޒު ނުކުރައްވަ އެވެ. އެކަމަކު ރޭ ޕީއެންސީ ހަރުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެކަމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމައި އެއަށް ސުޕްރީމް ކޯޓުން ތާއީދު ކުރުން ދެން އިތުރު ބޭފުޅަކަށް އިންތިހާބަށް ނިކުންނަން ފުރުސަތު ދޭން ރައީސް ޔާމީން ބޭނުންފުޅު ނުވާނެކަން މާކުރިން ވެސް އެނގޭ ކަމަށެވެ.

އެއަށް ފަހު ރައީސް ޔާމީނަށް ބަހުގެ ހަމަލާތައް ދެއްވައި، އަބްދުއްރަހީމް ވިދާޅުވީ އޭނާއަށް ބައެއް ބޭފުޅުން ތުހުމަތު ކުރާ ގޮތުން މާކުރިން ރާވައި ރައީސް ޔާމީނަށް ފުރުސަތު ގެއްލުވާލީ އެވެ. އަދި ރައީސް މުއިއްޒަށް ޓިކެޓު ދޭން ކުރިން ވެސް ބޭނުންވިކަމަށް ބައެއް މީހުން ބުނާކަމަށެވެ.

ފުރަތަމަ ފަހަރަށް މި މައުޟޫއުގައި ތަފްސީލުކޮށް ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އެގޮތަށް މަސައްކަތް ކުރަން ޖެހުނީ ރައީސް ޔާމީންގެ މިޒާޖު އެނގިވަޑައިގަންނަވާތީ ކަމަށެވެ. އަދި ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނަމަ، ޕާޓީގެ އިތުރު އެއްވެސް ބޭފުޅަކަށް ޓިކެޓު ދޭން ރައީސް ޔާމީން ބޭނުންފުޅު ނުވާނެކަން ވެސް އެނގޭ ކަމަށެވެ.

ދެން މި ބުނަނީ، އަޅުގަނޑު ރާވައިގެން.. މާކުރިން މުއިއްޒަށް ބައިއަތު ހިފައިގެން ޓިކެޓު ދިނިއްޔޭ… މާކުރިން ރޭވީމައޭ.. ކީއްވެ ރޭވީ؟ އަޅުގަނޑަށް ރައީސް ޔާމީނު އެނގޭތީ ވެ ރޭވީ.. އަޅުގަނޑަށް އެނގެޔޭ، އެމަނިކުފާނަށް ކުރިމަތިނުލެވެންޏާ އަޅުގަނޑުމެންގެ ޕާޓީއަށް ވެރިކަމަށް ކުރިމަތިލާން ފުރުސަތު ނުދެއްވާނެކަން…

އަބްދުއްރަހީމް ވިދާޅުވީ އޭނާ އެ ދުވަހު، ބޭނުން ކުރީ 30 އަހަރުގެ ސިޔާސީ މަސައްކަތުގެ ތަޖުރިބާ ކަމަށެވެ. އަދި ރައްޔިތުން ބިކަވެ މަގުމަތި ވެގެންދާން ބޭނުން ނުވާތީ ކަމަށެވެ. އަދި ވިދާޅުވީ ކިތަންމެ ގިނަ ޕްލޭންތަކެއް އޮތް ނަމަވެސް، ރައީސް ޔާމީންގެ ރުހުމާއި، ތާއީދުގައި ރިޔާސީ އިންތިހާބަށް އެހެން ކެންޑިޑޭޓެއް ނުނެރެވޭނެކަން އޭރު ވެސް ޔަގީން ކުރެވުނު ކަމަށެވެ.

އެހެންވެ ރާވަމުން ދިޔައީ، އަޅުގަނޑުގެ ހިތުގައި އޮތް.. ޔަގީންކަމާއި އެކީގައި ޕީޕީއެމް/ޕީއެންސީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެއޭ.. އަޅުގަނޑަށް އެނގޭ، ޕްލޭން އޭ ހަދާފައި.. ބީ ހަދާފައި… ސީ ހަދާފައި އުޅުނު އިރު ވެސް އެމަނިކުފާނުގެ އެއްބަސްވުމުގައި، އެމަނިކުފާނުގެ ރުހުމުގައި ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެކަން

އެކަމަކު، އަބްދުއްރަހީމްގެ ވާހަކައިގައި ފަހުން ވިދާޅުވީ ރައީސް ޔާމީން އެހެން ކެންޑިޑޭޓަކު ނެރެން މަސައްކަތް ކުރެއްވި ކަމަށެވެ. އަވަސް އަރުވާލައި، ރައީސް މުއިއްޒުގެ ފޯމު ޕާޓީގެ ނަމުގައި ހުށަހަޅަން ޖެހުނު ސަބަބަކީ އެއީކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެއިތުރުން އަބްދުއްރަހީމް ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނަށާއި، އަނބިކަބަލުން ފާތިމަތު އިބްރާހިމާއި ގުޅުވައި ދެކެވުނު ވާހަކަތައް ކޮންމެވެސް ވަރަކަށް ގެންނަވާފަ އެވެ. އެގޮތުން ސަދަގާތް ފައުންޑޭޝަނާއި، ހިތާނީ މޫސުން އަދި ހައްޖު ކޯޓާގެ ވާހަކަ ފާހަގަކުރެއްވި އިރު، އެއީ އޭރު މެޑަމް ފާތުންއަށް ކުރެވުނު ތުހުމަތުތަކެކެވެ. ފަސް އަހަރުގެ ވެރިކަން ރައީސް ޔާމީނަށް ގެއްލިގެން ދިޔައީ ކޮރަޕްޝަން އިންތިހާއަށް އިތުރުވެ، އެ މައްސަލަތަށް އިންތިހާއަށް އިތުރުވުމުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި އަބްދުއްރަހީމް އެކި ފަހަރު މަތީން ރައީސް ޔާމީނަށް އަމާޒުވާ ގޮތަށް ފާޑުކިއުން އަމާޒު ކުރެއްވި އެވެ. އަދި ގިނަ ފަހަރަށް ޕީއެންއެފްގެ ޖަލްސާތަކުގައި ރައީސް ޔާމީން، ސަރުކާރާއި ކޮންގްރެސް ކޯލިޝަނަށް އަމާޒުކޮށް ދައްކަވާ ވާހަކަފުޅަށް ވެސް ރައްދު ދެއްވަ އެވެ. އެގޮތުން އަބްދުއްރަހީމް ވަނީ ރައީސް ޔާމީން ހެޔޮ އެދެނީ އަމިއްލަ ނަފުސަށް ތޯ، ނުވަތަ ޕާޓީއަށް ތޯ ސުވާލު އުފައްދަވާފަ އެވެ. އަދި އެމަނިކުފާނަކީ ގައުމަށް ހެޔޮ އެދޭ، ރައްޔިތުންނަށް ރަނގަޅު ގޮތް ވުމަށް އެދޭ ލީޑަރެއް ނަމަ އިންތިހާބު ބޮއިކޮޓުކޮށް އިތުރު ފަސް އަހަރު ރައްޔިތުން މަގުމަތިވުމަށް ބޭނުންފުޅު ނުވީސްކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް އެންމެ ބޮޑަށް ސުވާލު އުފައްދަވަނީ، އެމަނިކުފާނާއި އެންމެ އަރިހުގައި މިވަގުތު ހުރި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަށެވެ. ބަޣާޥަތަކުން ވެރިކަން ބަދަލު ކުރަން އުޅޭކަމުގެ ތުހުމަތުގައި، ރައީސް ޔާމީން އޭރު ޖަމީލު މަގާމުން ދުރު ކުރުމުން ކޮރަޕްޝަނާއި، ވައްކަމުގެ ތުހުމަތުތައް ކުރައްވައި މޯލްޑިވްސް ޔުނިޓު އޮޕޮޒިޝަންގައި ހުންނަވައި ވާހަކަ ދެެއްކެވި އެވެ. އަދި ރައީސް ޔާމީނު މަލީހު ޖަމާލާއި ޖަމީލާއި އެކު މަސައްކަތް ކުރައްވާތީ އެކަމަށް ކޮންގްރެސް ކޯލިޝަނުގެ ލީޑަރުން ވަރަށް ބޮޑަށް ނުރުހުންވެ އެވެ.

އެބޭފުޅުން ވިދާޅުވާ ގޮތުގައި، ޖަމީލާއި މަލީހުގެ ހެޔޮ ނިޔަތެއް އޮވެދާނެކަމަށް ގަބޫލެއް ނުކުރެވެ އެވެ.

ރޭ ޕީއެންސީގެ ޖަލްސާގައި ދެކެވުނު ވާހަކަތަކަށް ބެލެވޭ ގޮތުގައި، މިރޭ އޮފް ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ރައްދު ދެއްވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: