މަސްވެރިންނަށް މަހުގެ އަގު ކަނޑައަޅައި ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން އިގްތިސާދަށް ކުރާ ގެއްލުން ބޮޑުވާނެކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ޝަމްހީދު ވިދާޅުވީ، މަޖިލީހުގައި އިދިކޮޅުގެ މެމްބަރުން މަދު ނަމަވެސް ރަނގަޅު ގޮތުގައި އަޑުއުފުލައި ލިބޭ ފުރުސަތެއްގައި ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކަން ޖެހޭކަމަށް ގަބޫލު ކުރާކަމަށެވެ. މަސްވެރިންނަށް ފައިސާ ދޫކުރުން ލަސްވެ، ދިގުލައިގެން ދިއުމުގެ ސަބަބުން މުޒާހަރާއަށް ދެ ފަހަރެއްގެ މަތީން ނިކުތް އިރު އެދެވޭ ހާލަތެއް ގެނެވިފައި ނެތްކަމަށް ޝަމްހީދު ވިދާޅުވި އެވެ.
މަހުގެ އަގަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމި، ނިންމުން އެއީ ހެދި ގޯހެއްކަމަށް ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ އޭގެ ސަބަބުން އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތަކެއް ހުންނާނެ ކަމަށެވެ. މަހުގެ އަގު ވަރަށް ބޮޑުތަނުން ދަށްކުރި ވަގުތު ވެސް ދިމާވަނީ، ޝަމްހީދު ވިދާޅުވި ގޮތުގައި ޑޮލަރުގެ ތާށިކަން ވެސް ހުރި ދުވަސްވަރަކަށެވެ.
ޝަމްހީދު ވިދާޅުވީ މިކަން މާލިއްޔަތު ކޮމިޓީން ބަލަން ޖެހޭކަމަށާއި، މަސްވެރިންނަށް ސަބްސިޑީ ދީގެން ނަމަވެސް ދާއިރާ ދަމަހައްޓަން ޖެހޭކަމަށެވެ.
އަޅުގަނޑުމެންގެ އިގްތިސޯދަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކޮށްފާނެ ކަމެއް ސަރުކާރުން އިއްޔެ ނެންގެވި ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެއީ މަސްވެރިކަމުގެ ދާއިރާ. މަހުގެ އަގު 14 ރުފިޔާއިން ފެށިގެން 05 ރުފިޔާއަށް ކުޑަކުރުން. އަޅުގަނޑުމެންގެ އިގްތިސޯދުގަ މިހާރު ވެސް މިއުޅެނީ ޑޮލަރުގެ އިޝޫއެއް. އުޅޭއިރު، މީގެ ސަބަބުން ދެން ގައުމަށް ދިމާވެދާނެ ދަތިކަމެއް ބެލުމެއް ނެތި، ސަރުކާރުން މިއޮތީ މަހުގެ އަގު ކުއްލިއަކަށް ދަށްކޮށްފައި… ދެން މީގަ އަޅުގަނޑު ގަބޫލު ކުރަނީ ކޮމިޓީގެ ތެރެއިން ވެސް އަޅުގަނޑުމެން ބަލަން ޖެހޭ ކަންތައްތަކެއް ހުންނަކަމަށް
ޝަމްހީދު ވިދާޅުވީ މަހުގެ އަގު ކަނޑައެޅިއިރު، ބެލީ ރޯމަހަށް ހުރިހާ މަހެއް ކިރާކަމަށް ރިއާޔަތްކޮށް ކަމަށެވެ. އެގޮތުން މަސްވެރިންގެ އަތުން ގަންނަ ހުރިހާ މަހެއް، ތައިލެންޑު ބާޒާރަށް ރޯމަހުގެ ގޮތުގައި ވިއްކަކަމަށް ބަލާފައި އަގު ކަނޑައެޅިއިރު އޭނާ ގަބޫލު ކުރާ ގޮތުގައި މަހަކީ ދަޅަށް ބަންދުކޮށްގެން ބޮޑު އަގުގައި ވިއްކޭ އެއްޗެއްކަމަށް ޝަމްހީދު ވިދާޅުވި އެވެ. އެހެންކަމުން އަގު ކަނޑައަޅާއިރު، އެކަމަށް ރިއާޔަތް ކުރަން ޖެހޭކަމަށް ޝަމްހީދު ވިދާޅުވި އެވެ.
މީގެއިތުރުން ޝަމްހީދު ވިދާޅުވީ ސަރުކާރުން ކަނޑައެޅި ރޭޓަށް ބަލާއިރު، މަސް ކިލޯއެއް ވިއްކަނީ އެއް ޑޮލަރަށްކަމަށެވެ. މިއާއި އެކު ޝަމްހީދު ވަނީ މަސްވިއްކުމުން މިފްކޯއަށް ޑޮލަރުން ފައިސާ ލިބޭއިރު މަސްވެރިންނަށް ޑޮލަރުން ފައިސާ ނުދެވެނީ ކީއްވެގެން ތޯ ވެސް ސުވާލު އުފައްދާފަ އެވެ.
އެހެންވީމަ ޑޮލަރުން ފައިސާ ނުދެވެނީ ކީއްވެގެން ތޯ މަސްވެރިންނަށް… ޑޮލަރުން ފައިސާ ދޭނަމަ، 18އަށް އެޓްލީސްޓް ލިބުނީތާ.. އެ ފައިދާ ވެސް ސަރުކާރުންނޭ މި ނަގަނީ
ޝަމްހީދު ވިދާޅުވީ މިއަދު މަޖިލީހުގައި މަސްވެރިންގެ ހައްގުގައި ވާހަކަ ދައްކަވާނެ މެމްބަރެއް ވެސް ނެތްކަމަށާއި، އެކަމާ މެދު ހިތާމަ ކުރާކަމަށެވެ.

