ދަރަނި އަދާކުރުމުގެ ނަމުގައި ވެސް އެމްޑީޕީގެ ސަރުކާރުން އިތުރު ލޯނުތައް ނަގައި ގައުމުގެ އިގްތިސާދަށް އެތައް ގެއްލުންތައް ދީފައިވާކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ވިދާޅުވެއްޖެ އެވެ.
ދަރަނީގެ ހާލަތު އިންތިހާއަށް ގޯސްވެ, ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެކަމަށް ބަލައި އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުން ވަނީ އެ އެޖެންސީގެ ރާއްޖޭގެ ރޭޓިން މިއަހަރު “ޓްރިޕަލް ސީ ޕްލަސް” އަށް ވަނީ ދަށްކޮށްފަ އެވެ. އޭގެ ފަހުން ސަރުކާރުން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމައި، އެ އިއުލާނު ކުރިއިރު ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ކުރިޔަށް ދަނީ ވެސް އިގްތިސާދާއި ގުޅުން ހުރި ދެ ބިލެއްގެ މަސައްކަތެވެ.
މަޖިލީހުގައި މިއަދު ކުރިޔަށް ދިޔަ ދަރަންޏާ ބެހޭ ބިލުގެ ބަހުސްގައި ހުސެއިން ވިދާޅުވީ ގައުމުގެ އިގްތިސާދު މިހާ ބޮޑަށް އަޑިއަޅާލީ، އެއްވެސް ވިސްނުންތެރިކަމެއް ނެތި އެމްޑީޕީން މިދިޔަ ފަސް އަހަރު ސަރުކާރެއް ހިންގުމުން ކަމަށެވެ. މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ، އެމްޑީޕީގެ ސަރުކާރުގެ ވިސްނުމެއްކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވުމުން ދެއްވި ރައްދުގައި ހުސެއިން ވިދާޅުވީ އެ ނޫން ވެސް އެތައް ފޮނި ވާހަކައެއް ވެރިކަމަށް އައުމަށް އެމްޑީޕީން ދެއްކިކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމްޕޮޒިޝަން ބަދަލު ކުރުމުގެ އެއްވެސް މަސައްކަތެއް މިދިޔަ ދައުރުގައި ނުކުރީ ބާރުގެ ބޭނުމުގައިކަމަށް އޭނާ ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ ފަސް އަހަރުގެ ދައުރު ނިންމާލީ، ވައުދުތައް ވީ ހިސާބެއް ނުވަތަ މަޖިލިސް ތެރެއިން ކުރާނެ މަސައްކަތްތައްވީ ހިސާބެއް ވެސް ބެލުމެއް ނެތިކަމަށެވެ. މިއަދު މަޖިލިސް ތެރެއިން ކޮންގްރެސް ކޯލިޝަނުން ކުރަމުން ދަނީ ގައުމުގެ އިގްތިސާދު ހަމަޔަކަށް އަޅުވައި، ރާއްޖެ ދަރަނިން ސަލަމާތް ކުރުމުގެ މަސައްކަތްކަމަށް ހުސެއިން ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރުން އަދާކުރިކަމަށް ބުނާ ދަރަނީގެ ތަފްސީލުތައް، ޕާޓީގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ފާހާގަކުރާއިރު ހުސެއިން ވިދާޅުވީ އެ މަސައްކަތް އެމްޑީޕީން ކުރިނަމަ ދައުލަތަށް ބުރަ ކުޑަވީސް ކަމަށެވެ.
ދަރަނި އަދާކުރުމަށް ވެސް ބޮޑެތި އިންޓްރެސްޓު ރޭޓުގައި ހަމަ ލޯނު ދެއްކުމަށް އަނެއްކާވެސް ދަރަނި ނަގާފައި.. އެފަދަ ފުރުސަތެއް ނުދިނުމަށް މިފަދަ ބިލެއް ފަރުވާ ކުރެވިގެން މިދަނީ…
ދައުލަތުގެ މާލިއްޔަތާ ގުޅުން ހުރި ބިލުތަކެއް މަޖިލީހަށް ހުށަހަޅަމުން ދަނީ ހުސެއިން ވިދާޅުވި ގޮތުގައި އެމްޑީޕީން އިގްތިސާދާ މެދު އަމަލު ކުރި ގޮތް ތަކުރާރުވިޔަ ނުދިނުމަށެވެ. އަދި އެއްވެސް ވަރަކަށް ބެލުމެއް ނެތި، އުސޫލެއް ގާއިމު ނުކޮށް ދަރަނިތައް ނެގުމުގެ އާދައަށް ނިމުމެއް ގެނައުމަށެވެ.

