ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާރިޖީ ސިޔާސަތު މޮޅުކަމަށް ބުންޏަސް އެމްޑީޕީއަށް ނެރުވުނު ނަތީޖާއެއް ނެތް: ޒަރީރު

މެމްބަރު ޒަރީރު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވެރިކަމުގެ ދައުރުގައި މާ މޮޅު ހާރިޖީ ސިޔާސަތެއް އޮތްކަމަށް ބުނަމުންދިޔަ ނަމަވެސް އެކަމުން ނެރެވުނު ނަތީޖާއަކީ ”ސުމެއް“ ކަމަށް މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ޒަރީރު ވިދާޅުވީ، ރައްޔިތުން ނިންމާފައިވާ ގޮތް އެނގޭކަމަށާއި އެނިންމުމުގެ ނަތީޖާވެސް އެނގޭކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެކަން ބޮލާލައިޖަހައި ވެރިކަން ވައްޓާލަން މަސައްކަތްކުރުމުން އެއީ މައްސަލައެއްކަމަށް ފާޙަގަކުރެއްވިއެވެ.

ޒަރީރު ވިދާޅުވީ، މައްސަލައަކީ ރައްޔިތުންގެ ނިންމުން ބޮލާލައި ޖަހައި، ފަސް އަހަރު ދުވަހަށް ރައްޔިތުން އައްޔަނުކުރި ވަލިއްޔުލްއަމުރާއި ދެކޮޅަށް މަޖިލީހުން ބަގާވާތްކުރުންކަމަށެވެ. އަދި މައްސަލައަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ނުދީ އެތައް މަހެއް ހިފަހައްޓައިގެން ތިބި ތިބުންކަމަަށާއި ރާއްޖޭގެ ޑިމޮކްރެސީގެ ބާނީ ކަމަށް ދައުވާކުރާ އެމްޑީޕީގެ ފަރާތުން ފެނިގޮސްފައިވަނީ ލަދުވެތި މަންޒަރުތަކެއްކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެފަދަ ބައިވަރު މައްސަލަތައް ހުރުމުގެ އިތުރުން ހަގީގަތުގައި ރާއްޖޭގެ މާލީ ކަންކަން ވެސް އެ ދައުރުގައި ކުރިއަށް ގެންގޮސްފައިވަނީ ދޯހަޅި ސިޔާސަތުތަކެއްގެ މައްޗަށް ބައްޓަންކޮށްގެންކަމަށެވެ. ޒަރީރު ވިދާޅުވީ، 50 ރުފިޔާގެ އާމްދަނީއެއް ލިބޭއިރު މަހެއްގެ މައްޗަށް ފަސް ހާސް ރުފިޔާ ހަރަދުކުރުމުން ދެން ޖެހޭނީ ލޯނު ނަގަން ކަން އެންމެ ކުޑަ ކުއްޖާއަށްވެސް ސާފުކަމަށާއި ނިމިދިޔަ ފަސް އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮންމެ އަހަރެއްގައިވެސް ޖުމުލައިގެ 78 އިންސައްތައަކީ ރިކަރެންޓު ހަރަދުކަން ފެނިގެންދާކަމަށެވެ.

ޒަރީރު ވިދާޅުވީ، ގައުމެއްގެ ބަޖެޓުގައި 78 އިންސައްތައަކީ ރިކަރެންޓު ހަރަދުގެ ގޮތުގައި ހިމަނައިގެން ގައުމެއް ހިންގާނެ ގޮތާއިމެދު ވިސްނަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައަކީ ހަގީގަތުގައި އެއީކަމަަށާ ފުރަތަމަ އަހަރު 72 އިންސައްތައިގައި ރިކަރެންޓް ހަރަދުތައް ހުރި އިރު ދެވަނަ އަހަރު 80 އިންސައްތައަށް އެރިކަމަށް މައުލޫމާތު ދެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ރިކަރެންޓު ހަރަދާއި ދަރަނި ކުޑަކުރުމުގެ އިތުރުން އަރަނި އިތުރުކުރުމަށް ނިމިދިޔަ ސަރުކާރުގައި ކޮށްފައިވާ މަސައްކަތަކީ ކޮބައިކަމާއިމެދުވެސް ސުވާލު އުފެއްދެވިއެވެ.

ޒަރީރު ވިދާޅުވީ، ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް އެތައް ބިލިއަނެއް ހިލޭ ލިބޭކަމަށް ހިމަނާކަމަށެވެ. އެހެންނަމަވެސް އަންދާޒާކުރާ އަދަދުން 1.5 އިންސައްތަވެސް ރަނގަޅަށް ނުލިބޭކަމަށާއި ފޮރިން ޕޮލިސީ މާ މޮޅުކަމަށް ސިފަކުރަމުންދިޔަ ނަމަވެސް ނިމިދިޔަ ދައުރުގައި އެކަންކަމުން ނެރެވުނު ނަތީޖާ ހުރީ ސުމެއްގައިކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހަރުދަނާ ހާރިޖީ މަސައްކަތްތަކެއް ކުރެވުމަކީ ބޭރު ގައުމުތަކުން އެހީތަކެއްވެސް ލިބުންކަމަށާއި އެފަދަ ކަމެއް ނިމިދިޔަ ސަރުކާރުގައި ކާމިިޔާބުކުރެވިފައިނުވާކަމަށް މައުލޫމާތު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: