މިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގައި އޮތް މެނޭޖްމަންޓުން ހިންގި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ ހަ މައްސަލައެއް ބަލަމުންދާ ކަމަށާއި އެ ތަހުގީގުތައް ލަސްވަނީ އެ ކުންފުނީގެ ފަރާތުން ލިބެންޖެހޭ މައުލޫމާތު ނުލިބޭތީ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް އޭސީސީ ހާޒިރުކޮށް ކޮށްފައިވާއިރު މެންބަރުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ފެނަކައިން މައުލޫމާތު ހޯދުމަށް އެޕްރީލް މަހު ފޮނުވާފަވީ ނަމަވެސް މިއަދާ ހަމައަށްވެސް އެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ މިދިޔަ މެނޭޖްމަންޓާއި ގުޅޭ ގޮތުން އާދަޔާ ޚިލާފަށް ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި އެ ޝަކުވާ ތަކުގައި އެ ކޮމިޝަނުގެ ވަގުތާއި، މުވައްޒަފުންނާއި، ހިއުމަން ރިސޯސަސް އިން އާދަޔާ ޚިލާފަށް ހޭދަކުރަން ޖެހުނު ކަމަށެވެ.
ޝާމިލް ވިދާޅުވީ ފެނަކަ އާ ގުޅިގެން އެންމެ ބޮޑަށް ހުށަހަޅާފައިވަނީ ޕްރޮކިއުމަންޓާ މުވައްޒަފުން ވެއްދުމާ ގުޅޭ މައްސަލަ ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް މައްސަލަތައް ނިމިފައިވާ ކަމަށާ ފަސް މައްސަލައެއްގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް ނިންމާފައިވާނެ ކަމަށެވެ. އެއް މައްސަލަ އެހެން އިދާރާ އަކަށް ފޮނުވާފައިވާ ކަމަށެވެ. އަދި ބޭނުންވި ސްޕީޑުގައި މައުލޫމާތު ނުލިބުމުން ފެނަކަ ސަރޗް ކޮށް، އެތަނަށް ގޮސް މައްސަލައަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ހޯދާފައިވާ ކަމަށެވެ.
ޝާމިލް ވިދާޅުވީ ކުންފުންޏެއްގެ ފައިސާގެ ނިސްބަތް ދަށްވެގެން ދާން މެދުވެރިވާ މައިނގަނޑު ސަބަބަކީ އެ ކުންފުނީގެ ޕްރޮކިއުމަންޓާއި، އިކުއިޕްމަންޓާއި، ސީއެސްއާރުގެ ދާއިރާގައި މައްސަލަ ހުރެގެން ކަމަށެވެ. އޭގެ އިތުރުން ލިޔެކިޔުން ހޯދައިގެން ކުށް ސާބިތު ކުރުމުގެ ބައި ކުރިއަށް ގެންދާއިރު ވަކި އެމްޑީއެއް ހުންނަވާ ވަގުތު ނުވަތަ އެ ކުންފުންޏެއްގެ އިސްފަރާތަކަށް ނިސްބަތްވާގޮތަށް ހުންނަ މައްސަލައެއްގައި ލިޔެކިޔުން ހޯދަން ވަރަށް ބޮޑަށް ދަތިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެކި މައްސަލަތަކުގައި ގެއްލިފައިވާ ފައިސާ ހޯދުމަށްޓަކައި 2023 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާ ހިސާބަށް ކުންފުނި ތަކަށް ނިސްބަތްވާ އަދަދުން 273،108.53 ރުފިޔާ ހޯދިފައި ހުރިކަމަށާ ސަރުކާރާ ދައުލަތުގެ ހުރިހާ މުވައްސަސާ ތަކަށް ނިސްބަތްވާ އަދަދަށް ބަލާއިރުހަ ލައްކަ އަށްވުރެ ގިނަ ރުފިޔާ މިއަހަރު ރިކަވަރ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ހުރި ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ތަހުޤީގުތަކަށް ލިބިފައި ނެތްކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ.

