ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގައި ފަންނީ ގޮތުން ގާބިލު އިންވެސްޓިގޭޓަރުން ލިބެން ނެތުމުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ވަސީލަތުގެ ދަތިކަން ހައްލުކުރުމަށްޓަކައި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށްފައިވާ ”ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން“ ކޯސް 2027 ވަނަ އަހަރު ރަސްމީކޮށް ފެށުމަށް މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ (އެމްނާކާ) އިން ނިންމަވައިފިއެވެ.
އެ ކޯހާ ގުޅޭގޮތުން އެމްނާކާގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ތައްޔިބު ވިދާޅުވީ، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަހުގީގުކުރުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީ ގޮތުން ގާބިލު، ތަމްރީނުވެފައިވާ އިންވެސްޓިގޭޓަރުން ލިބެން ނެތުން ކަމަށެވެ. އެމްނާކާއިން ފަށަން ތައްޔާރުވާ އެމްކިއުއޭ އެކްރެޑިޓެޑް ޑިޕްލޮމާ ކޯހަކީ އެ ގައުމީ ހުސްކަން ފުރައިލައި، ބައިނަލްއަގްވާމީ ފެންވަރުގެ ޒަމާނީ ހުނަރުތަކާއެކު އައު ޖީލެއްގެ އިންވެސްޓިގޭޓަރުން ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް ކަމަށް އެނާ ވިދާޅުވިއެވެ.
”ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަހުގީގުކުރުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީ ގޮތުން ގާބިލު، ތަމްރީނުވެފައިވާ އިންވެސްޓިގޭޓަރުން ލިބެން ނެތުން. އެމްނާކާއިން ފަށަން މި ތައްޔާރުވާ އެމްކިއުއޭ އެކްރެޑިޓެޑް ޑިޕްލޮމާ ކޯހަކީ މި ޤައުމީ ހުސްކަން ފުރައިލައި، ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ހުނަރުތަކާއެކު އައު ޖީލެއްގެ އިންވެސްޓިގޭޓަރުން ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް،“ އެމްނާކާގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ތައްޔިބު
އެމްކިއުއޭ އިން ފާސްކޮށްފައިވާ މި ޑިޕްލޮމާ ކޯހަކީ ތަހުގީގީ ދާއިރާގެ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ކޯހުގެ ތެރެއިން ތަހުގީގީ މަސައްކަތުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ނަޒާހަތްތެރިކަން ދެމެހެއްޓުމާއި، ހަރުދަނާ އުސޫލުން ކޭސް މެނޭޖްމަންޓް ކުރިއަށް ގެންދިއުމުގެ ހުނަރު ދަސްކޮށްދެވޭނެއެވެ.
މީގެ އިތުރުން، ގާނޫނީ ހަމަތަކުގެ މަތިން ހެކި ހޯދުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޗެއިން އޮފް ކަސްޓަޑީ ކަށަވަރުކުރުމާއި، ޑިޖިޓަލް ފޮރެންސިކްސް އަދި މާލީ މުއާމަލާތްތަކާއި ލިޔެކިޔުންތައް ފޮރެންސިކް ތަހުލީލު ކުރުމުގެ ގާބިލުކަން ބިނާކުރެވޭނެއެވެ. އަދި ދައުލަތުގެ މާލީ ނިޒާމުތަކާއި ޕްރޮކިއުމަންޓް ގަވާއިދުތަކަށް އަހުލުވެރިކުރުވައި، ހިޔާނާތާއި ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތައް ދެނެގަތުމާއި، އިންޓަވިއުކުރުމާއި ބަޔާން ނެގުމުގެ އިތުރުން އިންޓެލިޖެންސް މައުލޫމާތު އެއްކޮށް ތަހުލީލުކުރުމުގެ ޒަމާނީ ފަންނީ ހުނަރުތައް ވެސް އެ ކޯހުގައި ކިޔަވައިދެވޭނެއެވެ.
މީގެ އިތުރުން، ދައުލަތުގެ ނިޒާމުގެ ތެރޭގައި ނަޒާހަތްތެރިކަން އަށަގަންނުވައި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަގްސަދުގައި އެމްނާކާއިން މައިގަނޑު ތިން ދާއިރާއަކުން މަސައްކަތްތައް ކުރިއަށް ގެންދެއެވެ.
އޭސީސީގެ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ތަހުގީގީ ޓީމުތަކާއި މުވައްޒަފުންގެ ފަންނީ ހުނަރު ހަރުދަނާކުރުމަށް ކޮރަޕްޝަން ތަހުގީގުކުރުމުގެ ޒަމާނީ އުކުޅުތަކާއި، ލީޑަރޝިޕް ހުނަރުތަކާއި، ގާނޫނީ އަދި އިޖުރާއީ ހޭލުންތެރިކަމުގެ ތަމްރީނު ދިނުވެސް އެ ކޯހުގެ ތެރޭގައި ހިމެނެއެވެ. އަދި ދައުލަތުގެ މުއައްސަސާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (އެސްއޯއީ) އަމާޒުކުރާ ކުރު ކޯސްތަކެއް ހިމެނޭއިރު ދައުލަތުގެ އިދާރާތަކަށާއި ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުންނަށް ކޮރަޕްޝަންގެ ހިރާސްތައް ދެނެގަންނާނެ ގޮތާއި، އެފަދަ ކަންކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ހުނަރާއި ވަސީލަތްތައް ފޯރުކޮށްދެވިގެންދާނެއެވެ.

