ކުށް ކޮށްގެން ހޯދާ މުދަލާއި، ނުހައްގު މުއްސަނދިކަން މަނާކުރުމާއި ކޮރަޕްޝަނުގެ އަމަލުތަކަކީ ވެރިއަކަށް ހުންނަވާ ބޭފުޅަކަށް އެކަނި ހުއްޓުވޭނެ ކަންކަމެއް ނޫންކަމަށާއި އެކަން ކުރަންޖެހޭ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ދައުލަތަށް ފާރަވެރިނުވާކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސްގައި މެމްބަރު ހުސެއިން ޝަރީފް ވިދާޅުވީ، ކުށް ކޮށްގެން ހޯދާ މުދަލާއި، ނުހައްގު މުއްސަނދިކަން މަނާކުރުމަކީ އޭގެ ޒާތުގައި ވަރަށް މުހިންމު އަދި ރާއްޖެއަށް ވަރަށް ބޭނުންތެރި ބިލެއް ނަމަވެސް އޭނާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ ކޮމިޝަނުގެ ޒިންމާ އަދާނުކުރާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މިއަދު ފެންނަމުން މިދާ ވައްކަމާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި ކޮރަޕްޝަނާއި މިފަދަ ކަންކަމަކީ ވެރިއަކަށް ހުންނަވާ ބޭފުޅަކަށް އެކަނި ހުއްޓުވޭނެ ކަންކަމެއް ނޫންކަމަށް މެމްބަރު ވިދާޅުވިއެވެ.
”މިއަދު ފެންނަމުން މިދާ ވައްކަމާއި ދައުލަތް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ކޮރަޕްޝަނާއި މިފަދަ ކަންކަމަކީ ވެރިއަކަށް ހުންނަވާ ބޭފުޅަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ދައުލަތުގެ ތެރޭގައި އެބަހުރި ވަރަށް ”ބޮޑު ލޮލެއް“ ޖަހާފައިވާ ކޮމިޝަނެއް. މި ކޮމިޝަން ވުޖޫދުކުރީ ކޮން ބޭނުމެއްގަ؟ އެ ކޮމިޝަނުން ދައުލަތުގެ މައްޗަށް ފާރަވެރިއެއް ނުވޭ. މިއަދާއި ހަމައަށް މި ކޮމިޝަނުނުން ފަންކްޝަން ނުކުރުމުގެ ސަބަބުން ވައްކަމާއި ކޮރަޕްޝަން މި ފެންނަނީ،“ މެމްބަރު ހުސެއިން ޝަރީފް
މެމްބަރު ވަނީ ދައުލަތުގެ ވެރިއަކަށް ހުންނަވާ ބޭފުޅަކަށް ކޮރަޕްޝަނާއި މިފަދަ ކަންކަން އެކަނި ނުހުއްޓުވޭނެކަމަށް ތަކުރާރުކުރައްވާ ތިން ބާރުގެ ތެރެއިން މިނިވަން މުއައްސަސާތައް ކަނޑައަޅާފައި އޮތީ އެހެންވެ ކަމަށް ވިދާޅުވެފައެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވީ، ފަސާހަތްތެރި އިބާރާތްތަކުން މޮޅެތި ގޮތްގޮތަށް ދުނިޔޭގެ އެކި ގައުމުތަކުގައި މޮޑިފައިކޮށްފައިވާ ގާނޫނުތައް ރާއްޖެ ގެނެސް މަޖިލީހުގައި ވާހަކަ ދެއްކިޔަސް ކުށްކޮށްގެން ނާޖާއިޒު ގޮތުގައި ދައުލަތުގެ ފައިސާއިން ނުވަތަ ދައުލަތުގެ މުދަލުން ތަނަވަސްކަން ހޯދާ ފަރާތްތަކަށް ގާނޫނެއް ވުޖޫދު ވަނީ މިއަދަކު ނޫންކަމަށެވެ.
އެގޮތުން، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނާއި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނަކީ ހައްތަހާވެސް ދައުލަތުން އެފަދަ ކަންކަން ހުއްޓުވުމަށް ފާސްކޮށްފައިވާ ގާނޫނުތަކެއް ކަމަށް ވީހިނދު، މިހާތަނަށްވެސް މަގާމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކޮރަޕްޝަންއާއި ކުށްކޮށްގެން މުދަލާއި، ނުހައްގު މުއްސަނދިކަން ހޯދައިފައިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި އެކަން ނައްތާލެވިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ކޮރަޕްޝަން ހުއްޓުވުމުގެ އިންޑެކްސްގައި ރާއްޖެ އޮތް ހިސާބަށް ބަލާއިރު އަންތަރީސްވާކަމަށް އޭނާ ވިދާޅުވިއެވެ.
”ކޮން ދިމާލަކުންތޯ މައްސަލަ ދިމާވެފައި އޮތީ؟ އާދެ ފަސް ލައްކަ އާބާދީއެއްގައި ކޮރަޕްޝަން ހުއްޓުވުމުގެ އިންޑެކްސްއަށް ބަލާއިރު އަންތަރީސްވެގެން ހައިރާންވެގެން ފަހަތަށް ވެއްޓޭ ވަރަށް އަޅުގަނޑުމެންގެ ހާލަތު މިއޮތީ ގޯސްވެފައި،“ މެމްބަރު ހުސެއިން ޝަރީފް
ކޮރަޕްޝަން އިންޑެކްސްގެ ސީޕީއައިގެ ރޭޓިންއިން ހާމަވާ ގޮތުގައި ދިވެހިރާއްޖެ އޮތީ 100 އަކުން 39 ގައި ކަމަށާއި އަދި ރޭންކިންގ އަށް ބަލާނަމަ 182 އިން ރާއްޖެ އޮތީ 93 ގައިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ފަސްލައްކައެއްގެ އާބާދީއެއް އޮތް ރާއްޖޭގައި ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން އެ ކުޑަކުޑަ ހިސާބުތަކަށް ބަލާލުމުން ހާމަވާ ކަމަށެވެ.
އޭނާ ވަނީ ރާއްޖެ ފަދަ ކުޑަ އާބާދީއެއް އޮތް ގައުމެއްގައި ސަރުކާރުތަކަށް ވެރިކަން ލިބޭއިރަށް ނާޖާއިޒު ގޮތުގައި މުއްސަނދިކަން ހޯދާ ގޮތުގެ އަސްލު އެ ތަފާސްހިސާބުން ހާމަވެގެންދާކަމަށް ވިދާޅުވެފައެވެ.

