ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތާއި ހާފިޒުން ގްރެޖުވޭޓްވާ ހަފްލާ އަންނަ އަހަރު ބާއްވާނީ ވަކިން: ޝަހީމް

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތާއި ހާފިޒުން ގްރެޖުވޭޓްވާ ހަފްލާ ވަކި ކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ މިފަހަކަށް އައިސް ދިވެހިރާއްޖޭގައި ޤުރުއާން ހިތުދަސްކުރާ ޒުވާނުންގެ އަދަދު ވަނީ އިތުރުވެފައި ކަމަށެވެ. އަންނަ އަހަރުން ފެށިގެން ހާފިޒުން ގްރެޖުވޭޓްވާ ހަފްލާއަކީ އެއީ ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ހަފްލާއާއި ވަކިން ބޭއްވޭ، ގައުމީ ފެންވަރުގެ ހަފްލާއަކަށް ހެދުމަކީ އަމާޒު ކަމަށް ޝަހީމް ވިދާޅުވިއެވެ. އޭގެ ސަބަބަކީ މިހާރު ޤުރުއާން ހިތުދަސް ކުރުމުގެ ހަފްލާގައި 30 އަށްވުރެ ގިނަ ކުދިން ބައިވެރި ވުން ކަމަށާއި އެހެން ކަމުން ވަކިން ދެ ހަފްލާ ނުބާއްވާ ކަމުގައި ވާނަމަ އެއީ އެއްވެސް ހަފްލާއަކަށް އެކަމުގެ ހައްގު ގަދަރު ނުދެވިދާ ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ޒުވާން ޖީލަށް ކީރިތި ޤުރުއާން ކިޔަވާދީ އުނަގައްނައި ދިނުމުގެ ފުރުސަތު މިހާރު ދަނީ ތަނަވަސްކުރަމުން ކަމަށެވެ.

”ރައީސުލްޖުމްހޫރިއްޔާ މިކަންކަން ވަރަށް ގާތުން ބައްލަވާ. އަޅުގަނޑު ކައިރީ ވިދާޅުވި ތިމަން މަނިކުފާނު ބޭނުންފުޅުވެ ލައްވަނީ މި މުބާރާތުގެ ކަންތައްތައްވެސް އެންމެ މަތީ ފެންވަރުގައި ކުރިއަށް ގެންދިއުމަށްށޭ ދިވެހިރާއްޖޭގައި. އެއީ އަޅުގަނޑުމެން ވަރަށްބޮޑަށް އުފާ ކުރާކަމެއް ހަގީގަތުގައި. އެހެންވީމާ މި މުބާރާތް އިންތިޒާމް ކޮށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މި ހަރަކާތް ނިމި، މިހާ އަވަހަށް މިކަމުގެ ނަތީޖާ ފާޅުކުރެވި މިހާބޮޑު ހަފްލާއެއް ބޭއްވިގެން ދާކަމަށްޓަކައި އަޅުގަނޑުމެން އެންމެން އުފާކުރަން“

ޝަހީމް ވިދާޅުވީ މިއަދު އެންމެންވެގެން މަސައްކަތް ކުރަންވީ ކީރިތި ޤުރުއާން ރީތިކޮށް ކިޔަވާ ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރާ ފަދައިން ކަމަށެވެ. ކީރިތި ޤުރުއާނުގައި ބަޔާން ވެގެންވާ ރިވެތި އަހުލާގުގެ މައްޗަށް ތަރުބިއްޔަތުވެފައިވާ ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޤުރުއާނުގައި ވަރަށް މަދު އަދަބުތަކެއްގެ ވާހަކަ ބަޔާންކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ރިވެތި އަހުލާގުގެ އެތައް ސަތޭކަ ސިފަތަކެއް ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ ކަމަށާއި އޭގެ ތެރޭގައި އިހްސާންތެރިވުމާއި، އުހުއްވަތްރިކަން ދެމެހެއްޓުމާއި، އެއްބައިވަންތަ ވުމާއި، މައިންބަފައިންނަށް އިހްސާންތެރިކޮށް ހިތުމާއި، ޢީބަ ނުބުނުމާއި، ފުރައްސާރަ ނުކުރުމާއި އެކަކުއަނެކަކަށް އެހީތެރިވުމާއި މިގޮތަށް ޤުރުއާނުގައި ބަޔާންވެފައިވާ ވަރުގަދަ އިޖުތިމާއީ އަހުލާގިއްޔާތު މުޖުތަމައުގައި ގާއިމުކުރެވިއްޖެނަމަ، ހަގީގީ ބާއްޖަވެރިކަމަކީ އެއީ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: