ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް އިންތިޒާމުކޮށް ރޭވިގޮތުން ރާއްޖޭގެ ގިނަ މަސްދޯނިތައް ހުއްޓުމަކަށް އައިކަމަށް މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ރިޔާޒް ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ގާތްގަނޑަކަށް މަސްވެރިކަން ކުރަމުން އައިސްފައިވާކަމަށެވެ. އެހެންނަމަވެސް ނިމިދިޔަ ދައުރުގައި ސަރުކާރުން އެ ދާއިރާގެ ކަންކަން ރާވައި އިންތިޒާމު ކުރިގޮތުން ގިނަ އަދަދެއްގެ ދޯނިތައް ހުއްޓުމަކަށް އައިކަމަށާއި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބުންފަދަ އެތައް ގޮންޖެހުމަކާއި ކުރިމަތިލާންޖެހިފައިވާކަމަށް ހިއްސާކުރެއްވިއެވެ.
ރިޔާޒް ވިދާޅުވީ، ކެޔޮޅުންނާއި އޮޑިވެރިންނަށްވެސް އެފަދަ އެތައް ދަތިތަކެއް ކުރިމަތިވިކަމަށާއި ދޯނިތަކުގެ މަސައްކަތްތައް ހުއްޓާލަންޖެހުނުކަމަށެވެ. އިންތިހާބީ ދުވަސްވަރު ސަރުކާރުން އެސްއޯއީތައް ފަދަ ތަންތަނަށް ގިނަ އަދަދެއްގެ މީހުން ވަޒީފާއަށް ނަގާފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަށްވެސް މެމްބަރު އަލިއެޅުއްވިއެވެ. އޭނާ ވިދާޅުވީ، ދޯނިތަކުގެ މަސައްކަތްތައް ހުއްޓާލަންޖެހުނީ މިފަދަ ގޮތަކަށް ގިނަ އަދަދެއްގެ ވަޒީފާތައް ދީފައިވުމުންކަމަށާއި އެކަމުގެ ސަބަބުން ދާއިރާއިން ލިބެންޖެހޭ އާމްދަނީ ނުލިބި ހަރަދުތަކެއް ކުރަން މަޖުބޫރުވެގެންދިޔަކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކެމްޕެއިން ދުވަސްްވަރުގެ ތެރޭގައި ރަށްތަކަށް ވަޑައިގެންނެވުމުން ދޯނިތައް ފަޅުގައި އަޅާފައި ތިބި މަންޒަރު ފެނުނުކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ރަށުގެ ރައްޔިތުންގެ ކިބައިން މައުލޫމާތު ސާފުކުރެއްވިކަމަށާއި ޖަވާބެއްގެ ގޮތުގައި ފެނަކަ ފަދަ ތަންތަނަށް މީހުން ވަޒީފާއަށް ނެގުމުގެ ސަބަބުން ދޯނިތައް ހުއްޓިފައިވާކަން ހިއްސާކުރިކަމަށްވެސް މައުލޫމާތު ދެއްވިއެވެ. އަދި މާލީ ދަތިކަން ކުރިމަތިވަމުންދިއުމުން ދޯނި ވިއްކާލަން ނިންމާފައިތިބި މީހުންނާއިވެސް ދިމާވިކަން ހާމަކުރެއްވިއެވެ.
ރިޔާޒް ވިދާޅުވީ، ހުރިހާ ރަށެއްގައިވެސް ކަންކަން ހުރީ އެއްފަދަ ހާލަތެއްގައިކަމަށާއި ރާއްޖެ މިފަދަ އަނދަވަޅަކަށް ވެއްޓިގެންދިޔައީ ކުރީގެ ސަރުކާރުގެ އަމަލުތައް ބައްޓަން ކޮށްފައި ހުރިގޮތުގެ ސަބަބުންކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، 7 މަސްވެގެންދިޔަ އިރު މީޑިއާތަކުގެ ސުރުހީތަކުގައި ފެނިގެންދަނީ ރައީސް ޑރ މުހައްމަދު މުއިއްޒުއަށް އެއްވެސް ކަމެއް ކުރެވިފައިނުވާކަމަށް ބުނެ ޝާއިއުކޮށްފައިވާ ހަބަރުތައް ކަމަށެވެ. އެހެންނަމަވެސް އޭނާ އެކަން އެގޮތަށް އޮތްކަމަށް ގަބޫލުނުކުރައްވާކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރުވެސް ރާއްޖެ އޮތީ މިފަދަ ހާލަތެއްގައިކަމަށާއި ނަސީބުން ކަން ދިމާވި ގޮތުން އަވައްޓެރި ލަންކާއަށް ކުރިމަތިވި ހާލަަތު ރާއްޖެއަށް މެދުވެރިނުވާކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒު ގެންގުޅުއްވާ ވިސްނުމާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންގޮސްފި ހާލަތެއްގައި ކުރިއަށް އޮތް އޮގަސްޓު ނުވަތަ ސެޕްޓެމްބަރު ހިސާބުގައި ރާއްޖޭގެ އިގްތިސާދާއި މާލީ ހާލަތު ރަނގަޅުވެގެންދާނެކަމަށް ބެލެވޭކަމަށާއި މަޖިލީހުންވެސް ދަނީ ކަންކަމަށް ރިއާޔަތްކޮށް މައްސަަލަތައް ހައްލުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންކަމަށް ވިދާޅުވިއެވެ.

