ބަންގްލަދޭޝަށް ނިސްބަތް ވާ ރައްޔިތުންތަކެއް، އެ ގައުމުގެ ސަރުކާރާއި ދެކޮޅަށް ގދ. ތިނަދޫގައި މުޒާހަރާ ކުރި މައްސަލައިގައި އެ ހަރަކާތް ރޭވުމުގައި އިސްކޮށް އުޅުނު ބިދޭސިން ޑީޕޯޓު ކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ފަށައިފި އެވެ.
ބަންގްލަދޭޝްގެ މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުން މުޒާހަރާ ކުރަމުން އަންނަނީ ސަރުކާރުގެ ވަޒިފާތަކަށް ކޯޓާ ކަނޑައަޅާ ނިޒާމާ ދެކޮޅަށް ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ. އެ ނިޒާމުގައި އޮންނަ ގޮތުން، ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން ތިންބައިކުޅަ އެއް ބައި ލިބެން ޖެހޭނީ 1971ގައި ގައުމުގެ މިނިވަން ކަމަށް ހަނގުރާމަކުރި މީހުންގެ ދަރިންނަށެވެ.
އެ ނިޒާމަށް އަމަލުކުރުން ހުއްޓާލާފައި އޮތުމަށް ފަހު، މިމަހުގެ އެކެއްގައި ހައި ކޯޓުން ވަނީ އެ ނިޒާމަށް އަލުން އަމަލުކުރަން އަންގައިފައެވެ. އެކަމާ ގުޅިގެން މުޒާހަރާގެ ބައިވެރިން ދަނީ 1971 ވަނަ އަހަރު ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގައި ހަނގުރާމަކުރި ކުރީގެ ސިފައިންގެ ގާތް ތިމާގެ މީހުންނަށް ސަރުކާރުގެ ވަޒީފާގެ 30 ޕަސެންޓާ ހަމައަށް ރިޒާވްކުރާ ކޯޓާ ނިޒާމު ނިމުމަކަށް ގެނައުމަށް ގޮވާލަމުންނެވެ.
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 200 އަށް އަރާފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ އެގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އެ އުސޫލާއި ދެކޮޅަށް ތިނަދޫގައި ކުރި މުޒާހަރާގައި ގިނަ އަދަދެއްގެ ބިދޭސީން ބައިވެރިވި އެވެ. މި މައްސަލައިގައި އިހުސާން ވިދާޅުވީ މުޒާހަރާގައި ބައިވެރިވެ، އެ ހަރަކާތް ރޭވުމުގައި އިސްކޮށް އުޅުނު ބިދޭސީން ހިފަހައްޓައި ޑީޕޯޓު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

