މޯލިޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތަކަށާއި ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިމެނޭ އާ ހަ ދާއިރާގެ ރައީސުންނާއި ނައިބު ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން މާދަމާ ބޭއްވުމަށް އެ ޕާޓީން ތައްޔާރު ވެއްޖެއެވެ.
އެމްޑީޕީން އާންމު ކޮށްފައިވާ ވޯޓާސް ލިސްޓުގައި ވާގޮތުން މި އިންތިޚާބުގައި އެ ޕާޓީގެ 10،687 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. ޖުމްލަ 25 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރާއިރު ވޯޓުލުން ކުރިއަށްދާނީ މާދަމާ މެންދުރުފަހު 2:30 އިން ރޭގަނޑު 09:00 އަށެވެ.
އެ ޕާޓީން ހާމަ ކޮށްފައިވާ ގޮތުގައި ވޯޓު ފޮށިތައް ބަހައްޓާނީ އަށް ދާއިރާއެއްގެ 25 ރަށުގެ އިތުރުން މާލޭގެ ދެ ސްކޫލެއްގައެވެ. އެއީ ތާޖުއްދީން ސްކޫލާ ހިރިޔާ ސްކޫލްކަން ފާހަގަކޮށް އެ ޕާޓީން ބުނީ އެ ދެ ސްކޫލުގައި ޖުމްލަ 20 ވޯޓު ފޮށި ބެހެއްޓިފައިވާނެ ކަމަށެވެ.
މި އިންތިޚާބާ ގުޅިގެން އެ ޕާޓީއަކީ އަބަދުވެސް އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރުދަނާ ޕާޓީ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމްޑީޕީއަކީ ޕާޓީ ހިންގުމުގައި މެންބަރުންގެ ސީދާ ބަސް ބުނެވޭ، މެންބަރުންނަށް ގޮތް ނިންމޭ ހަމައެކަނި ޕާޓީ ކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން ޝާހިދު ވަނީ ބައި އިލެކްޝަން އޮންނަ ދާއިރާތަކުގެ ހުރިހާ މެންބަރުން ވޯޓުގައި ބައިވެރިވުމަށް ވެސް އެދިވަޑައިގެންފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް ގޮނޑިތައް ހުސްވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނާއެކު ޕާޓީން މެންބަރުންތަކެއް ވަކިވުމާ ގުޅިގެންނެވެ. އެމްޑީޕީން ވަކިވެވަޑައިގެން، އެ މެންބަރުން ހިމެނޭހެން ރައީސް ނަޝީދު އިސްވެ ހުންނަވާ ދަ ޑިމޮކްރެޓްސް ގެ ނަމުގައި ޕާޓީއެއް ވަނީ ހަދާފައެވެ.

