ބިންވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކުރި ގޯތިތައް ހުރީ ކަނޑު އަޑީގައިކަމަށް ބުނެ ހައުސިން މިނިސްޓަރ އަލީ ހައިދަރު ހެއްދެވީ އިތުރުފުޅެއްކަމަށް މްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތައް ވުޖޫދުގައި ނެތްކަމަށް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ދަނީ ވިދާޅުވަމުންނެވެ. މިއީ ކަނޑުފަޅުން ދޫކުރި ގޯތިތައްކަމަށް ބުނެ އަމާޒުވާ ފާޑުކިއުންތަކަށް ނާޒިލް ވިދާޅުވީ މިދިޔަ ސަރުކާރުގެ ގޯތިތަކާއި ގުޅުވައި ހައިދަރު މަޖިލީހުގެ ތަޅުމުގައި އިތުރުފުޅު ހައްދަވާފައިވާކަމަށެވެ. އަދި ކަނޑުން ވެސް ގޯތި ދޫކުރިމަށް ހައިދަރު ވިދާޅުވިއިރު، އެއީ ކަން އޮތް ގޮތް އޮޅުވާލުންކަމަށް ފާހަގަކޮށް ނާޒިލް ވިދާޅުވީ ގޯތި ދޫކޮށްފައި ވާނީ ވަރަށް ތިލަ ފަޅަކުން ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުން އެ ފަޅު ހިއްކުމުގެ މަސައްކަތް ފެށި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު މުޅި އެ މަޝްރޫއުގެ އަމާޒު ފުށިދިއްގަރަށް ބަދަލުކޮށް ރައްޔިތުންނަށް އޮޅުވާލީކަމަށް ނާޒިލް ވިދާޅުވި އެވެ. ނާޒިލް ވިދާޅުވީ ގޯތިތައް ރައްޔިތުންނާއި ހަމައަށް ނުގޮސް ހުއްޓިފައި ވަނީ މި ސަރުކާރުގެ ސަބަބުން ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކާމިޔާބީއާއި އެކު ގޯތި ދޫކުރުމުގެ މަރުހަލާއަށް ބާރު ފޯރުވުމަށް މަސައްކަތްކޮށް އެކި ގޮތްގޮތުން އެންގުންތައް ފޮނުވިކަމަށް ނާޒިލް ވިދާޅުވި އެވެ.
މި ސަރުކާރަށް އަހަރެއްވާން ގާތްވިއިރު، ނުވަ މަސް ދުވަހުގެ ތެރޭގައި ހޯދުނު ކާމިޔާބީއަކާއި މެދު ނާޒިލް ސުވާލު އުފެއްދެވި އެވެ. ރައްޔިތުންގެ ކަންބޮޑުވުން މިފަދަ ކަންކަމަށް އޮންނާނެކަމަށާއި ގޯތިތައް ދޫކުރާނީ ބިން ހިއްކޭ ދުވަހަކުން ނުވަތަ ބްރިޖު ނިމޭ ދުހަކަކުންކަމަށް ބުނެ ނިންމާ ނުލެވޭނެކަމަށް ނާޒިލް ވިދަޅުވި އެވެ.
ނާޒިލް ވިދާޅުވީ ގޯތި ދޫކުރެވޭނެ ތާރީހެއް ރައްޔިތުންނަށް އެނގެން ޖެހޭކަމަށާއި، މިކަމުގައި ސިޔާސީ އެއްވެސް މަގްސަދެއް އޮވެގެން ނުވާނެ ކަމަށެވެ.
ހަގީގަތުގައި ކަނޑުން އެއްވެސް ގޯއްޗެއް ދޫކޮށްފައި ނުވާނެ. ގޯތި ދޫކޮށްފައިވަނީ ވަރަށް ތިލަ ފަޅަކުން. ފަޅުގެ ބޮޑުބައެއް ހިއްކުމުގެ މަސައްކަތް އޭރުގެ އެމްޑީޕީ ސަރުކާރުން ކުރަމުން ގެންދިޔައީ.
އެމްޑީޕީން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ، ގޯތިތަކުގެ މައްސަލައިގައި ހައުސިން މިނިސްޓަރ އަލީ ހައިދަރު ހާޒިރު ކުރުމުން މެމްބަރުންގެ ސުވާލުތަކަށް ދެއްވި ޖަވާބަށް ހިތްހަމަނުޖެހިގެންނެވެ.
މަޖިލީހުގައި ހައިދަރު ވިދާޅުވީ ގުޅިފަޅުން ބިން ލިބުނު ފަރާތްތަކަށް ބިން ވަކިކޮށް ހަވާލު ކުރަން ފެށޭނެ ތާރީހެއް ބުނަން ނޭނގޭ ކަމަށެވެ. ގުޅިފަޅު ބިން އެއްކޮށް ހިއްކާ ނިމިފައި ނުވާއިރު، ހައިދަރު ވިދާޅުވީ އެ ސަރަހައްދަކީ ބްރިޖުގެ މަސައްކަތަށް މިވަގުތު ބޭނުން ކުރަމުންދާ ސައިޓެއްކަމަށެވެ އެޖެންކަމުން އެ ސައިޓު އެތަނުން ހުސް ކުރެވޭނެކަމަށް ލަފާ ކުރެވެނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުކަމަށް ހައިދަރު ވިދާޅުވި އެވެ.
ބްރިޖުގެ މަސައްކަތަށް ބޭނުން ކުރަމުންދާ ސައިޓެއް އެހެން ތަނަކަށް ރީލޮކޭޓު ކުރުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، އަދި އެފަދަ މަސައްކަތެއް ކުރިޔަށް ދަނިކޮށް ގޯތި ދޫކުރުން ވެސް ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތްކަމަށް ހައިދަރު ވިދާޅުވި އެވެ

