އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ގަވައިދުން ދައުލަތަށް ފީ ދައްކާ 20 ކުންފުންޏެއްގެ ނަން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން ޢާއްމުކޮށްފިއެވެ.
ބިދޭސިންނާ ގުޅޭ ފީތައް ނުދައްކާ ކުންފުނިތައް އާންމުކުރި އިރު ގަވައިދުން ފީ ދައްކަމުންދާ ކުންފުނިތައް ވެސް އެ ލިސްޓުގައި އާންމުކުރެވިފައިވާ ކަން ފާހަގަކޮށް ހޯމް މިނިސްޓްރީން ބުނީ، އެ ކުންފުނިތަކުން މިއަދާ ހަމައަށް ދައުލަތަށް ދައްކަން ޖެހޭ ފައިސާ އެކީ ދައްކާ ހަލާސްކޮށް ނިންމާފައިވާ ކަމަށެވެ.
ބިދޭސީންގެ ވޯކްޕާމިޓް ފީ ނުދައްކައިގެން ލިސްޓު އާންމު ކުރިއިރު، އޭގެ ތެރޭގައި މަޝްހޫރު ބޮޑެތި ކުންފުނިތައް ވެސް ހިމެނެ އެވެ. ސިޔާސީ ނުފޫޒާއި ބާރު އޮތް އެކި މީހުންގެ ނަން ލިސްޓުގައި ހިމެނި މީޑިއާތަކުގައި ރިޕޯޓު ކުރުމުން ކުންފުނިތަކުން ނިކުމެ އެ މީހުންގެ ދިފާއުގައި ވާހަކަ ދެއްކެވި އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބަހުސްގައި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ގުޅުން އޮތް ބައެއް މެމްބަރުން ވަނީ އެކަން ދިފާއުކޮށް ވާހަކަ ދައްކަވާފަ އެވެ.
ވޯކްޕާމިޓް ފީއާއި، ކޯޓާ ފީ ނުދައްކައިގެން ޖުރިމަނާތައް އަރާފައިވާ ކުންފުނިތަކުގެ ނަންތައް އާންމު ކުރީ މިދިޔަ ޖުލައި މަހުގެ 24 ގައެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކަން އެންގިއިރު، 1،026 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ 636 މިލިއަން ރުފިޔާއަށް އަރަ އެވެ. މީގެތެރޭގައި ހިމެނޭ 123 ކުންފުންޏަކުން ދައްކަން ޖެހޭ ފައިސާތައް ހުރީ މިލިއަނުންނެވެ. މިނިސްޓްރީން އާންމު ކުރި ލިސްޓު ދައްކާ ގޮތުގައި އެންމެ ބޮޑު އަދަދެެއް ދައުލަތަށް ދައްކަން ޖެހޭ ކުންފުނީގެ ބިލުތަައް 26 މިލިއަން ރުފިޔާއަށް އަރައެވެ.
އެ މިނިސްޓްރީން ބުނީ ޖުލައި 24 ވަނަ ދުވަހު އާންމު ކުރި އިއުލާނުގައި މި ފަރާތްތަކުގެ ނަން ހިމެނިފައި ވަނީ އެ ވަގުތަށް ދައުލަތަށް ދައްކަން ޖެހޭ ފީގެ އަދަދު 100،000 ރުފިޔާ އަށް ވުރެ އިތުރު ވުމުގެ ސަބަބުން ކަމަށެވެ. ލިސްޓު އާންމު ކުރިތާ ދެ މަހާއި ގާތްވެފައިވާއިރު ހޯމް މިނިސްޓްރީން އާންމު ކުރި ފަހުގެ މައުލޫމާތުތައް ދައްކާ ގޮތުން ފައިސާގެ ތެރެއިން 182 މިލިއަން ރުފިޔާ މިހާރު ވަނީ ލިބިފަ އެވެ.
ވޯކް ޕާމިޓު ނެތި މަސައްކަތް ކުރަމުންދާ ބިދޭސީން ހިފަހައްޓައި ބަލާ ފާސްކުރުމުގެ މަސައްކަތް ފެށިފަހުން ވޯކްޕާމިޓް ދައްކާ އަދަދު ވެސް ވަނީ އިތުރުވެފައިކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

