އަހަރެއްގެ ތެރޭގައި ރާއްޖެއަށް ބިދޭސީން އެންމެ ގިނައިން ގެނެވޭ އަދަދާ ދާއިރާތަކާ ކަނޑައެޅުމާ، އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނވޭނެ އަދަދާ ދާއިރާ ކަނޑައަޅާ، އަހަރަކު ދެ ފަހަރު އެ އާންމު ކުރަން ޖެހޭ ގޮތަށް ވަޒީފާގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެގޮތުން ހުއްދަ ހޯދުމަކާ ނުލާ އެއްވެސް ބިދޭސީއަކު ރާއްޖޭގައި ވަޒީފާ އަދާކޮށްގެން ނުވާނެ ކަމަށް ބިލުގައި އޮތްއޮތުން ވަނީ ހުއްދަ ހޯދުމަކާ ނުލާ އެއްވެސް ބިދޭސީއަކު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށް އިސްލާހުކޮށްފައެވެ.
އޭގެ އިތުރުން ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދުތަކާ ދާއިރާތައް ކަނޑައެޅުމުގައި އަހަރެއްގެ ތެރޭގައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާ ދާއިރާތަކާ އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭނެ އަދާދާ ދާއިރާތަށް ކަނޑައަޅާ އަހަރަކު ދެ ފަހަރު އާންމު ކުރަން ވާނެ ކަމަށް ބަޔާންކޮށް ކޮމިޓީން ބިލުގެ އެ މާއްދާއަށް ވެސް އިސްލާހު ގެނަސްފައެވެ.
އިސްލާހު ގެނައި ސަބަބެއް ކަމަށް ކޮމިޓީން ބުނެފައިވަނީ އެ މާއްދާއަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ އިތުރުން މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް ރިއާޔަތް ކުރުމަށް ފަހު ގާނޫނުގެ ދަށޫން ކަނޑައަޅާ ކޯޓާތަކުގެ އަދަދާ އަދި ކޯޓާ ދޫކުރެވިފައިވާ މިންވަރު އާންމުކުރުމުގެ ގޮތުންނާ އިބާރާތް ސާފުކޮށް ގާނޫނުގައި ބަޔާން ކުރުމުގެ ގޮތުން ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި ވަޒީފާއަދާކުރަން ބިދޭސީން ގެންނަ ފަރާތްތަކުން މިނިސްޓްރީގައި ބަހައްޓަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ނެގުމުގެ މިންގަނޑު ބަޔާންކުރުމުގެ ގޮތުން ވެސް ކޮމިޓީން ބިލަށް އިސްލާހު ގެނަސްފައިވެއެވެ. އެގޮތުން ބިލުގެ 65 ވަނަ މާއްދާގެ ފަސް ވަނަ ނަންބަރަށް ބައެއް އިތުރު ކޮށްފައިވާއިރު އިތުރު ކޮށްފައިވާ ބައިގައި ބުނީ ބަހައްޓާ ޑިޕޮސިޓް އެ މީހެއްގެ ގައުމަށް އަނބުރާ ފޮނުވާލުމަށް ޓިކެޓަށް ހޭދަވާ އަދަދަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށެވެ.
މި ބިލު މަޖިލީހުން ފާސްކުރީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. 10 މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދެއްވިއެވެ.
ވަޒީފާއާއި ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭ އަދަދަކީ އެއްލަކައެވެ. އަދި އެއް ގައުމަކުން ތިބި މީހުންގެ އަދަދު އެއަށް ވުރެ ގިނަވާނަމަށް ބިދޭސީން މަދު ކުރުމަށް ފިޔަވަޅު އެޅުމަށް ގާނޫނުން ލާޒިމްކުރެއެވެ.
މި ބިލުގައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި ގާނޫނާ ޚިލާފަށް މަސައްކަތް ކުރާ ވާރކްސައިޓުތައް ކަމަށް ބެލެވޭ ތަންތަން ދުރާލާ އެންގުމަށްފަހު ނުވަތަ ދުރާލާ ނޯޓިސް ދިނުމަކާ ނުކައި އެ ސައިޓުތަކަށް ވަދެ، ބަލައި ފާސްކުރުމުގެ ބާރު އިންސްޕެކްޓަރުންނަށް ލިބޭ ގޮތަށް އިސްލާހެއް ހުށަހަޅާފައިވެއެވެ.
އިސްލާހުގައި ބުނީ ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރަނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ރަޖިސްޓްރީކޮށްފައިވާ ތަންތަނުގައި ތޯ ނުވަތަ އެފަދަ ބިދޭސީން ވަޒީފާ އަދާކުރަނީ ހުއްދަ ކޮށްފައިވާ ވަޒީފާގައިތޯ ބަލައި ފިޔަވަޅު އެޅުމަށްޓަކައި ގާނޫނާ ޚިލާފަށް މަސައްކަތް ކުރާ ކަމަށް ބެލެވޭ ސައިޓުތައް ފާސްކުރެވިދާނެ ކަމަށެވެ.
ރާއްޖޭގައި ތިބި ޖުމްލަ ބިދޭސީންގެ އަދަދު މިހާތަނަށް ދެނެގެނަވިފައި ނުވާއިރު، މާލޭގެ ސަރަހައްދުގައި އެކަނި ވެސް ލައްކައަކަށް ވުރެ ގިނަ ބިދޭސީން އުޅޭކަމަށް ލަފާކުރެވެ އެވެ. އަދި ބަންގްލަދޭޝް މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރަ އެވެ.
ގިނަ ބިދޭސީން ރާއްޖޭގައި އުޅެމުން އަންނަނީ، ގަވައިދާއި ހިލާފަށްކަމަށް ވެފައި އެ މީހުންގެ އަތުގައި ކާކުކަން އަންގައިދޭ އެއްވެސް ލިޔެކިއުމެއް ނެތެވެ. ކުރީ ސަރުކާރުން ވެސް ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށާފައިވަނިކޮށް އެއަށް މަޑުޖެހުމެއް އައީ ކޮވިޑު-19 ގެ ސަބަބުންނެވެ. އޭގެ ފަހުން މި ސަރުކާރުން ވަނީ އޮޕަރޭޝަން ކުރަނގީގެ ނަމުގައި ޕްރޮގްރާމެއް މުޅި ރާއްޖެއަށް ފުޅާކޮށްފަ އެވެ.

