އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް އަންނަ މަހުގެ 12 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި މަހުގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ހިދުމަތްތައް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެމަނިކުފާނުވަނީ އެކަމުން ފުރަތަމަ އަހަރުގެ ތެރޭގައި އެކަނި ވެސް ރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވެގެންދާނެކަން ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ 59 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިގްތިސާދު ފުޅާކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށާއި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގް ސާވިސް މި މަހު ފެށިގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ، އަބަދު ދައްކާ ވާޙަކައެއްގެ ގޮތުއި ނުވެ، 2024 ގެ އޮގަސްޓު މަހުގެ ތެރޭގައި އެކަން ފެށިގެންދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތްތައް ފެށުމާއިއެކު ފުރަތަމަ އަހަރުގެ ތެރޭގައިވެސް ދިވެހިރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުކޮށްދޭނެކަމަށާއި އެއީ އެންމެ އަހަރެއްގައި އިތުރުވެގެންދާނެ މިންވަރުކަމަށް ހިއްސާކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އޭރުން ދަރަނި ކުޑަވެގެންދާނެކަމަށާއި އުފެއްދުންތެރިކަމާއި އަޅާ ބަލާއިރު ދަރަނި ދަށްވެގެންދިއުމުގެ އިތުރުިންވެސް ބޮޑެތި ފައިދާތައްވެގެންދާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ބިޒްނަސް ޕްރޮފިޓް ޓެކްސްއިން ފައިދާތައް ލިބިގެންދާނެއިރު ވަޒީފާތައް އިތުރުވެގެންދިއުމުގެ މަންފާވެސް ހާސިލުވެގެންދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޕީއެލް ފުޅާވެ ހަރުދަނާ ވެގެންދާނެކަމަށާއި ރައްޔިތުންނަށް އެކަމުގެ ފައިދާތައް ކުރާނެކަމަށްވުމުން ކުރެވެމުންދަނީ ފައިދާވަނިވި މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތްދެނީ ދުނިޔޭގެ މަޤްބޫލު މުދާ އުފުލާ އަދި ޝިފިންގ މަސައްކަތްތައް ކުރަމުންދާ ވިޓޯލް ބަންކާސްއާ ގުޅިގެންނެވެ. އެކި ސަރަހައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ސަޢީދު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތް ފެށުމަށް ދިން ބައެއް ތާރީޚުތަކަށް ބަދަލުއައުމުގެ ސަބަބުތަކުގެ ތެރޭގައި މޫސުން ތަންނުދިނުން ހިމެނޭކަމަށެވެ. ނަމަވެސް މިހާރު މަސައްކަތްކުރަމުންދަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ބަންކަރިންގެ ޚިދުމަތް ފެށުމަށްކަމަށެވެ.
އުތުރުގެ ބަންކަރިން ޚިދުމަތް ފޯރުކޮށްދޭ އުޅަނދުތަކަށް އިތުރު ޚިދުމަތްތައް ފޯރުވައިދިނުމަށް އެސްޓީއޯއާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާ ދެމެދުވެސް ފަހުމުނާމާއެއްގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

