ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސިޔާރު ފިކުރީ ރާޅުތަކުން ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ޖެހޭ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ކަސިޔާރު ފިކުރީ ރާޅުތަކުން އަޅުގަނޑުމެންގެ ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވެވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިންގެ އައިޑެންޓިޓީ އާލާކުރުމުގެ ވާހަކަ ދައްކާއިރު ސަމާލުކަމަށް ގެންނާންޖެހޭ މުހިންމު އެއް ޙަޤީޤަތަކީ ޤައުމުގެ އެއް މާނައަކީ މީހުންކަން ކަމަށެވެ. އަދި ޤައުމެއް ސަލާމަތްކުރުމުގައި އެންމެ މުހިންމު އެއް ކަމަކީ މީހުން ސަލާމަތްކުރުންކަން ކަމަށެވެ.

ރައީސް ވިދާޅުވީ ޤައުމެއްގެ މީހުންނަށް އަމާޒުކޮށް ހިންގޭ ދީނާ ޚިލާފު، ޤައުމާ ދެކޮޅު، މިނިވަންކަމަށް ނުރައްކާތެރިކަން ބޮޑު އެތައް ކަމެއް ހިންގަމުންދާ ކަމަށެވެ. އެ ކަންކަމުން ބޮޑެތި ފިކުރީ ކާރިސާތައް އައިސް ޤައުމުތައް އެފުށް މިފުށަށް ޖެހެމުން ދާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ފަހަކަށް އައިސް އެންމެ ބޮޑު ފުރޮޅުންތަކެއް މި ގޮތުން އައީ ގްލޯބަލައިޒޭޝަން ނުވަތަ ބަވަނަކުރުމުގެ ޠޫފާނުގެ ތެރޭން ކަމަށެވެ.

ޙަޤީޤަތުގައި މި ކަންކަމުގެ އެންމެ ފުނުގައި ހުންނަނީ ބާރުގަދަ ގައުމުތަކުން އިތުރަށް ބާރުވެރިވާން އެކަށައަޅައިފައި ހުންނަ އެޖެންޑާތައް. އެކަންކަން އަޅުގަނޑުމެންގެ މައްޗަށް ތަންފީޒުވާ އިރު އޭގެ ވަރަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރޭ. އެންމެ ބޮޑު ނުރައްކަލަކީ މިއީ ފިކުރުތަކެއް. ލޮލަށް ނުފެންނަ އޮއިވަރުތަކެއް. އެހެންކަމުން މި ފަދަ އޮއިވަރުތަކުގައި ޅަޖީލުތައް ބެހިގެންދާ އިރު، އެހެން އެކަން ވާކަން އިޙްސާސްކުރެވޭނީ ވަރަށް މަދުބަޔަކަށް.

މި ފަދަ އޮއިވަރުތަކުގައި ޤައުމުގެ ދީނަށް ހަމަލާދެވޭ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ޤައުމުގެ އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލެވޭ ކަމަށާ އެކަމަށްޓަކާ އެތަނެއްގެ ޤަދަރުވެރީންނާއި ދީނުގެ ޢިލްމުވެރީންގެ އަގުވައްޓާލެވޭ ކަމަށެވެ. އޭގެ އިތުރުން ރައީސް ވިދާޅުވީ ދީން ދިފާޢު ކުރުމުގެ އެންމެ ބޮޑު ޤާނޫނީ ބާރެއް އޮންނަނީ ޤައުމުގެ ވެރީންގެ ކިބައިގައި ކަމަށްވާތީ ވެރީންގެ އަގުވައްޓާ، މުއައްސަސާތައް ޤުރުބާންކޮށްލާ ކަމަށެވެ.

ރައީސް ވިދާޅުވީ ސޯޝަލް މީޑިޔާއާއި އެ ނޫންވެސް މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށް އުފެއްދޭ ތަފާތު އުފެއްދުންތަކުން ޤައުމުގެ މުޅި ޖަމާޢީ ސިކުނޑި ވިހަކޮށްލެވޭ ކަމަށެވެ. އެގޮތުން ކުޑަކުދީންނާއި ޒުވާނުންނާއި ހަރުމީހުންނަށް ދަންދެން ދީނާ ޚިލާފު، ޤައުމަށް ގެއްލުންހުރި އެތައް ވިސްނުންތަކަކާއި އަމަލުތަކެއްގެ ކަނޑަށް ޣަރަޤުކޮށްލާ ކަމަށެވެ.

އެކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެހެންވީމާ ރަށްގިރުމާއި އުދައެރުމުން އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތައް ސަލާމަތްކުރަން މަސައްކަތްކުރާ ފަދައިން، ކަސިޔާރު ފިކުރީ ރާޅުތަކުން އަޅުގަނޑުމެންގެ ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. މިކަމުގައި ކޮންމެ ބެލެނިވެރިއެއް، ކޮންމެ މުދައްރިސެއް އަދި ކޮންމެ ރައްޔިތެއްގެ އިސްނެންގެވުމަށް ރައީސް މުއިއްޒު އިލްތިމާސްކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: