ރާއްޖޭގެ ސިއްހީ ދާއިރާއަށް ބަންގްލަދޭޝްއިން ނަރުހުން ރެކްރޫޓުކުރުމަށް އެ ގައުމުގެ ފޮރިން ސެކްރެޓަރީ އެމްޑީ ޖަޝިމް އުއްދީން އެދިވަޑައިގެންފިއެވެ.
ބަންގްލަދޭޝްގެ ނޫސްތަކުން ރިޕޯޓުކުރާގޮތުން، ރާއްޖެއަށް ބަންގްލެދޭޝްއިން ނަރުހުން ގެނައުމުގެ މަސައްކަތްތައް ފަހިކުރުމަށް އެދިފައިވަނީ އެ ގައުމަށް ކަނޑައެޅިފައިވާ ހައިކޮމިޝަނަރު ޝިއުނީން ރަޝީދު އާއި ދެމެދު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައެވެ. އަދި ދެ ގައުމުންވަނީ ސިއްހަތާއި މަސްވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިންވެސް ގުޅުން ބަދަހިކުރުމުގެ މުހިންކަން ފާހަގަކުރައްވާފައިކަމަށާއި މިހާތަނަށް ބޭނުން ހިފިފައިނުވާ ފުރުސަތުތަކާއި މަގުތަކުގެ ބޭނުން ހިފައި ދެ ގައުމުގެ ދެމެދު އިތުރަށް ވިޔަފާރި ފުޅުން ވަރުގަދަކޮށް އެކި ދާއިރާތަކުން މަސައްކަތްތައް ކުރެވިގެންދާނެކަމަށް އުންމީދުކުރާކަމަށްވެސް ފޮރިން ސެކްރެޓަރީ ޖަޝިމް ވިދާޅުވިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުންވެސްވަނީ މަގާމާއި ހަވާލުވެވަޑައިގެންފައިވުމަށް އަނެކާއަށް މަރުހަބާ ވިދާޅުވެފައެވެ. ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވިދާޅުވީ، އެ ގައުމުން ރާއްޖެއަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އަދި ރާއްޖެއާއި ދެމެދުގެ ގުޅުމަށް ވަރަށް އަހައްމިޔަތު ދޭކަމަށްވެސް ހިއްސާކުރެއްވިއިރު އޭނާވަނީ ރާއްޖޭގައި އެ ގައުމުގެ މަސައްކަތްތެރިންނަށް ވަޒީފާގެ ފުރުސަތުތައް ކަށަވަރުކޮށްދީފައި އޮތުމަށް ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ހައި ކޮމިޝަނަރު ޝިއުނީން ވިދާޅުވީ، ބަންގްލަދޭޝްއަކީ މުހިންމު ސަރަހައްދީ ބައިވެރިއެއްކަމަށެވެ. އަދި އެ ގައުމުން ރާއްޖެއަށް ހިޖުރަކޮށް މަސައްކަތުގެ މާހައުލުގައި ޝާމިލުވެ އުޅޭ ފަރާތްތަކުގެ ހިދުމަތްތަކަކީ ތަރައްގީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރާ ހިދުމަތްތަކެއްކަމަށް ސިފަކުރެއްވިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. މި ބައްދަލުވުމުގައި ޝިއުނީންވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ލިޔެކިއުން ފުރިހަމަ ނުވާ ބަންގްލަދޭޝް ރައްޔިތުންގެ ރެގިއުލަރައިޒޭޝަން މަސައްކަތްތައް ފަށާނެކަންވެސް އެ ގައުމަށް އަންގަވާފައެވެ.

