އެމެރިކާ އާއި އިނގިރޭސިވިލާތުގެ ލޯންގް ރޭންޖު މިސައިލުތައް ރަޝިއާއަށް ހަމަލާދިނުމުގައި ބޭނުންކުރުމަށް ހުއްދަ ދިނުމަށް ޔޫކްރެނުން އަނެއްކާވެސް ގޮވާލައިފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ރަޝިއާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ރަޝިއާގެ މައްޗަށް ކުރި ހޯދުމުގެ ގޮތުން ބައެއް ވަސީލަތްތަކުގެ ބޭނުން ޖެހިފައިވާކަމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އެހެންނަމަވެސް ބައެއް ހުއްދަތައް ދިނުމުގައި އަމަލީ ސިފައެއް ޖެއްސުމަށް އެ ގައުމުތަކުން މަސައްކަތްތައް ފަށާފައިނުވާކަމަށް ބުނެފައިވެއެވެ.
އިނގިރޭސިވިލާތާއި އެމެރިކާގެ ލީޑަރުން ދީދި ފަހުން ބައްދަލުވުމާއިއެކު ޔޫކްރެއިން އިންވަނީ އަނެއްކާވެސް އެ ހުއްދަ ދިނުމަށް އެދިފައެވެ. އެހެންނަމަވެސް އަދިވެސް ލޯންގް ރޭންޖް މިސައިލްތަކުގެ ބޭނުން ހިފުމާއި ގުޅޭގޮތުން ކުރިން ނިންމާފައިވާ ނިންމުމަށް ބަދަލެއް އައިސްފައިވާކަމަށް ފެނިގެން ނުދާކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ.
އެ ގައުމުން އަނެއްކާވެސް އެ ފުރުސަތު ފަހިކުރުމަށް ގޮވާލާފައިވަނީ ރަޝިއާއިން އިތުރު ޑްރޯން ހަމަލާތަކެއް ދިނުމުންނާއި އާޓިލަރީ ބޭނުންކޮށްގެން އެ ގައުމުގެ ސަރަހައްދީ އިމުގެ ތެރެއަށް އަމާޒުކޮށް ހަމަލާ ދީފައިވުމުންނެވެ. ޔޫކްރެއިންގެ ޕްރެސިޑެންޝަލް އެޑްވައިޒަރު އަންޑްރީ ޔަރްމަކް ވިދާޅުވީ، ރަޝިއާގެ އަނިޔާވެރިކަން ފެށެނީ ހަތިޔާރު ގުދަންތަކާއި، ވައިގެ ބަނދަރުތަކުގެ އިތުރުން އެތެރޭގައި ބިނާކޮށްފައިވާ މިލިޓަރީ ބޭސްތަކުންކަމަށެވެ. އެހެންކަމުން ސަރަހައްދީ އިމުން އެކަށީގެންވާ މިންވަރެއް އެތެެރެއަށް ހަމަލާދިނުމަށް ހުއްދަ ދިނުމުން މައްސަލައިގައި އަވަސް ހައްލެއް ހޯދުމަށް ފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ.
ރިޕޯޓުތަކުގައިވާގޮތުން ހުޅަނގުން އުފައްދާ ލޯންގް ރޭންޖު ހަތިޔާރުތަކުގެ ބޭނުން ކުރުމަށް ހުއްދަ ދިނުމަށް ޔޫކްރެއިންއިން އެ ގައުމުގެ ބައިވެރިންގެ ގާތުގައި އެދިފައިވެއެވެ. އެހެންނަމަވެސް މިހާތަނަށް އެމެރިކާއިން ހުއްދަ ދީފައިވަނީ ރަޝިއާ ޔޫކްރެއިން ބޯޑަރުގައި ލިމިޓުކޮށްފައިވާ ސަރަހައްދެއްގައި އެ ގައުމުގެ ހަތިޔާރުތައް ބޭނުންކުރުމަށްކަމަށާއި އިނގިރޭސި ބޮޑުވަޒީރު ކިއިރް ސްޓާރމާރ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެމު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އެ ވާހަކަތައް ދައްކާނެކަމަށް ގަބޫލުކުރެވިފައިވާނަމަވެސް އެކަމާއި ގުޅޭ އެއްވެސް އިއުލާނެއް ކޮށްފައިނުވާކަމަށެވެ.
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ގެންދަވަނީ އެމެރިކާ އަދި އެހެނިހެން ބައިވެރިންނަށްވެސް ހުޅަނގުގެ ހަތިޔާރުތައް ބޭނުންކުރުމަށް ހުއްދަ ދިނުމަށް އެދެމުންކަމަށާއި، ރަޝިއާއިންދަނީ ފިނި މޫސުމާއި ގާތްކޮށް ޔޫކްރެއިންގެ ކަރަންޓާއި ފެން ފަދަ ހިދުމަތްތަކަށް ބުރު އަރާގޮތަށް ހަމަލާ ދެމުންކަމަށް ބުނެފައިވެއެވެ.

