ސިނާއީ ބޭނުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން 12 ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.
އެޗްޑީސީން ބުނެފައި ވަނީ ވިއްކުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތެރޭގައި ހިމެނެނީ، ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކާ، 3,689 އަކަފޫޓާއި 3,746 އަކަފޫޓާ ދެމެދުގެ 12 ބިމެއްކަމަށެވެ.
ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލާފައިވާ މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮށްމެ ދިވެހި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅިދާނެއެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާންވާން ޖެހޭކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނެފައިވަނީ ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ.
ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ އޯ އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ. ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 7،500ރ. އެވެ. ކޮންމެ ފަރާތަކަށްވެސް ޖުމްލަ 03 ބިން ގަނެވިދާނެ ކަމަށް އެޗްޑީޗީން ވަނީ ބުނެފައެވެ.
ބީލަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށެވެ. އެގޮތުން، މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު ބިޑް ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުއްވައިގެން ވެސް ސާފުކުރެއްވޭނެއެވެ.

