ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހިންގެ ސުލްޙަވެރި، އޮމާން ދިވެހިގޮތްތައް ހިފެހެއްޓުން ބޭނުންތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، އެ މަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުން ހިއްސާކުރެއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި ރައީސް ވަނީ، ފަތުރުވެރިކަމުގެ ބިންގަލަކީ، މިތުރުވެރިކަމާއި، އެކުވެރިކަމާއި، ހިތްހެޔޮކަމާއި އަމާންކަމާއި ރައްކާތެރިކަން ކަމުގައި ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކޮށްފައިވަނީ 2022 ވަނަ އަހަރުގައެވެ. އެ ދުވަސް ފާހަގަކުރަނީ 1972 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު، ”ކުރުނބާ ވިލެޖް“ގެ ނަމުގައި، މާލެއަތޮޅު ވިހަމަނާފުށީގައި ރާއްޖޭގެ ފުރަތަމަ ރިޒޯޓް ހުޅުވި ދުވަހާ ގުޅުވައިގެންނެވެ.

