ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އިން ޕްރޮޖެކްޓެއް މިއަދު ތައާރަފްކޮށްފިއެވެ.
ކުނި މެނޭޖްކުރުމުގައި މުޖުތަމައުތަކަށް ދެމެހެއްޓެނިވި މާހައުލެއް ހޯދައިދިނުމަށް ހިންގާ މި ޕްރޮޖެކްޓްގެ ދަށުން ކުނި މެނޭޖްކުރާ ފެސިލިޓީތަކަށް ބޭނުންވާ އަލާތްތައް ހޯދުމަށް މާލީ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރެޖްކްޓްގެ ދަށުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅޭނީ ހަމައެކަނި މަދަނީ ޖަމިއްޔާތަކަށެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗަރޖް އޮފް ދަ ބޭންކް ޢާއިޝަތު ނޫރައްދީން ވިދާޅުވީ، އެ ޕްރޮޖެކްޓުން ދައްކައިދެނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމަށް އެ ކުންފުނިން ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓް މެދުވެރިކޮށް މަދަނީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމަށް އެ ކުންފުނިން ޝައުގުވެރިވާ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން ނޫރައްދީން ވިދާޅުވީ،، ކުނި މެނޭޖްކުރުމުގެ ހައްލުތައް ހޯދައިދިނުމުގެ އިތުރުން މިހާރު ހުރި ނިޒާމުތައް އިތުރަށް ތަރައްގީކޮށް ރާއްޖެއަށް ސާފު އަދި ފެހި މުސްތަގުބަލެއް ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. ރާއްޖޭގައި ދެމެހެއްޓެނިވި ތަރައްގީ ހޯދައިދިނުމާއި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެފަދަ މަޝްރޫއުތައް މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސްއިން އަންނަނީ މުޖުތަމައަށް އެހީތެރިވަމުންނެވެ.
ޖަމިއްޔާތަކުން އީމެއިލް މެދުވެރިކޮށް community@bml.com.mv އަށް 21 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ހުށައެޅުމަށް ވަނީ އެދިފައެވެ. އަދި މި ޕްރޮޖެކްޓާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް ލިންކް އިން ލިބޭނެ ކަމަށް ވަނި މައުލޫމާތު ދެއްވައިފައެވެ.

