ކ. ހުވަފެންފުށި ކައިރީގައި އޮތް ފަޅުރަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުހައްމަދު ހޯދުމަށް އިންޓަޕޮލްއިން ރީނދޫ ނޯޓިސް ނެރެފިއެވެ.
އެންގޭޖްމެންޓު ޕާޓީއަކާއި އަދި އުފަންދުވަހެއް ފާހަގަކުރުމަށްޓަކައި ތަސްލީމާއި އިތުރު 25 މީހުންގެ ގްރޫޕެއް ފިނޮޅަކަށް ގޮސްފައިވަނީ އޮގަސްޓު މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތުއެވެ. އަދި އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޖެހިގެން އައި ދުވަހުގެ މެންދުރު 13:30 ހާއިރު ކަަމށް ފުލުހުން ބުނެފައިވެއެވެ.
ތަސްލީމް ހޯދުމަށްޓަކައި އެމްއެންޑީއެފުން ވަނީ އެ ފިނޮޅު ވަށައިގެން 5،000 އަކަފޫޓުގެ ސަރަހައްދެއް ބެލުމުގެ އިތުރުން ފިނޮޅު ކައިރިން ކަނޑުގެ އަޑިން 3،000 އަކަފޫޓުގެ ސަރަހައްދެއް ވެސް ބަލައިފައިވެއެވެ. އެހެންނަމަވެސް އެމްއެންޑީއެފްއިން މީޣެކުރިން ބުނެފައިވަނީ ތަސްލީމް ގެއްލުނީ މޫދަށް ކަން ކަށަވަރު ނޫން ކަމަށެވެ.؛
މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ ތަސްލީމް ހޯދުމަށް އިންޓަޕޮލްގެ ޔެލޯ ނޯޓިސް ނެރެފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އަދި އިންޓަޕޮލް މެދުވެރިކޮށް އާންމުކުރާ ނޯޓިސްތަކެއް ކަމަށާއި އެހެންނަމަވެސް އެފަދަ ކޮންމެ ނޯޓިސްއަކީ އާންމުންނަށް ފެންނަ ގޮތަށް އިންޓަޕޯލްގެ ވެބްސައިޓުގައި އާންމުކުރާ ނޯޓިސްތަކެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރީނދޫ ނޯޓިސްއަކީ މީހަކު ގެއްލުމުން އެ މީހަކާ ބެހޭ މައުލޫމާތެއް ލިބިއްޖެނަމަ ހިއްސާކުރަން އެދި ނެރޭ ބައިނަލްއަގުވާމީ ނޯޓިސްއެވެ. އެއީ މީހަކު ވަގަށް ނެގުމުން ނުވަތަ ވީނުވީއެއް ނޭނގި ގެއްލުމުން އެ މީހަކު ހޯދުމުގައި އެހީތެރިކަމަށް އެދި ނެރޭ ނޯޓިސް އެކެވެ. މީގެކުރިން ދިވެއްސަކާ ބެހޭ ގޮތުން އިންޓަޕޯލްއިން ނޯޓިސްއެއް ނެރެފައިވަނީ ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެ މައްސަލާގައި އޭނާ ހޯދުމަށެވެ.
ތަސްލީމް ގެއްލުނު މައްސަލާގައި ސީރިއަސް ގިނަ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ޖިނާއީ މައްސަަލައެއްގެ ގޮތުގަ އެވެ.
އެންމެ ފަހުން ތަސްލީމު ފެނިފައިވަނީ 30 އޮގަސްޓު 2024 ވަނަ ދުވަހު ހެދުނު 7:45 އާއި 9:00 އާ ދޭތެރޭގައެވެ. އޭނާ މާލެ ދާން ބޭނުންވާ ވާހަކަ ބުނުމުން އެދުވަހު ހެދުނު 10:00 އާއި 11:00 އާ ދޭތެރޭ މާލެ ފުރި ލޯންޗަކުން އޭނާ މާލެ ފޮނުވާލުމަށް ބަލާލިއިރު ތަސްލީމު ނުފެނުނެވެ. އެހެން ލޯންޗަކުން އޭނާ މާލެ ދިޔަތޯ ދަތުރުގެ ބައިވެރިން ވަނީ ތަސްލީމުގެ އާއިލާއަށް ގުޅައި މައުލޫމާތު ހޯދާފައެވެ. އޭނާ މާލެ ނުދާ ވާހަކަ އާއިލާއިން ބުނުމުން ވަގުތުން އޭނާ ހޯދުމުގެ މަސައްކަތް ރައްޓެހިން ވަނީ ފަށާފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގައި މިހާތަަނަށް ތަސްލީމުއާ އެކީ ދަތުރުދިޔަ ގުރޫޕުގައި ހިމެނޭ މީހުންނާއި އެފަސްގަނޑަށް ދަތުރުގޮސް ތިބި އިތުރު ގުރޫޕުގެ 12 މީހުންނާއި ވަނީ ސުވާލުކުރެވިފައެވެ. އަދި ތަސްލީމު އާންމުކޮށް ގޮސް އުޅޭ ތަންތަނާއި ތަސްލީމު އެހެން ލޯންޗަކުން މާލެ އައިތޯ ފުލުހުން ވަނީ ބަލާފައެވެ.

