ކުރިއަށް އޮތް 5 ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި މޫސުން ގޮސްވާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޮރިޓީ އެދިއްޖެއެވެ.
2024 އޮކްޓޫބަރ 06 ވީ އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން ކުރިއަށް އޮތް 5 ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި ގަޑިއަކު 15 މޭލާއި 25 މޭލު ބާރުމިނުގައި ވައިގަދަވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ދެކުނުގެ ސަރަހައްދުގައި 13 މޭލާއި 23 މޭލު ބާރުމިނުގައި ޖެހި، ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ކަނޑުތައް ގަދަވާނެ ކަމަށާއި އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން، ދިޔަވަރުބޮޑުވާ ގަނޑިތަކުގައި އުދައިގެ އަސަރު ކުރަމުަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.
ވިއްސާރައާއި ގުޅިގެން، އާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެެ. މީގެ އިތުރުން، ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުމާއި، ގޭގެެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެހުންފަދަ ކަންކަން ރައްކާތެރިވުމުގެ ފިޔަވަޅުގެ ގޮތުން އެޅުމަށް ވަނީ އެދިފައެވެ.ި ފެންބޮޑުވުމާއި ގުޅިގެން ގެއްލުންވާނެ ފަދަ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުމަށްވެސް ވަނީ އެދިފައެެވެ.
ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާ ގޮތަކަށް ހައްޔަރުކުރުމަށްވެސް ވަނީ އެދިފައެވެ. އަދި ކަރަންޓް ބޭނުންނުކުރާނަމަ، އެފަދަ ތަކެތި ނިއްވާލުމަށް ވަނީ އެދިފައެވެ.
ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވެ، ދަތުރަށް ނިކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަޤީންކުރުން މުހިންމެވެ. އަދި ދަތުރު ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާއި ބެހޭ އިދާރާތަކުން ހޯދުން ހިމެނެއެވެ.

