ދިވެހިރާއްޖެ ބަނގުރޫޓު ނުވާކަމަށާއި ރާއްޖެއިން ބައިނަލްއަގުވާމީ މާލީ އިދާރާ އައިއެމްއެފްއިން އެފަދަ ހާލަތްތަކުގައި އެހީތެރިވެދިނުމަށް ފަރުމާކޮށްފައިވާ ބެއިލް އައުޓް ޕްރޮގްރާމެއްގައި ބައިވެރިނުވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ނޫހެއްކަމަށްވާ ”ބީބީސީ“ އިން ރިޕޯޓުކޮށްފައިވާގޮތުން ރައީސް މުއިއްޒުވަނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ހާލަތުން އަރައިގަނެވޭނެކަމުގެ ޔަގީކަން އޮތްކަމަށް ހިއްސާކުރައްވާފައެވެ. އަދި ފަސް ދުވަހުގެ މުއްދަތަކަށް އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ މާލީ އެހީތެރިކަން ހޯދުމަށް އެދިވަޑައިގަންނަވާނެކަމަށް ބެލެވޭކަމަށެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ފޮރިން ރިޒާވުގައި ހުރި ފައިސާގެ އަދަދު 440 މިލިއަން ޑޮލަރަށް ވެއްޓިފައިވާ ދަނޑިވަޅުގައި ބީބީސީއަށް ދެއްވި އިންޓަރވިއުއެއްގައި ރައީށް މުއިއްޒުވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތު ހުރި ގޮތް އިންޑިއާއަށް ފުރިހަަމައަށް ސާފުވާނެކަން ހާމަކުރައްވާފައެވެ. އަދި އެ ގައުމަކީ ރާއްޖޭގެ ތަރައްގީގައި އެންމެ މުހިންމު އެއް ބައިވެރިޔާކަމަށްވުމުން އަބަދުވެސް ދިވެހިރާއްޖެއަށް ދަތި ހާލަތެއް ކުރިމަތިވުމުން ލުއި ދިނުމަށް ތައްޔާރަށް އޮންނަކަމަށާއި ދަތިތަކަށް ހައްލުތައް ހޯދައި ދިނުމަށްޓަކައި އެއްބާރުލުން ލިބިގެންދާކަމަށެވެ.
މި އިންޓަރވިއުގައި ސީދާ ގޮތެއްގެ މަތިން އިންޑިއާ އައުޓް ހަރަކާތާއި ގުޅޭގޮތުން ރައީސް ވާހަކަ ނުދައްކަވާކަމަށް އެ ނޫހުން ބުނެފައިވެއެވެ. އެހެންނަަމަވެސް އެއް ގައުމުން އަނެއް ގައުމުގެ ހާލަތު ބަލައިގަތުމާއި މަޝްވަރާތައް މެދުވެރިކޮށް ގައުމުތަކުގެ ދެމެދު އުފެދޭ ތަފާތުތަކުން އަރައިގަނެވޭނެކަން ޔަގީންވެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިކަމަށެވެ.
ރައީސްވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތާއި ގުޅުވައި ބައިނަލްއަގުވާމީ ރޭޓިންގް އެޖެންސީތަކުން ދެމުންދާ އިންޒާރުތަކުގެ މައްޗަށްވެސް މި ފުރުސަތުގައި އަލިއަޅުއްވާފައެވެ. އެމަނިކުފާނު ބީބީސީއަށް ހިއްސާކުރެއްވިގޮތުން ދިވެހިރާއްޖެ އޮތީ ބަނގުރޫޓުވެފައި ނޫންކަމަށެވެ. އަދި އައިއެމްއެފްއިން އެފަދަ ހާލަތްތަކުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފަރުމާކޮށްފައިވާ ބެއިލް އައުޓް ޕްރޮގްރާމެއްގައިވެސް ރާއްޖެއިން ބައިވެރިނުވާނެކަމަށާއި ރާއްޖެއިން އެ މައްސަލައިން އަރައިގަތުމަށް އަމިއްލަ ސިޔާސަތުތަކެއް ގެންގުޅޭކަަމަށެވެ.

