ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދ ރައްޔިތުން މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރި ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތީ އުފާވެރި އަދި އުއްމީދީ ދުވަސްތަކެއް ކަމަށެވެ. އަދި މި ދަތުރުފުޅުގައި ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުފުޅު ވެގެންދާނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
ޤާސިމްވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ އިތުރުން ގުޅުން ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ރައީސްއަށް އިލްތިމާސްކޮށްފައެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިޖުތިމާއި އަދި އިގުތިސާދީ ތަރައްގީގެ އައު އުސްމިންތަކެއް ހާސިލުކުރުމަށް އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއް ކަމަށްވެސް ޤާސިމްވިދާޅުވިއެވެ.
ރައީސް އާއި އެމަނިކުފާނުގެ އަނބިކަބަލުން މޭޑަމް ސާޖިދާ ވަނީ އިންޑިއާއަށް ފުރަމާނަ ދަތުރެއްގައި ފުރާވަޑައިގަތްފައެވެ. ރައީސްގެ ދެކަނބަލުން މިހިނގާ އޮކްޓޯބަރުމަހުގެ 6 އިން 10 އަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

